ސައިކަލެއް ހިފަހައްޓައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އެ ސައިކަލުގައި އިން މީހެއްގެ އަތުން ފުލުހުން އަތުލައިގެންފި އެވެ.
ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައި ވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ޗާންދަނީ މަގުން ސައިކަލެއްގައި ދިޔަ ޒުވާނެއްގެ އަތުންނެވެ.
މަންޒަރު ދުއް މީހަކު "ރާއްޖެއެމްވީ"އަށް ކިޔައިދިން ގޮތުގައި ޗާންދަނީ މަގު، ޖަލާލުއްދީން މިސްކިތް ކައިރިން އެ ޒުވާނާ ހުއްޓުވަން ފުލުހުން އުޅުމުން، އޭނާގެ އަތުގައި އޮތް ކޮތަޅެއް އެއްލާލިއެވެ. ފަހަތަށް ބިޑި އަޅުވައި، އެ ޒުވާނާ ހައްޔަރުކޮށް، އޭނާ އެއްލާލި ކޮތަޅު ބަލައިފާސްކުރިއިރު، ކެނަބިސް ކަމަށް ޝައްކުކުރެވޭ، މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އޭނާ ހައްޔަރުކޮށް، މަސްތުވާތަކެތި އަތުލައިގަތް ސަރަހައްދުން ހެކި ހޯދަމުން ދިޔަ ވަގުތު، ރާއްޖެއެމްވީގެ ނޫސްވެރިން އެ ސަރަހައްދަށް ގޮސް ބެލިއިރު، ފުލުހުން ވަނީ އޭނާ ގެންގުޅުނު ކޮތަޅު ތެރެއިން ފިލްމު ހުސްކުރި ތިން ދަޅުގެ ކެނަބިސް ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި ނޫކުލައިގެ ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި ބަންދުކޮށްފައި ހުރި ކެނަބިސް ކަމަށް ޝައްކުކުރެވޭ މަސްތުވާތަކެތި ވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.
އެ މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އެ މައްސަލައާ ގުޅިގެން ޒުވާނަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.