ކ. މާލެ
|
12 މާރޗް 2018 | ހޯމަ 14:34
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
ރައްޔިތުންގެ މަޖިލިސް
ޖިނާއީ ކުށެއްގެ ދައުވާއެއް އުފުލޭ ހިސާބުން ފަނޑިޔާރު ސަސްޕެންޑް ކުރެވޭ އިސްލާހު މަޖިލީހަށް ބަލައިގަނެފި
އެބިލް މަޖިލީހަށް ބަލައިގަތީ 36 މެމްބަރުންގެ އިއްތިފާގުން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައިވެރިއެއް ނުވޭ
މިއަދުން މިއަދަށް އެބިލް ފާސްކޮށްދިނުމަށް އަބްދުއްރަހީމް ވަނީ އެދިލައްވާފަ

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފިނަމަ، އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅަފައިވާ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްކޮށްފައިވަނީ 36 މެމްބަރުންގެ އިއްތިފާގުން ނެވެ.

އެބިލް މަޖިލީހަށް ބަލައިގަތުމާއެކު އެބިލް އިތުރަށް ދިރާސާ ކުރުމަށް ވަނީ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމެޓީއަށް ފޮނުވާފަ އެވެ.

ފަނޑިޔާރުންގެ ގާނޫނަށް އެ އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ އެ ބިލުގައި ލިޔުއްވާފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ކުރާ ހުކުމަކާ ގުޅިގެން، އެ ފަނޑިޔާރަކާ މެދު އަމަލުކުރާނެ އިޖުރާއަތު ފަނޑިޔާރުން ގާނޫނުގައި ބަޔާންކޮށްފައި ނުވާތީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފަނޑިޔާރަކާމެދު އަމަލު ކުރާނެ އިޖުރާއަތު ކަނޑައެޅުމަށް ކަމަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައި ބުނެފައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލައިފި ހާލަތެއްގައި ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަ ވަންދެން، މުސާރަ ނުލިބޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންވާނެ ކަމަށެވެ. ފަނޑިޔާރެއްގެ މައްޗަށް ދަށު ކޯޓަކުން ކުރާ ހުކުމެއް ހައި ކޯޓުގައި 10 ދުވަސް ތެރޭގައި އިސްތިއުނާފު ކުރަން ޖެހޭނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި ހައި ކޯޓުން އެ މައްސަލައަކާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައިވެ އެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން ހައި ކޯޓުގެ ނިންމުން، 10 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަންޖެހޭނެ ކަމަށާއި 30 ދުވަހުގެ ތެރޭގައި އެ ކޯޓުން ވެސް އެ މައްސަލަ ބަލައި ނިންމަޖެހޭނެ އެވެ.

"ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ކަމަށް ޝަރުއީ ކޯޓަކުން ކުރާ ހުކުމެއް ނިހާއީ ހުކުމެއް ކަނޑަށް ކަނޑައެޅޭ ހިނދުން ފެށިގެން، އެ ފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ،" ފަނޑިޔާރުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވެއެވެ.

ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެގޮތަށް ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ނިހާއީ ހުކުމެއް ކޮށްފިނަމަ، ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް އޮންނަ އިޖުރާއަތެއް މި ހާލަތުގައި ނުހިނގާނެ ކަމަށެވެ.

ސަރުކާރުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ޖިނާއީ ތަހުގީގެއް ފަށައި ދައުވާ ކުރަން ފޮނުވާފައި ވަނިކޮށެވެ. ފަނޑިޔާރުންގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން އުޅެނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު މަގާމުން ވަކިކުރުމަށް ބޭނުންވާ އަދަދަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭނެތީ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް