ކ. މާލެ
|
12 މާރޗް 2018 | ހޯމަ 13:29
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުން
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުން
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
ޕީޖީ ގްރޫޕް ނުބާއްވައި ސަރުކާރު ކޯލިޝަނުން ތްރީލައިން ވިޕް ނެރެފި
ތްރީ ލައިން ވިޕާމެދު ބައެއް މެމްބަރުން ހިތްހަމަ ނުޖެހޭ

ސަރުކާރު ކޯލިޝަންގެ ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމެއް ނުބާއްވައި، ފަނޑިޔާރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އެންޓި ޑިފެކްޝަން ބިލް ބަލައިގަތުމަށާއި އެ ބިލް ފާސްކުރުމަށް ތްރީލައިން ވިޕް ނެރެފި އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ރާއްޖެއެމްވީއަށް ކަށަވަރުކޮށް ދެއްވި ގޮތުގައި މިއަދު މެންދުރު ނިހާނު ތްރީލައިން ވިޕް އިއުލާނުކުރެއްވީ ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުންގެ ވައިބަރ ގްރޫޕްގަ އެވެ. އެކަމާ މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި އެވެ.

"މީގެ ކުރިން ބިލް ބަލައިގަތުމަށް ވެސް ނިންމަނީ، އަދި ބިލް ފާސްކުރުމަށް ވެސް ނިންމަނީ ބައްދަލުވުން ބޭއްވުމަށް ފަހު،" ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނު ވިދާޅުވީ ބައްދަލުވުން ނުބާއްވައި ތްރީލައިން ވިޕް އިއުލާނުކުރީ، ބިލް ބަލައިގަތުމާ ގުޅޭ ގޮތުން މެމްބަރުންނާއެކު ކުރިން ވެސް ބައްދަލުވުން ބާއްވައި، އަދި މެމްބަރުންގެ ޝުއޫރު އެ ބައްދަލުވުމުގައި ވެސް އަދި މަޖިލީހުގެ ޖަލްސާގައި ވެސް ހާމަކުރައްވާފައިވާތީ ކަމަށެވެ.

ނަމަވެސް ކޮމިޓީގައި މަޝްވަރާކޮށް މެމްބަރުން ހުށަހަޅާ ހިޔާލުތައް ހިމަނައިގެން ބިލް ފާސްކުރަން ވިޕްލައިން ނެރޭނީ، މެމްބަރުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެކުލަވާލާފައިވާ މި ބިލް ފާސްކުރަން އެ ކޯލިޝަންގެ 90 ޕަސެންޓް މެމްބަރުން ދެކޮޅެވެ.

މި ބިލް ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުން އިންތިހާބުކުރާ ބައެއްކަން ކަށަވަރުކުރުމާއެކު ރައްޔިތުންގެ މަޖިލީހަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްކަމަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގައި ހިންގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ ނުވަތަ އަމިއްލަ އަށް ވަކިވެއްޖެ ނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާއެކު އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތްތައް ބަޔާންކުރުމެވެ.

މި ބިލްގައި ގޮނޑި ހުސްވާނެ ހާލަތްކަމުގައި ބަޔާންކޮށްފައިވާ ތިން ހާލަތަކީ ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކުރުން، ނުވަތަ ވަކިވުން،  ނުވަތަ ޕާޓީ ބަދަލުކުރުމެވެ.

މި ބިލްގައި ބުނެފައިވާ ގޮތުގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވާދަކޮށްގެން މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވި މެމްބަރަކު އެ މެމްބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިޕްލައިނާ ހިލާފުވުމާއި އަދި  ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެ މެމްބަރާމެދު ސުލޫކީ ފިޔަވަޅެއް އެޅި ނަމަވެސް ގޮނޑި ގެއްލިގެން ނުދެ އެވެ. ނަމަވެސް މި ބިލް އެކުލަވާލާފައިވާ ގޮތުން ގޮނޑި ނުގެއްލޭ ހާލަތެއްގައި ވެސް ޕާޓީގެ ސުލޫކީ ކޮމިޓީން އަޅާ ފިޔަވަޅަކާ ގުޅިގެން، ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި އެކަން އިލެކްޝަންސް ކޮމިޝަނަށް އެނގުމުން ގޮނޑި ގެއްލިގެންދާނެ އެވެ.

ގާނޫނު އަސާސީ 74 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަގާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ހިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމްކޯޓުންނެވެ. އަދި ގާނޫނުއަސާސީއާއި ގާނޫގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ބ. ގައި ބަޔާންކޮށްފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް