ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 18:38
މިއީ ރާއްޖެއަށް ފިޔަވަޅު އެޅުމަށް އީޔޫ ޕާލިމެންޓުން ފާސްކުރި ދެވަނަ ފަހަރު
މިއީ ރާއްޖެއަށް ފިޔަވަޅު އެޅުމަށް އީޔޫ ޕާލިމެންޓުން ފާސްކުރި ދެވަނަ ފަހަރު
ގޫގުލް
އީޔޫ - ދިވެހިރާއްޖެ
ރާއްޖޭގެ އިސްވެރިންނަށް ފިޔަވަޅު އަޅަން ކައުންސިލްގައި އެދެން އީޔޫ ޕާލިމެންޓުން ނިންމައިފި
ބޭރުގައިވާ އެ ފަރާތްތަކުގެ އެކައުންޓްތަކާއި މުދާ ފްރީޒްކުރުމަށް ހުށަހަޅާފައިވޭ
ދިވެހި ސަރުކާރުގެ މައްޗަށް ތުޙުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގޮވާލުމަށް ވަނީ ހުށަހަޅާފައި
ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ފަރާތްތައް މިނިވަންކުރުން ވެސް ހިމެނޭ

ދިވެހި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް، ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ މެންބަރުން އެ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށް، ވިލާތުގެ އިއްތިހާދުގެ ކައުންސިލަށް ފޮނުވުމަށް ނިންމައިފިއެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ހަތް ކޯލިޝަނަކުން އެ މަޖިލީހަށް ހުށަހަޅާފައިވާ ވަކިވަކި ހަތް މޯޝަނެއްގައި، ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ގޯސްވެ، ކޮރަޕްޝަން އިންތިހާއަށް ގޮސް، ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، އިދިކޮޅު ސިޔާސީ ހަރަކާތް ހުއްޓުވާފައިވާކަން ފާހަގަކޮށް، އެ ކަންކަން އިސްލާޙު ނުކުރާ ނަމަ، ދިވެހި ސަރުކާރުގެ ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކައުންސިލްގައި ވަނީ އެދިފައެވެ.

ހަތް ގްރޫޕުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހަނިކޮށް، ހިފެހެއްޓުމަށް ބާރުދީ އެކަން ކުރުމުގައި ބައިވެރިވާ ފަރާތްތަކުގެ މުދާ ވިލާތުގެ ޤައުމުތަކުގައި ހުރިނަމަ އެ މުދާ ހިފަހައްޓައި، އެފަރާތްތަކަށް ވިލާތަށް ދަތުރުކުރުން މަނާ ކުރުމަށް ވަނީ ކައުންސިލަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން ރާއްޖޭގެ ހާލަތު ރަނގަޅުކުރަން މަސައްކަތް ނުކުރާ ނަމަ ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ދޭ ހުރިހާ އެހީއެއް ކަނޑާލުމަށްވެސް އީޔޫގެ ޕާލިމެންޓްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.

ސުޕްރީމް ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް މަރުހަބާ ކިޔައި، މި ޤަރާރުގައި އެ މަޖިލީހުގެ މެންބަރުން ވަނީ އެ އަމުރު ތަންފީޒު ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ. އަދި ހަމަ މިއާއިއެކު، އެއްވެސް ޝަރުތެއް ނެތި، މިހާރުން މިހާރަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައިދާއި، ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރުމަށް އެ މަޖިލީހުން ވަނީ ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހާއި ޝަރުޢީ ދާއިރާގެ ބާރުތައް ހިފަހައްޓައި، ތިންބާރު އެއްވަމުންދާ ދިއުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ރާއްޛޭގައި ޤާނޫނުގެ ވެރިކަން ހިންގުމަށްވެސް އީޔޫގެ ޕާލިމެންޓްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން، ސުޕްރީމް ކޯޓުގެ މަސައްކަތުގެ ތެރެއަށް ސަރުކާރުން ވަނުން ހުއްޓާލައި، ޝަރުއީ ދާއިރާ މިނިވަންކަމާއި އެކު މަސައްކަތް ކުރުމަށް ޖާގަ ދިނުމަށާއި، ފަނޑިޔާރުންނާއި، ވަކީލުންނާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ހުއްޓާލައި، އެފަރާތްތަކަށް މިނިވަންކަމާއިއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކުރުމަށްވެސް އީޔޫގެ ޕާލިމެންޓްގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.

ހަމަ މިއާއިއެކު ރާއްޖޭގެ މަސްރަހު ހަމައަކަށް އެޅުވުމަށް، މެދުވެރިއެއްގެ ގޮތުގައި އދ ބައިވެރިވެގެން ސިޔާސީ މަޝްވަރާތައް ކުރުމަށްވެސް އެ މަޖިލީހުން ވަނީ ގޮވާލާފައެވެ. އަދި މި މަސައްކަތުގައި ވިލާތުގެ އިއްތިހާދާއިއެކު އިންޑިއާ އާއި ޗައިނާ ބައިވެރިވުމަށްވެސް އެ މަޖިލީހުގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.

ޤަރާރުގައި ބުނެފައިވާ ގޮތުން އެ މަޖިލީހުން ދެކޭ ގޮތުގައި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ފުރަތަމަ ފިޔަވަޅަކަށްވާނީ ޖަލުގައި ތިއްބެވި ސިޔާސީ ލީޑަރުން މިނިވަން ކުރުމެވެ. އޭގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ފަރާތްތައް މިނިވަން ކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

މި ގަރާރު ފާސްވުމުން މި ކަންކަމާ މެދު ދެން ގޮތެއް ނިންމުމަށް ހުށަހަޅާނި އީޔޫގެ މިނިސްޓީރިއަލް ކައުންސިލަށެވެ. އެ ކައުންސިލުން ނިންމުމުން އެ ޖަމާއަތުގެ ގައުމުތަކުން އެ ގަރާރުގައި ހުރި ކަންކަން ތަންފިޒުކުރަންޖެހޭނެއެވެ.

މީގެ ކުރިން ވެސް ރާއްޖެއާ ބެހޭ ގަރާރެއް އީޔޫ ޕާލަމަންޓުން ފާސްކޮށް ކައުންސިލްގައި އެދިފައި ވެއެވެ. ނަމަވެސް އެ ފަހަރު ކައުންސިލުން ނިންމާފައި ވަނީ މަޝްވަރާތަކަށް ފުރުސަތުދީ އަދި ދިވެހި ސަރުކާރަށް ކަންކަން އިސްލާހުކުރުމަށް ވަގުތު ދިނުމުގެ ގޮތުން ފިޔަވަޅު އެޅުން މަޑު ޖައްސާލުމަށް ނިންމާފައެވެ. ނަމަވެސް އެ ފަހަރު ވެސް ރާއްޖޭގެ ކަންކަން އިސްލާހުކުރުމަށް އެ ކައުންސިލުން ގޮވާލާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް