ކ. މާލެ
|
12 މާރޗް 2018 | ހޯމަ 19:45
ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ އެއްވުމުގެ ތެރެއިން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު ޝަހީމް ފުލުހުންގެ ހައްޔަރަށް ގެންދަނީ
ފެބުރުއަރީ މަހުގެ 16 ވަނަ ދުވަހުގެ އެއްވުމުގެ ތެރެއިން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަރު ޝަހީމް ފުލުހުންގެ ހައްޔަރަށް ގެންދަނީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ޝަހީމްގެ ބޭސްފަރުވާއަށް ހުރަސްއަޅާ ވަކިވަކި ފުލުހުންނާއިމެދު ފިޔަވަޅު އެޅޭނެ: އެމްޑީޕީ
ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ލިބޭ ބާރުން ކަމަށް ބުނެ ޝަހީމް ހުންނެވީ ޣައިރު ޤާނޫނީ އުސޫލުން ހައްޔަރުކޮށްފައި
ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއް
މިހާރު ޑޮކްޓަރުން ލަފާދީފައިވަނީ ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމްގެ ބޭސްފަރުވާއަށް ހުރަސްއަޅާ ވަކިވަކި ފުލުހުންނާއިމެދު ފިޔަވަޅު އެޅޭނެ ކަމަށް އެމްޑީޕީން ބުނެފި އެެވެ.

16 ފެބްރުއަރީގައި ހައްޔަރު ކުރުމަށް ފަހު ޑޮކްޓަރުންގެ ލަފަޔާ އެއްގޮތްވާގޮތުގެމަތީން ޝަހީމަށް މިހާރުން މިހާރަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއަޅަމުންގެންދާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާކަން ހާމަކޮށް، އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ލިބޭ ބާރުން ކަމަށް ބުނެ ޝަހީމް ހުންނެވީ ޣައިރު ޤާނޫނީ އުސޫލުން ހައްޔަރުކޮށްފައި ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ފުލުހުންގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއްކަަން ފުލުހުންނަށް ހަނދާންކޮށްދޭކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. 

އެމްޑީޕީން ބުނީ 16 ފެބްރުއަރީގައި އެމްޑީޕީ ހަރުގެ ކައިރިން ޝަހީމް ހައްޔަރުކުރުމުގައި ވެސް މީގެ ކުރިން އޭނާގެ ކަކުލަށް ލިބިފައިވާ ބޮޑު އަނިޔާއަށް އިތުރަށް އަނިޔާ ލިބި، ބަންދުކުރުމަށް ފަހު ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އާއިލާއިން ތަކުރާރުކޮށް އެދުނު ނަމަވެސް އެކަން ހަމަޖައްސައި ނުދިނުމުގެ ސަބަބުން ކުރިން ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އަދި މިހާރު ޑޮކްޓަރުން ލަފާދީފައިވަނީ ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށް ކަމަށް އެމްޑީޕީން ބުނެ އެވެ. 

އެމްޑީޕީން ބުނީ، ސާޖަރީ ހެދުމަށް މިއަދު (ހޯމަ ދުވަހު) ހަމަޖެއްސުމާއެކު، ފުލުހުންގެ ފަރާތުން ޔޫސުފް ހުސައިން ޢާއިލާއަށް އަންގާފައިވަނީ މިއަދު ޝަހީމް ޑޮކްޓަރަށް ދެއްކުމުން އޮޕަރޭޝަން ކުރުމަށް އެޑްމިޓް ކުރަންޖެހޭނެ ކަމަށާއި، އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ "މަތިން" ކަމަށް ކަމުގައި އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އާއިލާއަށް އެންގުމަކާނުލައި މިހާރު ޝަހީމް ވަނީ އަނބުރާ ދޫނިދޫއަށް ގެންގޮސްފައިކަމަށް ވެސް އެމްޑީޕީން ބުނެ އެވެ. 

"ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ފުލުހުން ހަމަޖައްސައިނުދީ ލަސްކުރަމުންގެންދާތީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މިހާރުވަނީ މައްސަލަ ހުށަހަޅާފައެވެ. އަދި ބޭސްފަރުވާ ހަމަޖައްސައިދިނުމަށް މިއަދާ ހަމައަށް ޢާއިލާއިން 5 ސިޓީ ފޮނުވާފައިވާއިރު އެކަމާ ގުޅޭ ގޮތުން އެއްވެސް ސިޓީއަކަށް ފުލުހުން ޖަވާބުދީފައިނުވެއެވެ."

އެމްޑީޕީން ބުނީ ދައުލަތުގެ މުވައްޒަފެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކަށް ގަސްދުގައި ތަދު ނުވަތަ ވޭން އިޙްސާސްކުރުވައި އޭނާއަަށް ބަލިކަށިކަން ގެނުވައި ހަށިގަނޑުގެ ގުނަވަނެއް މަސައްކަތްކުރަން ޖެހޭގޮތަށް މަސައްކަތް ނުކުރާ ގޮތް ހެދުމަށް ކުރާ ކޮންމެ ކަމަކީ ޓޯޗާ ކަމުގައި އެންޓި ޓޯޗާ އެކްޓުގައި ވަނީ ބަޔާންކޮށްފައި ކަމަށެވެ. އަދިި އެއްވެސް މީހަކަށް ލާއިންސާނީ، އިހާނެތިކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބޭ ފަދަ ގޮތަކަށް ޢަމަލުކޮށްގެން ނުވާނެ ކަމަށް ޤާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާކަން ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. 

އެމްޑީޕީން ބުނީ ޝަހީމަށް ލިބެން ޖެހޭ ބޭސްފަރުވާ ނުދީ، އެކަމުގައި ޝާމިލްވާ  ވަކިވަކި ފުލުހުންނާމެދު ވެސް ފިޔަވަޅު އެޅޭނެ ކަމަށާއި، އޭނާގޭ ސާޖަރީގެ ކަންކަން މިހާރުން މިހާރަށް ހަމަޖައްސައިދިނުމަށް ފުލުހުންނަށް ގޮވާލާކަމަށެވެ. އަދި ހަމަމިއާއެކު ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ދައުލަތުވެ މުވައްސަސާތަކަށް ވެސް ގޮވާލާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް