ކ. މާލެ
|
12 މާރޗް 2018 | ހޯމަ 11:50
ރައީސް މުހައްމަދު ނަޝީދު، ސަރުކާރުން ވާހަކަ ދެއްކީ އިތުރު ފަރާތެއް މެދުވެރިކޮށްގެން
ރައީސް މުހައްމަދު ނަޝީދު، ސަރުކާރުން ވާހަކަ ދެއްކީ އިތުރު ފަރާތެއް މެދުވެރިކޮށްގެން
ދަ ވަޔަރ އިންޑިއާ
ސިޔާސީ ޕާޓީތަކުގެ މަޝްވަރާ
އިދިކޮޅު ފަރާތްތަކުގެ ނަމުގައި ސަރުކާރާއެކު ނަޝީދު ސިއްރުން މަޝްވަރާ ކުރެއްވި: ޝައިނީ
އެއްބަސްވުމާ އިދިކޮޅު ޚިލާފުވި
ފަނޑިޔާރުން ދޫކޮށް ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރު ތަންފީޒުކުރަން ހުށަހެޅި
ވާހަކަ ދައްކަވަނީ ލީޑަރުންގެ ފަރާތުންކަން ރައީސް ނަޝީދު ޔަގީންކަން ދެއްވި

އިދިކޮޅު ހުރިހާ ފަރާތްތަކެއްގެ ނަމުގައި، ސަރުކާރާއެކު ރައީސް މުހައްމަދު ނަޝީދު ސިއްރުން މަޝްވަރާތަކެއް ކުރެއްވި ކަމަށް، ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާ ގުޅޭގޮތުން ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ ފެބްރުއަރީ އެއްވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ކަންތައްތަކާ ގުޅިގެން ފުންނާބުއުސް ތިންވަނަ ފަރާތެއް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށް ސަރުކާރުން މަސައްކަތް ފެއްޓި ކަމަށެވެ. އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކަން ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން، އިސްވެ ރައީސް ނަޝީދު ސަރުކާރާ ވާހަކަ ދައްކަވަމުން ގެންދެވި ކަމަށް ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދެވީ އިދިކޮޅު އެހެން ފަރާތްތަކުގެ ރުހުމާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ކަމަށެވެ. އަދި ސަރުކާރާއި ރައީސް ނަޝީދުއާ ދެމެދު ބައެއް ޑޮކިއުމެންޓްތައް ބަދަލުކުރެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ބައެއް ޑޮކިއުމެންޓްސްތައް ބަދަލުކުރެވުނު، އޭގެ ތެރޭގައި ހުރި ބައެއް ކޮންޑިޝަންތައް ވާހަކަ ދެކެވިގެން ބަދަލުކުރެވި އެޖެންޑާއަކާ ހަމައަށް އަޅުގަނޑުމެންނަށް އާދެވުނު،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވި ގޮތުގައި، ރައީސް ނަޝީދުއާ ކުރެވޭ މަޝްވަރާތަކުގައި އެހެން ސިޔާސީ ފަރާތްތަކުގެ ބައިވެރިވުން އޮތްކަން ޔަގީންކުރަން ސަރުކާރުން ބޭނުންވި ކަމަށެވެ. އެ ޔަގީން ކަމަށް އެދުމުން އެކަމުގެ ޔަގީންކަން ދިން ކަމަށާއި އަދި މަޝްވަރާތައް ކުރިއަށްގެންދާނީ ހުރިހާ ފަރާތްތަކުގެ ބައިވެރިވުމާއެކުގައި ކަމަށް ޖަވާބު ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ މި ވާހަކަތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާނުކޮށް މަޑުކުރީ، އެއްބަސްވުމަކާއި ހަމައަށް އާދެވެންދެން މިކަން ސިއްރު ކޮށްފައި ބޭއްވުމަށް ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އެއްބަސްވެފައި އޮތުމުން ކަމަށެވެ. ނަމަވެސް، ފެބްރުއަރީ 15 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޝްވަރާކުރެވެމުންދިޔަ ބައެއް ކަންތައްތަކާ ނުލައި ކުރިއަށް ނުދެވޭނެކަން ހާމަކޮށް ވެފައިއޮތް އެއްބަސްވުމާ ޚިލާފުވި ކަމަށް ޝައިނީ ވިދާޅުވިއެވެ.

"އެ ހިސާބުން އެ އެގްރީމެންޓް ބްރީޗްވެއްޖެ، އެއީ ދެފަރާތުން ކުރެ އެއްވެސް ފަރާތަކުން އެއްބަސްވެގެން މިކަން ނިންމާލަންދެން ސިއްރު ހާމަނުކުރާނެކަން ވިދާޅުވެފައިވާތީ އަޅުގަނޑުމެން ސިއްރު ހިފަހައްޓައިގެން ތިބީމު، އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ޓީވީއަށް އަރައި ނިއުސްކޮންފަރެންސެއްގައި އަޅުގަނޑުމެން ވާހަކަ ދައްކަމުން ދިޔަ ބައެއް ކަންތައްތައް ޕްރީކޮންޑިޝަންގެ ގޮތުގައި ހިމަނައި، ދެން މި ކޮންޑިޝަންތައް ފުރިހަމަ ވީމަ ނޫނީ ވާހަކަ ދެއްކުން ކުރިއަށް ނުގެންދާނެ ކަމަށް ބުނެ އެގްރީމެންޓާ ބްރީޗްވީ،" ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ހައްޔަރު ކޮށްފައިވާ ފަނޑިޔާރުން މިނިވަންކުރުމާއި ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރު ތަންފީޒުކުރުމާއި ދެކެވޭ ވާހަކަތައް ރާއްޖެއިން ބޭރުގައި ނުދެއްކުން ހިމެނޭ ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ބޭނުންވީ އެއްވެސް ކަމެއް ފޮރުވާފައި ނުބާއްވައި، ބޭރުގެ މީޑިއާތަކާއި ބޭރުގެ ފަރާތްތަކާއެކު ވެސް މި ވާހަކަތައް ދައްކަން ކަމަށް ޝައިނީ ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވާތީ، އެއްވެސް މީހަކު ދޫކޮށްލަން ސަރުކާރަށް އެއްބަސްނުވެވޭނެ ކަމަށް ސަރުކާރުން ބުނެފައިވާނެ ކަމަށް ޝައިނީ ވިދާޅުވިއެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ހުރިހާ ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކުރެވިދާނެ ކަމަށް ސަރުކާރުން ބުނެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްބަސްވުމާއި ޚިލާފުވުމުން ވެސް މަޝްވަރާތަކަށް އައުމަށް ގޮވާލައި ސަރުކާރުގެ ހުށަހެޅުމެއް މިހާރުވެސް އިދިކޮޅު ފަރާތްތަކުގެ އަތުގައި އޮންނާނެ ކަމަށާއި ނަމަވެސް އެއަށް އަދި މިހާތަނަށް ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް