ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ސައްޙަކަމާއި މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބުނެ ގާނޫނީ ވަކީލު އަލީ ހުސައިންގެ ވަކާލާތު ކުރުމުގެ ހުއްދަ ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ސަސްޕެންޑް ކޮށްފިއެވެ.
މިއީ، ކެންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ އަލީ ހުސައިން ސަސްޕެންޑް ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން، 2016 ވަނަ އަހަރުގެ އޮކްޓޯބަރުގައި ވެސް އަލީ ހުސައިން ސަސްޕެންޑް ކުރި އެވެ. ސަސްޕެންޑް ކޮށްފައި ހުންނަވަނިކޮށް އަލީ ހުސައިންގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.
މަހެއްހާ ދުވަސް ފަހުން އަނެއްކާވެސް އަލީ ހުސައިން ސަސްޕެންޑްކޮށް، ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކާއި މެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް ވާހަކަ ދައްކަވައި، އެފަދަ ވާހަކަތަކަށް އަލީ ހުސައިން ހިތްވަރު ދެއްވާފައިވާ ކަމަށެވެ.
އެ ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށް ފާހަގަކޮށް ބަޔާނުގައި ވަނީ، އެ މައްސަލަ ތަހުގީގުކޮށް ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ސަސްޕެންޑް ކޮށްފައިވާކަން ހާމަކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އަލީ ހުސައިންގެ ބަޔާން ނެގުމަށް މިމަހުގެ 4 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހާޒިރުކުރި އެވެ. އަލީ ހުސައިންއާއެކު ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ވެސް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނެގި އެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ޝަމީމް ވެސް ސަސްޕެންޑް ކޮށްފައެވެ.