ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 22:36
ކުރީގެ ބަންޑާރަނައިބު ސުއޫދު
ކުރީގެ ބަންޑާރަނައިބު ސުއޫދު
ޓްވިޓަރ
ުހުސްނުއް ސުއޫދު
މިއަދު ފެނިގެން ދިޔައީ ގާނޫނު އަސާސީ ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލު ހިންގި ތަން: ސުއޫދު
ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ބަދަލުގެނައި ބިލް ފާސްކޮށްފައި
މަޖިލީހުގައި މިއަދު އެންޓި ޑިފެކްޝަން ބިލު ފާސްކުރީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް

އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ފެނިގަން ދިޔައީ ގާނޫނު އަސާސީ ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލު ހިންގި ތަން ކަަމަށާއި އަދި ދައުލަތުގެ މުވައްސަސާތައް ހަލާކުކޮށްލި މަންޒަރު ކަމަށް ކުރީގެ ބަންޑާރަނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީ ބޭނުންކޮށްގެން ކޮރަޕްޝަނުގެ އަމަލު ހިންގާ އަދި ދައުލަތުގެ މުވަައްސަސާތައް ހަލާކުކޮށްލީ ސިޔާސީ އިސް ފާރާތްތަކެއް ބޭނުންވެގެން ކަމަށާއި، މަޖިލީހުގެ މެމްބަރުން މިއަދު އަމަލު ކުރީ އެބައި މީހުން މަޖިލީހަށް ހޮވި ރައްޔިތުންގެ ބޭނުމަށް ނުބަލާ ކަމަށެވެ. އަދި ހަލާކުވެފައިވާ ދައުލަތުގެ މުވައްސަސާތައް އަލުން އާރާސްތުކުރަން އަހަރުތަކެއް ނަގާނެ ކަމަށް ވެސް ސުއޫދު ވިދާޅުވިއެވެ. 

ސުއޫދު މިމޭރުމުން ޓްވީޓު ކުރެއްވިއިރު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ބިލް، މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އިއްތިފާގުން މިއަދު ވަނީ ފާސްކޮށްފައެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައިގެންފައި ނުވާއިރު ބިލް ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ އިއްތިފާގުންނެވެ. 

އެންޓި ޑިފެކްޝަން ބިލް ދިރާސާ ކުރި މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ބިލްގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް ބިލްގައި ބުނާ އުސޫލުތައް ހިނގާނެ ކަމަށް ބުނެފައެވެ. ބިލުގައި ބުނަނީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފި ނުވަތަ ޕާޓީން ވަކިވެއްޖެ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހަށެވެ.

އެންޓި ޑިފެކްޝަން ބިލްގައިވާ ގޮތުން މަޖިލީހުގެ މެމްބަރަކު ޕާޓީގެ ޓިކެޓުގައި އިންތިޚާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން، ވަކިކުރުން އަދި އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެއެވެ.

އެންޓި ޑިފެކްޝަން ބިލުގެ އިތުރަށް، މަޖިލީހުގައި މިއަދު ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ފާސްކޮށްފައެވެ. 

ގާނޫނީ ބައެއް ވަކީލުން ވިދާޅުވަމުން ގެންދަވަނީ މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެ ބާރު ސިޔާސީ ޕާޓީއަކަށް ނުވަތަ އިލެކްޝަން ކޮމިޝަނަށް ނުވަތަ އެހެން ފަރާތަކަށް ދިނުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ. އަދި ފަނޑިޔާރުންގެ މައްޗަށް ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން މަގާމުން ވަކިވާ ގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމެެއް ކަމަށެވެ. ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި އޮންނަނީ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވިޔަސް އަދި ނުވިޔަސް، ފަނޑިޔާރަކު ވަކިކުރެވޭނީ މަޖިލީހަށް ކަމަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
13 މާރޗް 2018 | އަންގާރަ 21:19
ފަހުމްނުވެ ލިޔާ ނޫސްވެރިޔާ
ހުސްނުގެ ޓުވީޓުގާ ބުނީ އެހެނެއް ނޫން އޭނާ އެބުނަނީ ގާނޫނު އަސާސީ ފުނޑާލި ވާހަކަ