ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް މާފަށް އެދިވަޑައިގެން ތައުބާ ވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ގޮވާލައްވައިފިއެވެ.
ރުކުމާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަހީނު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަދި ފަނޑިޔާރު އަލީ ހަމީދު ވަގުތުން މިނިވަންކޮށް ރައްޔިތުން ކިބައިން މާފަށް އެދި ހެއްދެވި ފަރާތަށް ތައުބާ ވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމަށް ހަރު އަޑުން ގޮވާލައްވާ ކަމަށެވެ. އަދި މާފަށް އެދިވަޑައިގަތުމުން މާފުދޭން ތައްޔާރަށް ހުންނެވިކަމަށް އޭނާ ވިދާޅުވިއެވެ.
އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭގައެވެ. އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ސިފައިން ސުޕްރީމް ކޯޓަށް ވަދެފައިވަނީ ކޯޓުގެ ފުރާޅުމައްޗަށް އަރައި އަދި ކޯޓުގެ ދޮރު ވައްޓާލުމަށް ފަހު އެވެ. އަދި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދަމާ ކޫތާފައިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ފަހުން ސުޕްރީމް ކޯޓުން ހުކުމް ނެރެމުން އަންނަނީ އުއްތަމަ ފަނޑިޔާރުގެ އެއްވެސް ބަސްފުޅެއް ނެތިއެވެ. މިއީ ގާނޫނު އަސާސީއާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް ވެސް ގާނޫނީ ބޭފުޅުން އަންނަނީ ވިދާޅުވަމުންނެވެ. ސުޕްރީމް ކޯޓުން އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި ގާނޫނުން ކަނޑައަޅާ އޮނަހިރި އަދަދެއްގެ މެމްބަރުންނާއެކު ކަމަށް ގާނޫނު އަސާސީގައި ލިޔެވިފައިވެއެވެ.