ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހަށް އިންތިހާބުކުރާ ޕާޓީ ބަދަލުކޮށްފިނަމަ މެންބަރުކަން ގެއްލޭ ގޮތަށް ހެދުމަކީ މެމްބަރުން އަޅުވެތިކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު، ހުށައަޅުއްވާފައިވާ އެންޓި ޑިފެކްޝަން ބިލާއި ގުޅޭ ގޮތުން ވީޓީވީގައި ވާހަކަ ދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ޤާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށެވެ. އެފަދަ ބިލަކަށް ވޯޓަށް ވެސް ނޭހޭނެ ކަމަށް ޤާސިމް ވިދާޅުވި އެވެ. ޤާސިމް ވިދާޅުވި ގޮތުގައި އެފަދަ ބިލެއް މަޖިލީހަށް ބަލައިގަނެވޭނީވެސް ޤާނޫނު އަސާސީ އިސްލާހުކުރުމަށްފަހު އެވެ.
ޤާސިމް ވިދާޅުވީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތާއި، ގޮނޑި ގެއްލޭނެ ހާލަތްތައް ޤާނޫނު އަސާސީގައި ވަރަށް ސަފުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީއާއި ބިލް ފުށޫއަރާކަމަށް ޤާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޤާނޫނު އަސާސީގައި އެހާ ސާފުކޮށް ކަމެއް ބަޔާންކޮށްފައިވާއިރު، އެކަމަށް ފުށުއަރާ ޤާނޫނެއް ނުހެދޭނެ އެވެ.
"އެންޓި ޑިފެކްޝަން ގާނޫނެއް ހެދުމަށް ފުރަތަމަ ޖެހޭނީ ގާނޫނުއަސާސީއަށް އިސްލާހް ގެންނަން. އެނޫން ގޮތަކަށް ގާނޫނެއް ނުހެދޭނެ." ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.
ޤާސިމް ވަނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލަށް ވޯޓު ނުދެއްވުމަށް މެމްބަރުންނަށް ގޮވާލައްވާފަ އެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެ ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޅުވެތިކުރުމަށް ހުށައަޅާފައިވާ ބިލަކަށްވުމެވެ. އަދި ޤާސިމް އިބްރާހިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިހާރު ކުރިއަށްގެންދާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މީހަކު ކުރިއަށްގެންދަނީ ބޭނުންވާ ޤާނޫނީ އަދަދު ނެތި އެވެ. އެހެންކަމުން 43 މެމްބަރުން ނެތި އެފަދަ ބިލްތަކަށް ވޯޓަށްވެސް ނޭހޭނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.