ރައްޔިތުން ވޯޓުދީގެން، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމުން، އެ ތަމްޞީލުކުރާ ގޮނޑި ވިއްކާލެވޭނެ ހަމަ އަގެއް އޮންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް އެންޓި-ޑިފެކްޝަން ބިލް ހުށަހަޅުއްވާ، ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހޮވުމަށް ފަހު، ޖެހިގެން އަންނަ ދުވަހު، ނުއަގުގައި، ނުވަތަ ހަމަ އަގުގައި ނުވަތަ އެއަށްވުރެ މަތީ އަގެއްގައި ގޮނޑި ވިއްކުމަކީ ނިހާން ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، ކުރާނެ އިހުސާސްތަކާ، އަދި ރައްޔިތުންގެ ކުރިމައްޗަށް ވޯޓަކަށް އެދި، ރައްޔިތުންގެ ވިންދު ދަންނަމޭ ބުނެ، ރައްޔިތުންނާއެކު އެވާހަކަ ދައްކާފަ ރައްޔިތުންގެ މަޖިލީހަށް ހޮވިފަ، ހަމަ ޖެހިގެން އަންނަ ދުވަހު، ގޮނޑި ނުއަގުގަ ވިއްކާލާފަ، ނުވަތަ ހަމަ އަގުގަ ނުވަތަ އެއަށްވުރެ މަތީ އަގެއްގަ ވިއްކާލުމުގެ ހާލަތަކީ އަޅުގަނޑު ޤަބޫލުކުރާ ހާލަތަކަށް ނުވާތީވެ އެފަދަ ކަމަކާ ގުޅުންހުރި ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ދުވަހަކީ އުފާވެރި ދުވަހަކަށް ވާތީ" ނިހާން ވިދާޅުވިއެވެ.
ގޮނޑި ވިއްކުމާއި ދެކޮޅު ނަމަވެސް، ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ ގޮނޑި ވިއްކާލެވޭނެ ހަމަ އަގެއް އޮންނަކަން ޤަބޫލުކުރައްވާ ކަމަށް ދޭހަވާފަދަ އިބާރާތްތަކުން ނިހާން ވާހަކަ ދައްކަވާފައިވާއިރު، ވަކި ޕާޓީއަކަށް ނިސްބަތްނުވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވާދަކޮށްގެން މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިހާބުވާ މެންބަރުން، އެ މެމްބަރަކު އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވީނަމަވެސް، އެ މެންބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް މި ބިލުގައިވެއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ، ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ފަދަ ޤާނޫނެއް ހެދުމަކީ ޕީޕީއެމްއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުކުރި މެނިފެސްޓޯގައިވެސް ހިމެނޭ ކަމެއް ކަމަށެވެ.
އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާ އެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއާތުތައް ބަޔާން ކުރާ ގާނޫނެކެވެ.
ބިލުގައިވާ ގޮތުގައި، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅިއްޖެނަމަ އޭނާގެ މައްޗަށް ވެސް ހިނގާނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރުންގެ މައްޗަށް ހިނގާ އުސޫލެވެ. އެގޮތުން، އޭނާ ގުޅޭ ޕާޓީއިން ވަކިވުން ނުވަތަ ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.
މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަނޑައަޅައިދިނުމަށް ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ޚިޔާލު ތަފާތުވުން ބޮޑުވި ސިޔާސީ ޕާޓީގެ ގާނޫނުގެ މާއްދާ އުވާލަން ވެސް ވަނީ ހުށަހަޅާފައެވެ. އެ މާއްދާއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އެވެ.
އެ މާއްދާގައިވަނީ، ގާނޫނުއަސާސީއާއި ގާނޫގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުގައި، ޝަރީއަތް ކުރިއަށްދިޔައިރު، މި މާއްދާ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުނެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލްކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތުތައް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާނޫނު އަސާސީގެ މި މާއްދާއަށް އިސްލާހު ގެނެއުމެއް ނެތި، މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ގާނޫނެއް ހަދައިފިނަމަ އެކަން ގާނޫނު އަސާސީއާ ތައާރުޒުވާނެއެވެ.