ކ. މާލެ
|
13 މާރޗް 2018 | އަންގާރަ 04:33
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލިގެ ހާލަތު
އަނެއްްކާވެސް ރައީސް މައުމޫނާ ފުލުހުން ސުވާލު ކޮށްފި
މިއީ ރައީސް މައުމޫނާ ސުވާލު ކުރެއްވި ހަތަރުވަނަ ފަހަރު
ހައްޔަރު ކުރެއްވި މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރެއްވީ އެއްފަހަރު
ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށް މައުމޫން ވަނީ ވިދާޅުވެފައި

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ މައްޗަށް ފުލުހުން ތުހްމަތުކުރާ ހެކި ނައްތާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހްމަތާ ގުޅޭ މައްސަލައިގައި އަނެއްކާވެސް އެމަނިކުފާނާ ތަހްގީގުގައި ސުވާލު ކުރައްވައިފި އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް މައުމޫނު ހައްޔަރު ކުރެއްވީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައިގެން ވަކި ގޮތަކަށް ހުކުމް ނެރުއްވަން މަސައްކަތްކުރެއްވިކަމުގެ ތުހްމަތުގަ އެވެ. އަދި އޭގެ ފަހުން އެމަނިކުފާނުގެ މައްޗަށް ވަނީ ހެކި ނައްތާލަން މަސައްކަތް ކުރެއްވި ކަމަށް ތުހްމަތުކޮށް ތަހްގީގު ނިންމައި، ދައުވާ ކޮށްދޭން ޕްރޮސެކިއުޓާޖެނަރަލް އޮފީހަށް ފޮނުވާފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭ ހެއްކާ ގުޅޭ ގޮތުން ރައީސް މައުމޫނާ އަނެއްކާވެސް ސުވާލު ކުރައްވާފައިވާކަން ހާމަ ކުރެއްވީ އެމަނިކުފާނުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި އެވެ.

ފައިސަލް ވިދާޅުވެފައިވަނީ މިފަހަރުވެސް ރައީސް މައުމޫނު ވަނީ ޖިނާއީ އެއްވެސް ކުށެއް ކޮށްފައިނުވާނެ ކަމަށް ފުލުހުންގެ ތަހްގީގުގައި ދަންނަވާފައިވާ ކަމަށެވެ. އަދި އެހެންމެ ޣައިރު ގާނޫނީ ބަންދެއްގައި ބަހައްޓައިގެން ހިންގާ ތަހްގީގަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވެ ތަހްގީގުގައިކުރި އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަން އެމަނިކުފާނު ދެކޮޅު ހެއްދެވި ކަމަށްވެސް ފައިސަލްގެ ޓުވީޓްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ. މީގެ އިތުރުން ފައިސަލް ވަނީ މިއީ ރައީސް މައުމޫނު ހައްޔަރުކުރި ފަހުން ފުލުހުން ސުވާލު ކުރެއްވި ހަތަރު ވަނަ ފަހަރު ކަން ފާހަގަ ކުރައްވާފަ އެވެ. 

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ރައީސް މައުމޫނު ހައްޔަރުކުރި ފަހުން މިހާތަނަށް ހަތަރު ފަހަރު ސުވާލު ކުރެއްވިއިރު އޭގެ ތެރެއިން ތިން ފަހަރުވެސް ސުވާލު ކުރެއްވީ ހެއްކާ ގުޅޭ ގޮތުން ކަމަށެވެ. އަދި ހެއްކާ ގުޅޭ ގޮތުން ތިން ފަހަރަށް ސުވާލު ކުރީ އެ މައްސަލައިގެ ތަހްގީގު ނިންމައި ދައުވާ ކޮށްދޭން އެދުމުން އިތުރަށް ކަން ކަން ފުރިހަމަ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އަންގަވާފައިވާތީ ކަމަށް ފުލުހުންނާ ހަވާލާދީ ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވަނީ މީގެ ކުރިއެކޭ އެއްގޮތަށް ތަހްގީގުގައި ރައީސް މައުމޫނާ ސުވާލު ކުރުމުގެ ކުރިން ވަކީލުނަށް އެކަން ކުރިން އަންގައި އެކަށީގެންވާ ވަގުތު ނުދޭކަން މި ފަހަރުވެސް ފާހަގަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ގާނޫނާ އެއްގޮތަށް ހިންގާ ތަހްގީގަކަށް ރައީސް މައުމޫނު ހުންނެވީ ފުރިހަމައަށް އެއްބާރުލުން ދެއްވާ ގޮތަށް ކަމަށެވެ.  

ރައީސް މައުމޫނު ހައްޔަރުކުރެއްވި ސަބަބާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ފުލުހުން ސުވާލު ކުރެއްވީ އެމަނިކުފާނު ބަންދުގައި ބަހައްޓާފައި ހުންނަވާތާ އެއް މަސްދުވަސް ފަހުން މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ މައްސަލާގައި ރައީސް މައުމޫނު ވަނީ ގާނޫނާ ހިލާފަށް ހިންގާ ތަހްގީގަކަށް އެއްބާރުލުން ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް