ކ. މާލެ
|
14 މާރޗް 2018 | ބުދަ 19:53
އެލްޖީއޭ: ބޮޑަށް ފެންނަނީ ކައުންސިލްތަކަށް ފިޔަވަޅު އަޅާތަން
އެލްޖީއޭ: ބޮޑަށް ފެންނަނީ ކައުންސިލްތަކަށް ފިޔަވަޅު އަޅާތަން
ޓްވިޓަރ
އެލްޖީއޭގެ ނިންމުން
ރާއްޖެ އެމްވީއަށް ދިން އިންޓަރވިއުއަކާ ގުޅިގެން ގއ. އަތޮޅު ކައުންސިލް ރައީސް ބަޔާނެއް ދޭން އަންގައިފި
ކައުންސިލްތަކަށް ލިބިގެންވާ ލާމަރުކަޒީ އިޚްތިސާސްތައް މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކު ހިންގުމުގެ ބާރަކީ މުތްލަޤް ބާރެއް ނޫން
މާދަމާ 11 ޖެހުމުގެ ކުރިން ފުއާދު ލިޔުމުން ޖަވާބު ދޭން ޖެހޭ

ގއ. އަތޮޅު ކައުންސިލްގެ ތިން މެންބަރުން ސަސްޕެންޝަންގައި ހުންނެވުމަށް ފަހު ނުކުންނަވާ އެކައުންސިލްގެ ރައީސް އަހުމަދު ފުއާދު ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއަކާ ގުޅިގެން ބަޔާނެއް ދިނުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭ އިން ކައުންސިލްގެ ރައީސް ފުއާދަށް ބުދަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ސަސްޕެންޝަންގެ މުއްދަތު ހަމަވުމުން ކައުންސިލް އެއްކޮށް އެނބުރި މި އައީ ވަރަށް ގަދަކޮށް ކަމަށާއި، ރަސްމީ މަސައްކަތަށް ވުރެ މިވަގުތު ދިވެހި ރައްޔިތުންނަށް މުހިއްމު ވަނީ ސަރުކާރު ހަމަ މަގަށް އެޅުވުން ކަމަށް ފުއާދު ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވެފައިވާ ކަމަށް ބައެއް މީޑިޔާތަކުން އެނގިފައިވާ ކަމަށެވެ. އަދި ރައީސް ޔާމީން އަޒުލުކޮށް މި ސަރުކާރު ސައިޒުކޮށްފައި ނޫނީ އެއްވެސް އިތުރު ކަމެއް ކުރެވެން ނެތް ކަމަށް ފުއާދު ވިދާޅުވިކަން އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ.

ކައުންސިލްގެ މަސައްކަތައް އެނބުރި ނިކުންނެވުމާ އެކު ފުރަތަމަ ވެސް ލާމަރުކަޒީ ޤާނޫނާ ޚިލާފަށް ކައުންސިލްގެ ސެކްރެޓޭރިއެޓްގައި ހިމެނޭ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔަކު ހޮވުމަށް އންގާފައިވާ ކަމަށާއި އެހެންނަމަވެސް އެމަޤާމުގައި އޮޓޮމެޓިކުން ހުންނާނީ ކައުންސިލްގެ ރައީސް ކަމަށް ޤާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ފުއާދު ވިދާޅުވެފައި ވެއވެެ. އަދި ލާމަރުކަޒީ ޤާނޫނުގައި އެފަދައިން ބަޔާންކޮށްފައި އޮންނައިރު މާލީ ޒިންމާދާރުވެރިއަކަށް އެހެންމީހަކު ޢައްޔަން ނުކުރެވޭނެ ކަމަށް ފުއާދު ވިދާޅުވެފައިވާ ކަމަށެވެ.

އެލްޖީއޭއިން ބުނެފައިވަނީ ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ވެފައި ދައުލަތުގެ ތިން ބާރަކީ މުޅި ދައުލަތުގެ ހުރިހާ ސަރަހައްދަކަށް ހިނގާ އެއްބާރުތަކެއް ކަމަށާއި ކައުންސިލްތަކަށް ލިބިގެންވާ ލާމަރުކަޒީ އިޚްތިސާސްތައް މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކު ހިންގުމުގެ ބާރަކީ މުތްލަޤް ބާރެއް ނޫން ކަމާއި، ކައުންސިލްގެ އިޚްތިސާސްތައް ހިނގަންވާނީ ދައުލަތުގެ މަރުކަޒީ ބާރުގެ ބެލުމުގެ ދަށުން ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެލްޖީއޭއިން ބުނެފައި ވަނީ ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔަކީ ކައުންސިލްގެ ރައީސްކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންވެގެން ނުވާ ކަމަށެވެ. ނަމަވެސް ކައުންސިލްގެ ބަޖެޓް ތަންފީޒް ކުރުމުގެ އެންމެ އިސްވެރިޔަކީ ކައުންސިލްގެ ރައީސްކަމަށް ލާމަރުކަޒީ ޤާނޫނުގައި ވެއެވެ. އަދި ބަޖެޓް ތަންފީޒް ކުރުމުގެ އިސްވެރިޔާ އާއި މާލީ ޒިންމާދާރު ވެރިޔާއަކީ ތަފާތު ޒިންމާތަކެއް އަދާކުރާ ތަފާތު ދެ މަޤާމެއް ކަން އެލްޖީއޭ އިން ވަނީ ބުނެފައެވެ.

އެލްޖީއޭ އިން ކައުންސިލްގެ ރައީސަށް އަންގާފައި ވަނީ މީޑިއާގައި ބަޔާން ކުރައްވާފައިވާ ކަންކަމާ މެދު ފާހަގަކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަންކަމާއި، ކަންހިނގާފައިވާ ގޮތުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެ ހެނދުނު 11 ޖެހުމުގެ ކުރިން އެލްޖީއޭއާ ލިޔުމަކުން ހިއްސާކުރުމުގެ ފުރުސަތު ދެއްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް