ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ބައެއް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިހާރު ކުރިއަށްދަނީ ހެކިބަސްނެގުމެވެ.
އެގޮތުން އެންމެ ފުރަތަމަ ހެކިބަސްދިނީ ފާރިސް ރިޝްވަތު ދެއްވި ކަމަށް ކަމަށްބުނާ މެމްބަރުގެ އެވެ. ފާރިސްގެ މައްޗަށް ކުށް ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކިވެރިޔާ ވަނީ ފާރިސްއާ އެއްކޮޅަށް ހެކިބަސްދީފަ އެވެ. އެގޮތުން ފާރިސް ރިޝްވަތު ދެއްވާފައިނުވާ ކަމަށާއި އަދި މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވީ އެއްވެސް ފަރާތަކުން އެއްޗެއް ދީގެން ނޫން ކަމަށެވެ.
މި މައްސަލާގައި ދެން ވެސް އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެތްގެ ހެކިބަސްނެގުމެވެ.
މި މައްސަލާގައި ފާރިސްއާ ދެކޮޅަށް ފަހުން ދެ ހެއްކެއް ހުށަހަޅަން ދައުލަތުން ބޭނުންވެ އެ ފުރުސަތައް އެދުމުން ޝަރީއަތުގެ މަޖިލީހުން ވަނީ އެ ފުރުސަތު ނުދިނުމަށް ވެސް ނިންމާފަ އެވެ. ފާރިސްގެ ގެއިން ފެނުން ކަމަށް ބުނާ މީހުންގެ ނަންތަކެއް ލިޔެފައިވާ އޭފޯސައިޒްގެ ހުދު ގަނޑެއް ހެކީގެ ގޮތުގައި ހުށަހެޅުމަށާއި ފާރިސް މެމްބަރަކަށް ރިޝްވަތު ދިނުމަށް މެދުވެރިއަކަށްވި ޝާފިއުގެ ހެކިބަސް ނެގުމަށް ދައުލަތުން އެދުމުން ގާޒީ އެ ފުރުސަތު ނުދިނުމަށް ނިންމެވީ އެ ހެއްކަކީ ހެކި ހުށަހެޅުމުގެ ވަގުތުގައި ހުށަހަޅާފައިވާ ހެއްކަކަށް ނުވާތީ އާއި އެއީ ފަހުން ދައުލަތައް ލިބުނު ހެއްކަކަށް ނުވާތީ އެވެ. އެހެން ކަމުން ފާރިސްގެ އިން އެފޯސައިޒްގެ ގަނޑެއް ފެނުންކަން ސާބިތުކުރަން ދައުލަތުން ހުށަހެޅި މީހުންގެ ހެކިބަސް ނެގުމަށް ދައުލަތުން ބޭނުންނުވާތީ އެ ހެކިބަސްވެސް ނުނަގަންވަނީ ނިންމާފަ އެވެ.
ރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މެމްބަރު އޭނާ އަށް ރިޝްވަތު ނުދޭ ކަމަށް ވިދާޅުވެ ހެކިބަސްދިނުމުން އެ މައްސަލަ ވަގުތުން ބާތިލް ކޮށްދިނުމަށް ފާރިސްގެ ފަރާތުން ވަކީލުން އެދުނު ނަމަވެސް ގާޒީ ވިދާޅުވީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް މީގެ ކުރިން ގާޒީ ކަނޑައަޅުއްވާފައި ވާތީ ދެން އެ މައްސަލާގައި ގޮތެއް ކަނޑައަޅާނީ ހުކުމަކުން ކަމަށެވެ.
ފާރިސް މިހާރުވެސް ހުންނެވީ ބަންދުގަ އެވެ. އޭނާ މިހާރު ބަންދުގައި ހުންނެވީ ގާނޫނީ ވެރިކަން ވައްޓާލަން ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހްމަތުގަ އެވެ. ނަމަވެސް އޭގެ ކުރިން ފަސްމަހަށް ވުރެ ގިނަ ދުވަސްވަންދެން އޭނާ ޝަރިއަތަކާ ނުލާ ބެހެއްޓެވީ މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅުވައި މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށްބުނެ އެވެ.