ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 13:53
ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި
ސަރުކާރަށް ތާއީދު ކުރާ މެމްބަރުން މަޖިލީހުގެ ތަޅުމުގައި
ޕީޕަލް މެގަޒިން
ނޫސްވެރިކަން
މީޑީއާ ކޮމިޝަންގެ ބިލު މަޖިލީހުގައި ތާށިވެފައިވާތާ ފަސް މަސް!
ބިލު ހުއްޓިފައި އޮތް ސަބަބެއް ނޭނގޭ: ޖައުފަރު
ބިލާހުރެ ކުރިއަށް ކުރަންޖެހޭ ޕްލޭންތަކަށް ހުރަސްއެޅިފައި
ބިލު ހުށަހަޅާފައި ވަނިކޮށް، ބްރޯޑްކޮމަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައި

ބްރޯޑްކާސްޓިކް ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ) އުވާލުމަށްފަހު، މީޑީއާތައް ބެލެހެއްޓުމަށް މީޑީއާ ކޮމިޝަން އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މަޖިލީހުގައި ހުއްޓިފައި އޮންނަތާ ފަސް މަސްވެއްޖެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަޖިލީހަށް ހުށަހެޅި އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، ބިލުގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އެ ބިލާ ގުޅޭ ގޮތުން މީޑިއާތަކުންނާއި ބައެއް ނޫސްވެރިން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށް، އެ ބިލު މަޖިލީހުގެ ތެރެއިން ހުއްޓިފައި އޮތީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ޖައުފަރު ދާއޫދެވެ. މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިފައިވާ އަބުރުގެ ގާނޫނު ވެސް މަޖިލީހަށް ހުށަހެޅުއްވީ ޖައުފަރު އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޖައުފަރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ބިލު މަޖިލީހުގެ ތެރެއިން ހުއްޓިފައި އޮތީ ކީއްވެގެން ކަމެއް ސާފު ނުވާ ކަމަށެވެ. އަދި ބިލުގައި މައްސަލަތަކެއް ކުރިމަތިވި ކަމެއް މިހާތަނަކަށް އޭނާއަށް އެނގިފައިނުވާ ކަމަށް ވެސް ޖައުފަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ބިލުގެ މަރުހަލާތައް ތަޅުމުން ކުރިއަށް ގެންދިއުމުގައި ގޮތް ނިންމަވާނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ކަމަށެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މީޑިއާ ކޮމިޝަންގެ ގާނޫނޫ މަޖިލީހަށް ހުށަހަޅާފައިވާތީ، ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލުން އަހަރު ދުވަހަށް ޕްލޭންކޮށްގެން ކުރަން ރާވާފައިވާ ބައެއް ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެ މުއައްސަސާތަކުގެ މެމްބަރުންގެ ދައުރު ހަމަވުމުގެ ކުރިން، ބިލަކުން އެފަދަ ނިންމުމެއް ނިންމަން އުޅޭތީ މެމްބަރުންގެ މަސައްކަތުގެ ރޫހަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށްވެއެވެ.

މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ހަސަން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ބިލާހުރެ، އެ މުއައްސަސާގެ އެއްވެސް މަސައްކަތަކަށް ބުރޫ ނާރާ ކަމަށާއި ކުރިން ޕްލޭން ކުރެވިފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ކޮންމެ އަހަރު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުން، މިއަހަރު ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް މުއީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީޑިއާ ކައުންސިލް އުވާލިނަމަވެސް، ނޫސްވެރިކަމުގެ އިނާމު ދިނުން، މީޑިއާ ކޮމިޝަނުން ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ބްރޯޑްކޮމް އާއި އެމްއެމްސީ އުވާލުމަށް ފަހު، މީޑިއާ ކޮމިޝަން އުފެއްދުމަށް ބިލެއް ހުށަހަޅާފައި ވަނިކޮށް، ބްރޯޑްކޮމްގެ ނައިބު ރައީސް މުޙައްމަދު އަސްލަމްގެ ދައުރު ހަމަވާތީ، އެ ކޮމިޝަނަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

މީޑީއާ ކޮމިޝަންގެ ބިލުގައި ބުނެފައިވާ ގޮތުން، މީޑިއާތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ބާރު ލިބެނީ އެ ކޮމިޝަނަށެވެ. އެ ބިލުގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން، މީޑިއާތަކުގެ އެޑިޓަރުންނާއި ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ނޫސްވެރިކަމަށް އެ ބިލުގެ ސަބަބުން ހުރަސް އެޅޭތީ، އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ މެމްބަރުންނާ ވެސް ހިއްސާކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް