ކ. މާލެ
|
14 މާރޗް 2018 | ބުދަ 14:28
މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން
މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އެންޓި ޑިފެކްޝަން ބިލް
މެމްބަރުންގެ ގޮނޑި ގެއްލުވާލާ ބިލައި ފަނޑިޔާރުން މަޤާމުން ވަކިކުރާ އިސްލާހު ރައީސް ތަސްދީޤު ކުރައްވައިފި
ރައްޔިތުންގެ މަޖިލިސް އޮތީ ސިފައިން ހިސޯރުކޮށްފައި
ސުޕްރީމް ކޯޓު އޮތީ ސިފައިން ހިސޯރު ކޮށްފައި
އެ ދެ ބިލަކީ ސަރުކާރުން ވަކި ބަޔަކަށް އަމާޒުކޮށް ފަރުމާ ކޮށްފައިވާ ދެ ބިލް

ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުން ވަކި ކުރެވޭ ގޮތަށް, ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަސްދީގު ކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރައްވައިފިއެވެ.

މެމްބަރުންގެ ގޮނޑި ގެއްލޭ އެންޓި-ޑިފެކްޝަން ބިލާއި ފަނޑިޔާރުން މަގާމުން ވަކި ކުރެވޭގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ. 

އަސްކަރިއްޔާއިން ސުޕްރީމް ކޯޓް ހިސޯރުކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް އެ ދެ ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މަގުސަދުގައި، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި ބިލް ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. 

ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލް ފާސްކުރީ 36 މެމްބަރުންގެ ވޯޓުންނެވެ. 

އެ ދެ ބިލް މަޖިލީހުން ފާސްކުރި ނަމަވެސް އެ ދެ ބިލް ފާސްކުރުމުގެ މަސައްކަތް މަޖިލީހުުން ކޮށްފައިވަނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މެމްބަރުންނާއި ގިނަ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަޖިލީހުގެ އެ ޖަލްސާގައި މަޖިލީހުގެ ރައީސަށް ގާނޫނީ ލަފާ ދެއްވާ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާވެސް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. 

މި ދެ ވޯޓަކީ ގައުމަށްޓަކައާއި މިނިވަންކަމަށްޓަކައާއި މާދަމާއަށްޓަކައި، އަދި ރައީސް ޔާމީން ކުރައްވާ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދެވޭ ވޯޓެއް ކަމަށް، މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފުގެ މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެ ކަމަށެވެ.

އެންޓި ޑިފެކްޝަންގެ ބިލް ފާސްކޮށްފައިވަނީ މިހާރު ގޮނޑި ގެއްލިފައިވާ ކަމަށް، ގަދަބާރުން ވެރިކަމުގައި ހުންނެވި ރައީސް ޔާމީން ޤާބޫލުކުރައްވާ 12 މެމްބަރުންގެ ގޮނޑި ގެއްލިގެންދާ ގޮތަށެވެ.

ޤާނޫނު އަސާސީއާ ޚިލާފު ކަމަށް ގިނަ މެމްބަރުން ވިދާޅުވަމުން ދިޔަ މި ދެ ބިލަށް ވޯޓަށް އެހުމުގެ ރަނގަބީލް ޖެހުމަށް ފަހު، ވޯޓް ނެގުން ދިގު ދެންމިއެވެ. ބަހަނާއެއްގެ ގޮތުގައި ރިޔާސަތުން ވިދާޅުވީ "ޓެކްނިކަލް މައްސަލައެއް" ދިމާވީ ކަމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް