ކ. މާލެ
|
12 މާރޗް 2018 | ހޯމަ 19:36
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް
ރާއްޖެއެމްވީ
ފާރިސް މައުމޫން
ފާރިސް ރިޝްވަތު ދެއްވި ކަމަށް ދައުލަތުން ބުނި މެމްބަރު ﷲ ގަންދީ ހުވާކޮށް އެކަމާއި ދެކޮޅު ހަދައިފި
މިއީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކެއް
ދައުލަތުން ހެކީގެ ގޮތުގައި އޭ4 ގަނޑެއް ވެސް ހުށަހެޅި، އެ ގަނޑު ހެއްކެއްގެ ގޮތުގައި ބަލައެއް ނުގަތް
މައްސަލަ ދެން ކުރިއަށް ނުގެންދެވޭނެ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރިޝްވަތު ދެއްވި ކަމަށް ބުނާ މެމްބަރު ޝަރީއަތުގެ މަޖިލީހުގައި އެކަމާ ދެކޮޅު ހައްދަވައި، ހެކިބަސްދެއްވައިފި އެވެ.

ފާރިސް ރިޝްވަތުދެއްވި ކަމަށް ބުނާ މެމްބަރުގެ ހެކިބަސް ނެގީ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސިއްރުން އަޑު ބަދަލުކޮށްގެން ކާކުކަން ނޭނގޭ ގޮތަށް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ. އެ ހެކިވެރިޔާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ތައްޔާރުކުރި ޕެޓިޝަނުގައި ސޮއި ކުރެއްވުމަށް ފާރިސް އެ މެމްބަރުނަށް ރިޝްވަތުދެއްވި ކަން ސާބިތު ކުރުވުމަށް ކަމަށްބުނެ އެވެ.

ނަމަވެސް ސިއްރުން އެ ހެކިބަސްދިން މެމްބަރު ﷲ ގަންދީ ހުވާކޮށް ވިދާޅުވީ ފާރިސް އޭނާއަށް ރިޝްވަތު ދެއްވާފައިނުވާ ކަމަށެވެ. އަހްމަދު ޝާފިއު ނަމަކަށް ކިޔާ މީހަކު މެދުވެރިކޮށް ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާއިރު ދައުލަތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ވިދާޅުވީ ޝާފިއު ވިދާޅުވެގެން އެއްވެސް އެއްޗެއްގައި ސޮއި ނުކުރާ ކަމަށާއި އޭނާ އަކީ އެކަމު ވަރަށް ގާތް މީހެއް ކަމަށެވެ. ދައުލަތުގެ ވަކީލުގެ ސުވާލަށް ޖަވާބު ދެއްވަމުން އިތުރަށް އޭނާ ވިދާޅުވީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ އެދިވަޑައިގަތުމަށް އެމަނިކުފާނަށް އިހްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް އެ ސޮއި އަނބުރާ ގެންނެވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ މެންބަރުން އެކަމާ ހިތްހަމަ ނުޖެހުމުން ކަމަށެވެ.

 މަސީހް އިތުބާރުނެތްކަމުގެ މައްސަލައިގެ ޕެޓިޝަނުގައި ސޮއި ކުރެއްވި ފަހުން ފާރިސްގެ ފަރާތުން އެއްވެސް އެއްޗެއް ލިބިވަޑައިގެންނެވިތޯ ދައުލަތުން ސުވާލު ކުރުމުންވެސް ވިދާޅުވީ އެއްވެސް އެއްޗެއް ފާރިސްގެ ފަރާތުން ލިބިފައިނުވާ ކަމަށާއި އަދި އޭގެ ފަހުން ފާރިސްއާ ބައްދަލު ވެސް ވެފައިނުވާ ކަމަށެވެ. މާތް ﷲ ގަންދީ ހުވާކޮށް ﷲގެ ކަލާންފުޅުގައި އަތްލައިގެން ހުރެ ދޮގުހަދަން ނުކުރޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ހެކިބަސްދެމުން ތަކުރާރުކޮށް ވިދާޅުވީ ރައީސް މައުމޫނުގެ ފަރާތުން ވެސް އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސްގެ ފަރާތުންވެސް އެއްވެސް ރިޝްވަތެއް ހޯދާފައިނުވާނެ ކަމަށެވެ.

ދައުލަތުގެ ސުވާލުތަކަށް އެގޮތަށް ހެކިވެރިޔާ ޖަވާބު ދެއްވުމުން ފާރިސްގެ ވަކީލުން ވިދާޅުވީ އެ ހެކިބަހުން އެއީ ހިނގާފައިނުވާ ކަމެއްކަން ސާފުކޮށް އެނގިއްޖެ ކަމަށާއި އެހެން ކަމުން އިތުރު ސުވާލެއް ކުރަން ބޭނުންނުވާ ކަމަށެވެ.

ހެކިވެރިޔާ ކިބައިން މައްސަލަ ބައްލަވާ ގާޒީވެސް ބައެއް ކަންކަން ސާފުކުރި އެވެ. އެ ސުވާލުތަކަށް ވެސް އޭނާ ވިދާޅުވީ ފާރިސްގެ ކިބައިން ވެސް އަދި ރައީސް މައުމޫނުގެ ކިބައިން އެއްވެސް އެއްޗަކަށް އޭނާ އެދިފައިނުވާނެ ކަމަށެވެ. އަދި ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނެ ފުލުހުނަށް ބަޔާނެއް ދިނީ އޭނާ ޕެޓިޝަނުގައި ސޮއިކުރި ފޮޓޯ ލީކްކޮށްލާނެ ކަމަށް ބުނެ ވާހަކަ ދައްކަން ފެށުމުން އެކަމުގެ ރުޅީގައި ކަމަށެވެ. އަދި ޝާފިއު އޭނާއާ ގުޅޭ ގޮތުން ފާޑުފާޑުގެ ވާހަކަ ސޯޝަލްމީޑިޔާގައި ދައްކަން ފެށުމުން އެކަމުގެ ރުޅިވެރިކަމުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލާގައި ފާރިސްއާ ދެކޮޅަށް ފަހުން ދެ ހެއްކެއް ހުށަހަޅަން ދައުލަތުން ބޭނުންވެ އެ ފުރުސަތައް އެދުމުން ޝަރީއަތުގެ މަޖިލީހުން ވަނީ އެ ފުރުސަތު ނުދިނުމަށް ވެސް ނިންމާފަ އެވެ. ފާރިސްގެ ގެއިން ފެނުން ކަމަށް ބުނާ އޭފޯސައިޒްގެ ހުދު ގަނޑެއް ހެކީގެ ގޮތުގައި ހުށަހެޅުމަށާއި ފާރިސް މެމްބަރަކަށް ރިޝްވަތު ދިނުމަށް މެދުވެރިއަކަށްވި ޝާފިއުގެ ހެކިބަސް ނެގުމަށް ދައުލަތުން އެދުމުން ގާޒީ އެ ފުރުސަތު ނުދިނުމަށް ނިންމެވީ އެ ހެއްކަކީ ހެކި ހުށަހެޅުމުގެ ވަގުތުގައި ހުށަހަޅާފައިވާ ހެއްކަކަށް ނުވާތީ އާއި އެއީ ފަހުން ދައުލަތައް ލިބުނު ހެއްކަކަށް ނުވާތީ އެވެ.

ފާރިސް ރިޝްވަތު ދެއްވި ކަމަށް ބުނާ މެމްބަރު އޭނާ އަށް ރިޝްވަތު ނުދޭ ކަމަށް ވިދާޅުވެ ހެކިބަސްދިނުމުން އެ މައްސަލަ ވަގުތުން ބާތިލް ކޮށްދިނުމަށް ފާރިސްގެ ފަރާތުން ވަކީލުން އެދުނު ނަމަވެސް ގާޒީ ވިދާޅުވީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް މީގެ ކުރިން ގާޒީ ކަނޑައަޅުއްވާފައި ވާތީ ދެން އެ މައްސަލާގައި ގޮތެއް ކަނޑައަޅާނީ ހުކުމަކުން ކަމަށެވެ.

ފާރިސް މިހާރުވެސް ހުންނެވީ ބަންދުގަ އެވެ. އޭނާ މިހާރު ބަންދުގައި ހުންނެވީ ގާނޫނީ ވެރިކަން ވައްޓާލަން ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހްމަތުގަ އެވެ. ނަމަވެސް އޭގެ ކުރިން ފަސްމަހަށް ވުރެ ގިނަ ދުވަސްވަންދެން އޭނާ ޝަރިއަތަކާ ނުލާ ބެހެއްޓެވީ މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅުވައި މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށްބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް