ކ. މާލެ
|
12 މާރޗް 2018 | ހޯމަ 11:32
ފާރިސް (ދ) އަދި ނަދީމް: އެޗްއާރްސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ހުށަހެޅުއްވި
ފާރިސް (ދ) އަދި ނަދީމް: އެޗްއާރްސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ހުށަހެޅުއްވި
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
ފާރިސާއި ނަދީމް އެޗްއާރްސީއެމްގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވައިފި
ނަދީމް ވަނީ އޭނާ ބެއްލެވި ދޫނިދޫ ޑޮކްޓަރުގެ ޝަކުވާތައް ހުށަހަޅާފައި
ފާރިސާއި ނަދީމާ އަވަހަށް ބައްދަލު ކުރާނެ ކަމަށް އުންމީދު ކުރަން: ވަކީލު
ދޫނިދޫ ޑޮކްޓަރާމެދު ގައިދީންގެ ޝަކުވާ ބޮޑު

ހައްޔަރު ކޮށްފައިވާ ރައީސް މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ނަދީމުގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އޭނާގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އަދި ސާފު ބޯ ފެން ނުލިބި، ފާހާނާގެ އިސްކުރުން ފެން ބޯން ޖެހުމުން ޑައިރިއާ ޖެހި، ސިއްހީ މައްސަލަތަކެއް ނަދީމް ތަހަންމަލް ކުރަމުންދާތީ، އެކަމުގެ ކަންބޮޑުވުން ވެސް އޭނާ ވަނީ އެޗްއާރްސީއެމާ ހިއްސާ ކުރައްވާފައެވެ.

ނަދީމްގެ ފަރާތުން އެޗްއާރްސީއެމަށް ހުށަހެޅުއްވި ސިޓީއެއްގައި މަހުފޫޒު ވިދާޅުވެފައި ވަނީ ސާފު ބޯ ފެނާއި ސާފުތާހިރުކަންކުޑަ ކާއެއްޗެހި ބޭނުން ކުރަންޖެހުމުގެ ސަބަބުން ބޭރަށް ހިންގުމުގެ މައްސަލަތަކެއް އޭނާގެ މުވައްކިލަށް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކިތާ ހަފްތާއެއްވެފައިވާ ކަމަށާއި ޑޮކްޓަރު ދެއްވި އެންޓި ބައޮޓިކް ބޭނުން ކުރުމުން ރަނގަޅު ކަމަށް ނުފެންނާތީ އެންމެ ފަހުން ދިން ބޭސް އަޅުގަނޑުގެ މުވައްކިލު ބޭނުންކޮށްފައިނުވާ ކަމަށް އެޗްއާރްސީއެމަށް މަހުފޫޒު ފޮނުއްވެވި ސިޓީގައިވެއެވެ. ޑޮކްޓަރު ދޭ ފަރުވާއާމެދު ސުވާލު އުފައްދައި މަހުފޫޒު ވިދާޅުވެފައި ވަނީ ޑޮކްޓަރުގެ ފަރުވާއާމެދު އެތައް ގައިދީންނެއްގެ ފަރާތުން މީގެ ކުރިން ވެސް އެޗްއާރްސީއެމަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ނަދީމަށް ބޭރަށް ހިންގުމުގެ މައްސަލަ ކުރިމަތިވެެފައި ވަނީ ސާފު ބޯފެން ނުލިބުމުގެ ސަބަބުން ކަމަށާއި ދޫނިދޫގައި ބަންދު ކުރާ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދެނީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށްވާއިރު، ނަދީމަށް ސާފު ބޯފެން ނުދޭ ސަބަބު ޑޮކްޓަރު ވިދާޅުވެފައި ނުވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

ނަދީމަށް ދޭންޖެހޭ ފަރުވާ ނުދީ ލަސްކުރަމުން ގެންދަނީ ކީއްވެގެންތޯ ބެއްލެވުމަށާއި އެކަމާ ގުޅޭ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް މަހުފޫޒު ހުށަހެޅުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ. އަދި ނަދީމް އެދިވަޑައިގެންފައިވާ ގޮތަށް އޭނާއާ ބައްދަލު ކުރެއްވުމަށް، ވެސް މަހުފޫޒު ވަނީ އެޗްއާރްސީއެމަށް ހުށަހަޅުއްވާފައެވެ.

މަހުފޫޒު ވިދާޅުވެފައި ވަނީ ފާރިސް ވެސް އެޗްއާރްސީއެމްގެ ބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށާއި އޭނާއާ ވެސް ވީހާވެސް އަވަހަކަށް ބައްދަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް