ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 18:53
ހައްޔަރުކުރި ސިފައިން (ކ-ވ): ފައްތާޙު، ޝާނީޒް، ސިމާދު
ހައްޔަރުކުރި ސިފައިން (ކ-ވ): ފައްތާޙު، ޝާނީޒް، ސިމާދު
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ޙާލަތު
އެސްޕީޖީ ސިފައިން ހައްޔަރުކުރީ ފުލުހުންގެ ވީޑިއޯގެ މައްސަލައިގައި!
ތިން މީހުން ވެސް ވަނީ ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައި
ސިމާދު އަދި ޝާނީޒް ބަންދުކޮށްގެން ހަފްތާއަކަށް ވުރެ ގިނަ ދުވަހު ދާދި ފަހުން ސިފައިން ގެންގުޅުނު

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގައި މަސައްކަތްކުރި ސިފައިންގެ ތިން މީހަކު ރޭ ހައްޔަރުކުރީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ 'ފުލުހުންގެ' ވީޑިއޯގެ މައްސަލައިގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރޭ ހައްޔަރުކުރީ އެސްޕީޖީގައި މަސައްކަތްކުރި ސިމާދު އަހުމަދު، އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހުއެވެ. މީގެ ތެރެ އިން ޝާނީޒް އާއި ސިމާދު ދާދިފަހުން ސިފައިންގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅުމަށް ފަހު ދޫކޮށްލައި ސިފައިންގެ ވަޒީފާ އިން ވަކިކުރިއެވެ. އަދި ފައްތާހު ވަނީ ކުރިން ސިފައިންގެ އިން ވަކިކޮށްފައެވެ.

މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ބުދަ ދުވަހުގެ ރޭ ތިން މީހުން އެއްކޮށް އާއިލާއާ އެކު ބޮޑުތަކުރުފާނުމަގު ގާޑިއަލެއް ކައިރީގައި ތިއްބައެވެ. އަދި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ. އެ 3 މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޔުނިފޯމާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބި ބަޔަކު، މޫނު ނިވާކޮށްގެން ތިބެ، ގާނޫނާ ހިލާފު އެއްވެސް އަމުރަކަށް ފުލުހުން ކިޔަމަން ނުވާނެ ކަމަށާއި ގާނޫނާ ހިލާފު އަމުރުތައް ކުރުން ނުހުއްޓައިފި ކަމުގައިވާ ނަމަ އޭޕްރީލް 1 ވަނަ ދުވަހު ފުލުހުންގެ މުއައްސަސާގެ ދިފާއުގައި ނުކުންނާނެ ކަމަށް ބުނާ ވީޑިއޯގެ މައްސަލައިގައި ކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

އެވީޑިއޯގައި ބުނެފައި ވަނީ މިގޮތަށް ފުލުހުން ބައްދަލުކޮށްލަންޖެހެނީ، ފުލުހުން ބޭނުންކޮށްގެން ގާނޫނު އަސާސީއާ ހިލާފު އެތައް ކަމެއް ކުރަމުންދާތީ އާއި އެތައް ބަޔަކު ފްރޭމްކޮށް އެތައް އާއިލާތަކަށް އަނިޔާތައް ކުރަމުންދާތީ ކަމަށެވެ.

މިވީޑިއޯގައި އިތުރަށް ބުނެފައި ވަނީ ގާނޫނާ ހިލާފު އެއްވެސް އަމުރަކަށް ފުލުހުން ތަބާނުވާނެ ކަމަށާއި ފުލުހުންނަށް އަންނަ އޯޑަރަށް ކުރާ ކަންކަމުގައި ވަކި ފުލުހުން އޭގެ ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ބުނާ އިރު ވަކިވަކި ފުލުހުން ހައްޔަރު ކުރަމުންދާ ކަމީ ކަންބޮޑުވާ ކަމެއް ކަމަށް ވީޑިއޯގައި ބުނެފައިވެއެވެ.

ފުލުހުންގެ މުއައްސަސާއަކީ ޕީޕީއެމްގެ ޖަގަހަކާ އެއްފަދަވެފައިވާ ކަމަށާއި ފުލުހުން ބޭނުންކޮށްގެން ކުރަމުންދާ ޖިނާއީ ކުށްތަކަށް ލައްކަ ދުވަހު ކެތް ކުރެވިއްޖެ ކަމަށް ބުނެފައިވެއެވެ. ދެން އިތުރަށް އެންމެ ދުވަހަކު ވެސް ކެތް ނުކުރާނެ ކަމަށާއި ފުލުހުންގެ މުއައްސަސާއަކަށް އެއްވެސް ސިޔާސީ ޕާޓީއެއް މުހިއްމު ނޫން ކަމަށް އެ ވީޑިއޯގައި ބުނެފައި ވެއެވެ. އެ މުއައްސަސާއަށް މުހިއްމީ ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުން ކަމަށް ވެސް ވީޑިއޯގައި ބުނެފައިވެއެވެ.

އެސްއޯ ޔުނީފޯމްގައި ތިބި ބަޔަކު ސަރުކާރަށް އިންޒާރުދޭ ވީޑިއޯއާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ދިވެހި ގައުމީ ފުލުހުން ކަމަށް ބުނެ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި މިހާ ހިސާބަށް އައިރު އެ ވީޑިއޯ އިން ފެންނަނީ ފުލުހުން ކަން ޔަގީން ކުރެވިފައިނުވާ ކަމަށެވެ.

ތަހުގީގު ކުރިއަށްދާ މިންވަރުން މިކަމުގެ މައުލޫމާތުތައް ހާމަކުރާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 މާރޗް 2018 | ބުރާސްފަތި 15:02
ކޮންމެ މީހަކަށްވެސް
މިދުވަސް އަންނާނެ ކޮންމެ މީހަކަށްވެސް