ކ. މާލެ
|
14 މާރޗް 2018 | ބުދަ 19:48
އީޔޫ ޕާލިމެންޓް
އީޔޫ ޕާލިމެންޓް
ގޫގުލް
އީޔޫ ޕާލަމެންޓްގައި ރާއްޖެ
ދިވެހި ސަރުކާރުގެ ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އީޔޫ ޕާލިމެންޓަށް ހުށަހަޅައިފި
7 ގްރޫޕަކުން ވަނީ ހުށަހެޅުން ހުށަހަޅާފައި
ސަރުކާރުގެ އިސް ފަރާތްތަކުގެ އޯފްޝޯރ އެކައުންޓްތައް ފްރީޒް ކުރުމަށް ވަނީ ހުށަހަޅާފަައި
ޤަރާރު ފާސްކުރުން އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު

ދިވެހި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް، ވިލާތުގެ އިއްތިޙާދުގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ މެންބަރުން އެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ހަތް ކޯލިޝަނަކުން އެ މަޖިލީހަށް ހުށަހަޅާފައިވާ ވަކިވަކި ހަތް މޯޝަނެއްގައި، ރާއްޖޭގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ގޯސްވެ، ކޮރަޕްޝަން އިންތިހާއަށް ގޮސް، ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، އިދިކޮޅު ސިޔާސީ ހަރަކާތް ހުއްޓުވާފައިވާކަން ފާހަގަކޮށް، އެ ކަންކަން އިސްލާޙު ނުކުރާ ނަމަ، ދިވެހި ސަރުކާރުގެ ވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވަނީ ހުށަހަޅާފައެވެ.

އެ ހަތް ގްރޫޕުން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހަނިކޮށް، ހިފެހެއްޓުމަށް ބާރުދީ އެކަން ކުރުމުގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް އަޅާނެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓެއް އެކުލަވާލުމަށް އެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.

ހަމަ އެއާ އެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަކިވަކި ފަރާތްތަކުން ޤާނޫނު ވެރިކަން އޮބަހައްޓައި، ޑިމޮކްރަސީއަށް ހުރަސްއަޅާ ނަމަ، އަދި، ރައްޔިތުންގެ މަޖިލީހާއި، ޖުޑީޝަރީ މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ޖާގަ ނުދޭ ނަމަ، ރާއްޖެ އިން ބޭރުގައިވާ އެ ފަރާތްތަކުގެ އެކައުންޓްތަކާއި މުދާ ފްރީޒްކުރުމަށް ވެސް އެ ފަރާތްތަކުން ވަނީ އީޔޫ ޕާލިމެންޓަށް ހުށަހަޅާފައެވެ.

މީގެ އިތުރުން ރާއްޖެއާ ގުޅުން ބާއްވާ ޤައުމުތަކުން، ދިވެހި ސަރުކާރުގެ މައްޗަށް ތުޙުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އީޔޫ އިން ގޮވާލުމަށް ވެސް އެފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން ރާއްޖޭގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ޤާނޫނީ މުއައްސަސާތަކަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ޖާގަ ދިނުމަށް ވެސް އެ ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.

މި ކަންކަން ހިމަނައިގެން ވިލާތުގެ އިއްތިހާދުން ނެރުމަށް ހަމަޖެހިފައިވާ ޤަރާރު އެ މަޖިލީހުން ފާސްވެއްޖެ ނަމަ ވިލާތުގެ އިއްތިޙާދުން ދިވެހި ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ދެމުން އައި އިންޒާރުތަކަށް ނިމުމެއް އައިސް، ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ޚާރިޖީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވައެވެ.

މި ޤަރާރުގެ ދާއިމީ ދެލިކޮޕީ އިއްވާނީ ރާއްޖެ ގަޑިން ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:30 ގައި ކުރިއަށްދާ ސެޝަންގައެވެ. އަދި ޤަރާރަށް ވޯޓަށް އަހާނީ ބުރާސްފަހު ދުވަހު ރާއްޖެ ގަޑިން ހަވީރު 4:30 ގައި އޮންނަ ސެޝަންގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް