ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 18:40
ރާއްޖެއަށް ޒިޔާރަތް ކުރި އީޔޫގެ ވަފުދާއި ފޮރިން މިނިސްޓަރު ބައްދަލުކުރައްވަނީ
ރާއްޖެއަށް ޒިޔާރަތް ކުރި އީޔޫގެ ވަފުދާއި ފޮރިން މިނިސްޓަރު ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
އީޔޫ ޕާލިމެންޓަށް ސަރުކާރުގެ ރައްދު: ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ނުޖެހޭ
ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދިގު ދެންމެވުމުގެ ވިސްނުމެއް ސަރުކާރަކު ނެތް
އީޔޫ ޕާލިމެންޓުން ވަނީ މި އަމުރު ތަންފީޒުކުރުމަށް ގޮވާލައްވާފައި
އެ އަމުރު ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ސަރުކާރަށް ލާޒިމެއް ނޫން

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ޔޫރަޕްގެ އިއްތިހާދުން ގޮވާލި ނަމަވެސް ނުޖެހޭ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ޔޫރަޕިއަން ޔޫނިއަންގެ ޕާލިމެންޓުން ރާއްޖޭގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފާސްކުރި ގަރާރަށް ރައްދު ދިނުމުގެ ގޮތުން ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން ގާނޫނީ ގޮތުން ދިވެހި ސަރުކާރަށް ލާޒިމުނުވާ ކަމަށެވެ. އެއީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެ ކޯޓުން ނެރުނު އަމުރާ އެކު 1 ފެބްރުއަރީގެ އަމުރުގައިވާ ބައެއް ބައިތަށް ބާތިލުވެފައިވުމާއި 18 ފެބްރުއަރީގައި އެ ކޯޓުން ނެރުނު އަމުރާ އެކު 1 ފެބްރުއަރީގެ އަމުރުގައި ހިމެނޭ ބައެއް ބައިތައް ސަސްޕެންޑް ކުރެވިފައިވާތީ ކަމަށް މި ބަޔާނުގައިވެއެވެ.

އީޔޫ ޕާލިމެންޓުން ފާސްކުރި ގަރާރުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލާފައިވާ އިރު ދިވެހި ސަރުކާރުން ވަނީ އެ ހާލަތު އިތުރަށް ދިގު ދެއްމުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމާ އެކު ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ބުނެފައި ވެއެވެ. ހަމައެހެންމެ ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް އީޔޫގެ އެހީތެރިކަން ބޭނުންވާ ކަމަށް ވެސް މި ބަޔާނުގައި ވެއެވެ.

ހަމައެހެންމެ ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އީޔޫ އިން ފޯރުކޮށްދެމުންދާ އެހީތެރިކަން ބަލައިގަންނަ ކަމަށާއި މިނިވަން އިންސާފުވެރި އިންތިހާބަކަށް މަގުފަހިކޮށްދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް ސަރުކާރުން ވަނީ އީޔޫ އިން ޔަގީންކަން އަރުވާފައެވެ.

ދިވެހި ސަރުކާރުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ނުޖެހޭނެ ކަމަށް ބުނެފައިވާއިރު އީޔޫ ޕާލިމެންޓްގައި ވާހަކަ ދެއްކެވި މެމްބަރުން ވަނީ އެ އަމުރު ތަންފީޒުކޮށް ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށް ގޮވާލައްވާފައެވެ.

އީޔޫ ޕާލިމެންޓުން ފާސްކުރި ގަރާރުގައި ވަނީ ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހަނިކޮށް، ހިފެހެއްޓުމަށް ބާރުދީ އެކަން ކުރުމުގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓެއް އެކުލަވާލުމަށް ވަނީ ފާސްކޮށްފައެވެ. ހަމައެހެންމެ ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިންގެ އެކައުންޓްތަކާ މުދާ ފްރީޒް ކުރަން ޖެހިދާނެ ކަމަށް ވެސް މި ގަރާރުގައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 މާރޗް 2018 | ބުރާސްފަތި 14:59
ހިތިބޮންޑިއެއްބޯން
ތިޔައުލެނީ ހިތިބޮންޑިއެއްބޯން