ކ. މާލެ
|
12 މާރޗް 2018 | ހޯމަ 08:53
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ޤާނޫނީ ވަކީލާ ހަނީފާ ހާލިދު
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ޤާނޫނީ ވަކީލާ ހަނީފާ ހާލިދު
ރާއްޖެއެމްވީ
އެންޓި ޑިފެކްޝަން ބިލް
އެންޓި ޑިފެކްޝަން ބިލަކީ ވުޖޫދު ކުރެވޭނެ ޤާނޫނެ ނޫން، ބިލް ޤާނޫނު އަސާސީއާ ހިލާފު: ހަނީފާ
މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގެ ތެރޭގައި ހިމެނޭކަމެއް ނޫން
އިލެކްޝަންސް ކޮމިޝަނަށް ޤާނޫނު އަސާސީން ނުދޭ މެންޑޭޓެއް، ހަދާ ޤާނޫނަކުންވެސް ނުދެވޭނެ
އިލެކްޝަންސް ކޮމިޝަންގައި މަސްއޫލިއްޔަތު އަދާކުރުމުގެ ފެންވަރުހުރިތަން ނުފެނޭ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ އެންޓި ޑިފެކްޝަން ބިލަކީ ޤާނޫނު އަސާސީއާއި ހެދިފައިވާ ޤާނޫނުތަކާ ފުށުއަރާ ބިލެއް ކަމަށާއި، އެހެން ކަމުން އެއީ ވުޖޫދު ކުރެވޭނެ ޤާނޫނެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ލީގަލް ޑިރެކްޓަރ ހަނީފާ ހާލިދު ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ފަރާތުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ވަރަކޮށާ ބިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަނީފާ ވިދާޅުވީ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުމަކީ އިލެކްޝަންސް ކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އެއީ ޤާނޫނު އަސާސީން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރެއް ނޫން ކަމަށާއި، އިލެކްޝަންސް ކޮމިޝަނަށް ޤާނޫނު އަސާސީން ނުދޭ މެންޑޭޓެއް، ހަދާ ޤާނޫނަކުން ވެސް ނުދެވޭނެ ކަމަށް ހަނީފާ ވިދާޅުވި އެވެ. 

ހަނީފާ ވިދާޅުވި ގޮތުގައި މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދޭނަމަ ފުރަތަމަ ޤާނޫނު އަސާސީއަށް ބަދަލުގެންނަންޖެހޭނެ އެވެ. އަދި އެޔަށްފަހު އިންތިހާބުތަކާއި ގުޅޭ ގޮތުން ހެދިފައިވާ އެހެން ޤާނޫނުތަކަށް ބަދަލުގެނައުމަށްފަހުގައި ނޫނީ އެންޓި ޑިފެކްޝަން ޤާނޫނެއް ނުހެދޭނެ ކަމަށް ހަނީފާ ވިދާޅުވި އެވެ. 

"ސިޔާސީ ޕާޓީތަކުގެ ޤާނޫނު 17 ވަނަ މާއްދާގެ އޮންނަނީ (ހ) އަދި (ށ) އެކަނި. އެއީ ޕާޓީގެ ނަމުގައި އިންތިހާބަށް ކުރިމަތިލުން އެކަނި. 16 ވަނަ މާއްދާގެ (ބ) ގައި އެބަ އޮތް ޕާޓީ ބަދަލުކުރިކަމުގައިވިޔަސް މެމްބަރުކަމުގެ ގޮނޑި ނުގެއްލެނެކަމަށް. އެކަން އޮންނަނީ 16 ވަނަ މާއްދާގެ (ބ) ގައި. އެހެންކަމުން ފުރަތަމަ މި ބިލްގައި އޮތް މާއްދާވެސް ޤާނޫނަކުން އަޅުގަނޑުމެންނަކަށް ނުފެނޭ. 17 ވަނަ މާއްދާގެ (ބ) އެއް ނޯވޭ." އެންޓި ޑިފެކްޝަން ބިލްގައި އުވާލެވޭނެކަމަށް ބުނެފައިވަނީ ޤާނޫނުގައި ނެތް މާއްދާއެއްކަން ފާހަގަކުރައްވަމުން ހަނީފާ ވިދާޅުވި އެވެ. 

ހަނީފާ ވިދާޅުވީ ބިލް ފެށިގެން ނިމެންދެން ބަލާއިރުވެސް އެ ބިލް ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ތައާރަޒުވާކަމަށެވެ. އެހެންކަމުން އެއީ ވުޖޫދަށް ގެނެވިދާނެ ޤާނޫނެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ބަންޑާރަ ނައިބާއި، އިލެކްޝަންސް ކޮމިޝަނުން ބިލަށް ކޮމެންޓްކުރައްވާއިރު އެކަން ފާހަގަކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ހަނީފާ ވިދާޅުވި އެވެ. 

ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރަމުންގެންދަނީ އެ ސަބަބާ ހުރެ، އެ ކޮމިޝަންގައި މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގެ ފަންވަރެއް މިހާރު ނެތް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ. 

"އެހެން ޤައުމުތަކުގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ވެވެނީ ހައި ކޯޓުގެ ޖަޖުންގެ ފެންވަރުގެ ބޭފުޅުންނަށް. އެހެންނަމަވެސް މި ރާއްޖޭގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނަށް ތިއްބަވަނީ އެގޮތަށް ޤާބިލް ބޭފުޅުންނެއް ނޫން" ވަކީލާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް