ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 19:45
ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން
ގުޅިފައިވާ ޕާޓީތަކުން މިއަދު ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން
ރާއްޖެ އެމްވީ
އިދިކޮޅު ގުޅިފައިވާ ޕާޓީތައް
މެންބަރުންގެ ގޮނޑި ގެއްލޭ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ބިލްތައް ނިންމާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް
ޤާނޫނަކުން ކުރިން ކޮށްފައި އޮތް ކަމަކަށް އަސަރެއް ނުކުރާނެ

ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލާއި ފަންޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލް ބާތިލް ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުން މިއަދު މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮނަފަރެންސެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިޙް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޤަބޫލް ކުރާ ގޮތުގައި މިއަދު މަޖިލީހުން ފާސްކުރެއްވި  ބިލްތަކަކީ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ އިޖުރާއަތުތަކާ ޚިލާފަށް ފާސްކޮށްފައިވާ ބިލްތަކެއް ކަމަށާއި އެބިލްތައް ބާތިލް ކުރުމަށް ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެދިވަޑައިގަންނަވަނީ މީގެ ކުރިން ވެސް މިފަދަ ޚައްޞާސީ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ކަންކަން ނިންމަވާފައިވާ ފަދައިން މި މައްސަލަ އަށް ވެސް ވީހާ ވެސް އަވަހަށް ގޮތެއް ނިންމެވުން ކަމަށް އިބޫ ވިދާޅުވިއެވެ.

މިއަދު ފާސްކުރި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާ ނުހިނގާނޭ ކަމަށް ވަނީ ބިލްގައި ބުނެފައި ކަމަށެވެ. ޤާނޫނު އަސާސީގައި އޮތް މާއްދާއެއް ނުހިނގާނޭ ކަމަށް ނުބުނެވޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ އިތުރަށް ވިދާޅުވީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނޭ ކަމަށް ބުނުމަކީ ޤާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފް ކަމެއް ކަމަށާއި މިހާރު ވެސް ދިރިދިރިއޮތް ސިޔާސީ ޕާޓީތަކުގެ ޤާނޫނު ވެސް އެބައޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 253 ވަނަ މާއްދާގައި ބުނާ ގޮތުން ނަމަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މެންބަރެއް ކަމުގައި ވިޔަސް މަޖިލީހުގެ ޖަލްސާތަކަށާއި މަޖިލީހުގެ ކޮމެޓީތަކަށް އެ މެންބަރަކު ގެންނަން ޖެހޭނެ ކަމަށް ބުނާއިރު، އިދިކޮޅު 16 މެންބަރަކު މަޖިލީހަށް ނުވަދެވޭ ގޮތް ހަދައިގެން އެންމެ 39 މެންބަރުންނާ އެކު އެ ނިންމުން ނުނިންމޭނޭ ކަމަށް އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް ޢަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ޤަވާއިދަކީ ޤާނޫނެއްގެ ބާރު ލިބިދޭ ޤަވާއިދެއް ކަމަށާއި މަޖިލީހުގައި 43 މެންބަރުން ތިބެގެން ނޫން ގޮތަކަށް އެފަދަ އެއްވެސް ޤާނޫނެއްގެ ބިލް ފާސް ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޢަލީ ހުސައިން ވިދާޅުވީ އެންޓި ޑިފެކްޝަންގެ ޤާނޫނަކީ ބަރުލަމާނީ ނިޒާމެއްގައި އޮންނަ ޤާނޫނެއް ކަމަށާއި ރާއްޖޭގެ ޤާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ޢަލީ ހުސައިން ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހް ގެނެސްފައި ވަނީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާ އުވާލާފައި ކަމަށާއި ޤާނޫނު އަސާސީގެ އެމާއްދާގެ ބޭނުމަކީ ފަނޑިޔާރުންނަކީ މިނިވަން މުސްތަޤިއްލު އަދި ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. އެކަމަކު ޤާނޫނު އަސާސީގެ އެމާއްދާ ނުހިނގާ ގޮތަށް ހެދުމަކީ ފަނޑިޔާރުންނަށް ނުފޫޒް ފޯރުވުން ކަމަށާއި އެއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ޢަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ އިސްލާމް ދީނުގައި ވެސް އަންގަވާފައި ވަނީ ފަނޑިޔާރުންނަކީ މިނިވަން މުސްތަޤިއްލު ބަޔަކަށް ވާން ޖެހޭނެ ކަމަށާއި މިހާރު މިގެނައި އިސްލާހުގެ ސަބަބުން އެ މުސްތަޤިއްލުކަން ގެއްލިގެންދާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ޤާނޫނު ހިނގާނީ ފަހުން އަންނަ ކަމަކަށް ކަމަށާއި 13 ޖުލައި 2017 ގެ ފަހުން އެންޓި ޑިފެކްޝަން ޤާނޫނު ހިނގާނެ ކަމަށް ބުނުމަކީ ޤާނޫނު އަސާސީގެ އެމާއްދާއާ ޚިލާފް ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.

މީގެ އިތުރުން އަނާރާ ވިދާޅުވީ މިއަދު އެބިލް ފާސްކުރެއްވި މެންބަރުންގެ އިޚްލާސްތެރި ކަމެއް ނެތް ކަމަށާއި އިޚްލާސްތެރިކަމެއް ހުރި ނަމަ ވަކި މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ ގޮތް ހެދުމުގެ ބަދަލުގައި މިހާރު އޮތް ރައްޔިތުންގެ މަޖިލީސް ފެށުނީންސުރެ އެޤާނޫނު  ހިނގާނެ ކަމަށް ލިޔުނީސް ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ މިއީ ދަރުބާރު ފެކްޝަންގެ މެންބަރުންގެ ހަތަރެސްފައިގާ ބިޑިއެޅުވުނު ބިލެއް ކަމަށާއި އެމީހުން ފޭހުނު އިލޮށިގަނޑު އެމީހުންގެ ލޮލަށް ހެރޭނެ ކަމަށެވެ. އަދި 12 މެންބަރުން ޕީޕީއެމުން ވަކިވެފައި ވަނީ ވެސް އަދި ވަކިކޮށްފައި ވަނީ ވެސް 13 ޖުލައިގެ ކުރިން ކަމަށާއި 12 މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލޭނޭ ޤާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް އަމީތު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް