ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި ޕީޕީއެމްގެ މެމްބަރުންގެ ވޯޓު ހަމަކުރެއްވުމަށްޓަކާ ވޯޓުގެ މަރުހަލާ ފަސްކުރެއްވުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިތުރުފުޅު ހައްދަވައިފިއެވެ.
އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ފާސްކުރުމަށް ވޯޓަށް އެހުމަށްޓަކާ، ރިޔާސަތުން ވޯޓު ރަނގަބީލު ޖަހާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު 1:20ގައެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފަސް މިނެޓުގެ ރަނގަބީލު ޖެހުމަށް ފަހު، ވޯޓު ނަގަން ޖެހޭނެއެވެ. ވޯޓު ރަނގަބީލަށް ފަހު، ދިން ފަސް މިނެޓް ހަމަވެ، ޖުމްލަ 11 މިނެޓް ރިޔާސަތުން ވަނީ އަންގާރަ ދުވަހު ދީފައެވެ.
ވޯޓަށް ރަނގަބީލު ޖެހުމަށް ފަހު، އޭގެ ހަ މިނެޓް ފަހުން، ރިޔާސަތުން އިއުލާންކޮށްފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. ޓެކްނިކަލް މައްސަލައެއްގެ ގޮތުގައި ދިމާވީ ކޮން މައްސަލައެއް ކަމެއް މަސީހު ވިދާޅެއް ނުވެއެވެ. މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް، މެމްބަރުންނާ ގުޅުން ހުރި އެފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ، ރިޔާސަތުން މީގެ ކުރިން ވަނީ އެފަދަ މައްސަލައަކީ ކޮބައިކަން އިއުލާން ކޮށްފައެވެ.
އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި އަންގާރަ ދުވަހުގެ ވޯޓު މަރުހަލާގައި މަޖިލީހުގައި ޓެކްނިކަލް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. އަދި ވޯޓު ސިސްޓަމްގައި ވެސް އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. މަސީހު އިތުރުފުޅު ހެއްދެވީ ކަމަށް އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ކޮށްދީފައެވެ.
ޓެކްނިކަލް މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، މަސީހު އިތުރުފުޅު ހެއްދެވީ ޕީޕީއެމުން ބޭނުންވާ މިންވަރަށް ސަރުކާރު ކޯލިޝަނަށް މެމްބަރުން ހަމަކުރެއްވުމަށްކަން ވެސް އެނގިފައިވެއެވެ.
މަސީހު އިތުރުފުޅު ހެއްދެވިކަން ފަޅާއެރިއިރު، އިއްޔެ ވޯޓަށް އެހި ވަގުތު މަޖިލީހުގެ ތަޅުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސަރުކާރު ކޯލިޝަނަށް މެމްބަރުން ހަމަކުރެއްވުމަށް އެކިކޮޅު ކޮޅަށް ދުވެވަޑައިގެން، އަވަދިނެތި އުޅުއްވިތަން ފެނެވެ. އަދި ފޯނާ ކުޅުއްވުމަށްފަހު، ރިޔާސަތުގައި އިންނެވި މަސީހަށް އިޝާރާތްކޮށް، ފޯނު ބެއްލެވުމަށް އެދިވަޑައިގެންނެވިތަން ވެސް ފެނުނެވެ. ނިހާން އެހެން އިޝާރާތް ކުރެއްވުމާއެކު މަސީހު ފޯނު ބައްލަވާތަން ވެސް ފެނެއެވެ. ނިހާން އެހެން އިޝާރާތް ކުރެއްވިތާ ތިން މިނެޓް ފަހުން މަސީހު އިއުލާން ކުރެއްވީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެފައިވާ ކަމަށެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ވޯޓުގެ މަރުހަލާ ފަސްކޮށްގެން، ޕީޕީއެމުން މަސައްކަތް ކުރީ ވޯޓުގައި ބައިވެރިވުމަށް ދެކޮޅު ހައްދަވައިގެން ތިއްބެވި ބައެއް މެމްބަރުންތަކެއް ތަޅުމަށް ވެއްދުމަށެވެ. އެގޮތުން ސައި ކޮޓަރީގައި ތިއްބެވި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު މަޖިލީހުގެ ތަޅުމަށް ވެއްދުމަށް ކުރި މަސައްކަތް ޕީޕީއެމަށް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
މަޖިލީހުގެ ޖަލްސާ އަންގާރަ ދުވަހު ފެށީ ސަރުކާރު ކޯލިޝަންގެ 27 މެމްބަރުންނާ އެކުގަ އެވެ. މަޖުބޫރުން ވޯޓު ދިނުމަށް ލާޒިމްކޮށްފައިވާ އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މަޖިލީހުން އަންގާރަ ދުވަހު ފާސްކުރީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ވޯޓާއެކުގަ އެވެ.
ނަމަވެސް އެންޓި ޑިފެކްޝަންގެ ބިލަށް ވޯޓަށް އެހުމުން، އެ ވޯޓުގައި ޕީޕީއެމްގެ ހަތަރު މެމްބަރަކު ބައިވެރިވެވަޑައި ނުގަންނަވައެވެ. ނާޒިމް ރަޝާދާއި އަލީ ފަޒާދުގެ އިތުރުން އެ ވޯޓުގައި ބައިވެރިވެވަޑައި ނުގަންނަވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިންއެވެ.