ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެށުމަށް "ތިން ވަނަ ފަރާތަކާ" ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެނގިވަޑައިގެން، އެ ލީޑަރުންގެ ފަރާތުން ކަމަށް ގުޅިފައިވާ ކޯލިޝަނުން ބުނެފި އެވެ.
ގުޅިފައިވާ ޕާޓީތަކުން ހޯމަ ދުވަހު ހަވީރު އެމްޑީޕީ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއަރޕަސަން ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން ރައީސް ނަޝީދާ ސިއްރުން ވާހަކަ ދެއްކެވިކަމަށް ސަރުކާރުން ބުނާއިރު ސަރުކާރަށް ނޭނގުނު ކަމުގައިވިއަސް ރައީސް ނަޝީދު އެކަން ކުރެއްވީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެވި އެޕާޓީތަކުގެ ފަރާތުން ކަމަށެވެ. އަދި އެކަން ކުރެއްވީ ތިންވަނަ ފަރާތެއް މެދުވެރިވެގެން ކަމަށާއި އެހުށަހެޅުން ރައީސް ނަޝީދަށް ސަރުކާރުގެ ފަރާތުން ލިބުމުން ޕާޓީތަކުގެ ލީޑަރުންނާ އެވާހަކަދެކެވި އެކަން ކުރެއްވުމަށް ރައީސް ނަޝީދަށް ޕާޓީތަކުން ލަފާ ދެއްވުމުން ކަމަށްވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ސަރުކާރުން, ރައީސް ނަޝީދާ ސިއްރުން މަޝްވަރާ ކުރެއްވި ކަމަށް ބުނުމުގެ ބޭނުމަކީ އަދި ސަރުކާރުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގެ ބޭނުމަކީ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އޮތް ގުޅުން ހީނަރުކޮށް ޕާޓީތައް ބައިބައި ކުރުން ކަމަށެވެ. އެހެން ނަމަވެސް ގުޅިގެން މަސައްކަތް ކުރުމަށް 24 މާރޗް 2017 ގައި ޕާޓީތަކުން ސޮއިކުރި ދުވަހުން ފެށިގެން ވެސް ހުރިހާ ޕާޓީތައް އޮތީ އެއް އަޒުމެއްގައި ކަމަށާއި ގުޅިފައިވާ ޕާޓީތަކަށް ލިބޭ އެންމެބޮޑު ކާމިޔާބީއަކީ އެއީ ކަމަށެވެ.
ހަސަން ލަތީފް ވިދާޅުވީ ހަތަރު ޕާޓީން އެއްބަސްވާ ކަމެއް ނޫނީ، ގުޅިފައިވާ ޕާޓީތަކުގެ އެއްވެސް ލީޑަރަކު ނުކުރައްވާނެ ކަމަށާއި، ސަރުކާރާއި ވިޔަސް އަދި އެހެން ފަރާތަކާ ވިޔަސް އެއްވެސް ވާހަކައެއް ނުވަތަ މަޝްވަރާއެއް، މުއާމަލާތެއް އަދި މުއާސަލާތެއް ވެސް ނުކުރައްވާނެ ކަމަށެވެ.
ސަރުކާރުން ރައީސް ނަޝީދާ ވާހަކަދެއްކެވިކަމަށް ފިޝަރީޒް މިނިސްޓަރ ޑރ ޝައިނީ ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ހަސަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު ސީދާ ސަރުކާރާ އެއްވެސް ވާހަކަފުޅެއް ނުދައްކަވާ ކަމަށެވެ. ނަމަވެސް، ތިންވަނަ ފަރާތެއް މެދުވެރިކޮށް ސަރުކާރުން ރައީސް ނަޝީދާ ވާހަކަ ދެއްކެވި ކަމަށާއި، ރައީސް ނަޝީދު އެކަމުގައި އަމަލު ކުރައްވަނީ ޕާޓީތަކުން އެއްބަސްވިގޮތަށް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުން މިއަދުވެސް ޕާޓީތަކަށް މަޝްވަރާއަށް ގޮވާލާ ކުރިންވެސް ފޮނުވާ ސިޓީ ފޮނުވާފައިވާ ކަމަށާއި އޭގައިވަނީ އެއްެ ޝަރުތެއް ކުރިމަތި ނުކޮށް ވާހަކަތައް ފެށުމަށް ކަމަށެވެ. އެކަމަކު އދ މެދުވެރިއެއްގެ ރޯލް އަދާކުރުމަށް ސަރުކާރުން އެއްބަސްވާ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އެކަން ބަލައި ނުގަންނަ ކަމަށާއި ވާހަކަތައް ފަށަން ވީގޮތް ހާމަކޮށް މިމަހުގެ 9 ވަނަ ދުވަހު ސަރުކާރަށް ފޮނުވި މުޅި ދުނިޔެއަށް ހާމަކުރި ޕާޓީތަކުގެ ހުށަހެޅުމާ އެއްގޮތައް ނޫނީ މަޝްވަރާ ނުކުރެވޭނެ ކަމަށެވެ. އަދި އެގޮތައް އެއްބަސްވެ ސަރުކާރުން ފޮނުވާ ސިޓީ ސިއްރުވެގެން ނުވާނެ ކަމަށާއި އެސިޓީ ހާމަކުރެވެންވާނެކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން މަޝްވަރާތައް މިއަދާ ހަމައަށް ފެށިފައިނުވަނީ، ލީޑަރުން އެއްބަސްވެވަޑައިގެންނެވި ގޮތާއި، ސަރުކާރު ބޭނުންވާގޮތް ފުށުއަރާތީ ކަމަށާއި ސަރުކާރުން ހުށަހަޅާ ގޮތް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް އެއްބަސް ނުވެވޭ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
ރައީސް ނަޝީދުއާ ސަރުކާރުން ވާހަކަ ދެއްކި ކަމަށް ބުނެ ސަރުކާރުން މިއަދު ކުއްލިއަކަށް ހާމަކުރި ވާހަކަތަކާ ގުޅިގެން ބައެއް ފަރާތްތަކަށް އޮޅުން އަރާފާނެތީ އެކަން ސާފުކޮށްދެއްވައި ހަސަން ލަތީފް ވިދާޅުވީ، ގުޅިފައިވާ ހަތަރު ޕާޓީގެ ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށާއި، ގުޅިފައިވާ ޕާޓީތައް ގޯޅިއަޅައިގެން ދާތަން ނުފެންނާނެ ކަމަށެވެ.
ސަރުކާރާ ރައީސް ނަޝީދާ ވާހަކަދެއްކެވީ 3 ވަނަ ފަރާތެއް މެދުވެރިވެގެން ކަމަށް ބުނާއިރު އެފަރާތަކީ ޑީއާރުޕީގެ ލީޑަރ މުހައްމަދު ނަޝީދު (ކާނަލް) ތޯ ރާއްޖެ އެމްވީން ދެންނެވުމުން ހަސަން ލަތީފް ވަނީ އެއީ ޑީއާރުޕީގެ ލީޑަރ ނަޝީދު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެފަރާތް ހާމަކުރެވިދާނެތޯ ރާއްޖެ އެމްވީން ދެންނެވުމުން ހަސަން ލަތީފް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަކީ އަބަދުވެސް ކޮންމެފަރާތަކާމެދު ވެސް ވެވޭ ސިއްރުތައް ހިފަހައްޓާ ބައެއް ކަމަށާއި އެހެންކަމުން 3 ވަނަ ފަރާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.
ހަސަން ލަތީފް ދެއްކެވި ވާހަކަތަކަށް ބާރު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ގުޅިފައިވާ ޕާޓީތައް ބައިބައިވުން އުފައްދަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވާނެ ކަމަށެވެ. އަދި ޕާޓީތަކުން އެއްވެސް ކަމެއް މަޝްވަރާ ކުރެވިގެން ނޫނީ ނުކުރާ ކަމަށާއި ރައީސް ނަޝީދު ވެސް ވާހަކަ ދެއްކެވީ ޕާޓީތަކުން ނިންމައިގެން ކަމަށް ޑރ ހުސައިން ވިދާޅުވިއެވެ.