ކ. މާލެ
|
14 މާރޗް 2018 | ބުދަ 12:13
މަސްވެރިކަންކުރާ އޮޑި ދޯނި ފަހަރު
މަސްވެރިކަންކުރާ އޮޑި ދޯނި ފަހަރު
ރާއްޖެ އެމްވީ
މުޒާހަރާ
މަސްވެރިކަން ކުރާ އޮޑިދޯނި ފަހަރުގައި އެއްވުންތަކަށް މާލެއަށް މީހުން އަންނާތީ ފިޝަރީޒް މިނިސްޓްރީން އިންޒާރު ދީފި
ލައިސަންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ
އިންޒާރު ދީފައިވަނީ އިހުތިޖާޖު ކުރުމަށް މާލެއަށް މީހުން ގެންނާތީ
މާލޭގައި އިހުތިޖާޖު ކުރަމުންދަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި

މިހާރު މާލޭގައި ކުރަމުންދާ އިހުތިޖާޖުތަކުގައި ބައިވެރިވުމަށް މަސްވެރިކަމަށް ބޭނުންކުރާ އޮޑިދޯނި ފަހަރުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށުން މީހުން މާލެއަންނަމުންދާ ކަމަށް ބުނެ، ފިޝަރީޒް މިނިސްޓްރީން އިންޒާރު ދީފި އެވެ.

ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވުމަށް ސަރުކާރުން ހަމަޖައްސާފައި ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީގެ އެ މިނިސްޓްރީން ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލައިސަންސް ދިނުމާބެހޭ ގަވާއިދުގެ ދަށުން މަސްވެރިކަންކުރުމުގެ ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދާ އުޅަނދު ފަހަރު، ރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުންތަކުގައި އަދި ޣައިރު ގާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަ ކަންކަން ކޮށްފައިވާ ކަމަށާއި އަދި ކުރުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ލައިސަން ދިނުމާބެހޭ ގަވާއިދުގެ 16 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފިޝަރީޒް މިނިސްޓްރީން ވަނީ ދީފަ އެވެ.

އެގަވާއިދުގައި ބުނަނީ، އެ ގަވާއިދުގެ ދަށުން ލައިސަންސް ލިބިފައިވާ ފަރާތައް ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ހަރަކާތްތެރިވާ މުވައްޒަފަކު، އޭޖޭންޓަކު ނުވަތަ އެހެން މީހަކު، މިގަވާއިދުގެ ދަށުން ހިންގާ އެއްވެސް ކަމެއްކުރުމުގައި، ދިވެހިރާއްޖޭގެ އާއްމު މަސްލަހަތަށް ނުވަތަ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސްކަމެއް ކުރާނަމަ ނުވަތަ ކޮށްފިނަމަ ނުވަތަ ކުރުމަށް މަސައްކަތްކޮށްފިނަމަ، އެކަމެއްގެ ކުޑަބޮޑުމިނަށް ބަލާ، އެފަރާތަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން މިފަދަ ޣައިރު ގާނޫނީ ހަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން، މަސްވެރިކަންކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުންކުރުމަކީ މަނާކަމެއްކަމުގައި އެންމެހާ އޮޑިވެރިންނަށާއި މަސްވެރިންގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ވެއެވެ.

މިފަދަ ހަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްފި ކަމުގައިވާނަމަ، މަސްވެރިކަންކުރުމަށް މިނިސްޓްރީގެ ފަރާތުން ދޫކޮށްފައިވާ ލައިސަންސް ބާޠިލްކޮށް، އެފަދަ އުޅަނދުފަހަރާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގައި އެންމެހާ ފަރާތްތަކަށް ދަންނަވާކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
14 މާރޗް 2018 | ބުދަ 07:29
ޖޭމުސް ބޮންޑު
މަސްދޯނިދުއްވަން ތިބެނީވެސް ދިވެހި ރައްޔިތުން.. މީ އެމީހުންގެވެސް ޤައުމް.. އެހެންވީމަ ޤާނޫނު އަސާސީއިން ލިބިދީފަވާ އެއްވެއުޅުމުގެ މިނިވަންކަން އެހެން ދިވެހިންނެކޭ އެއްގޮތަށް އެމީހުނަށްވެސް ލިބިގެންވާނެ..