ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 11:30
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދާ ބައެއް މެންބަރުން ސުޕްރީމް ކޯޓުގައި
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދާ ބައެއް މެންބަރުން ސުޕްރީމް ކޯޓުގައި
ރާއްޖެއެމްވީ
މެންބަރުންގެ ގޮނޑި ގެއްލުން
މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލަ މާދަމާ!
ޕާޓީއިން ވަކިވުމުން ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅީ ޖުލައި މަހު
ޖުލައި މަހުގެ ހުކުމް ބާތިލްކޮށް ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅީ ފެބްރުއަރީ އެއްވަނަ ދުވަހު
ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހަދަނީ

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރުމަށް ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ބޭއްވުމަށް އެ ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށެވެ. މީގެ ކުރިން ފެބްރުއަރީ 27 ވަނަ ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. އެހެންނަމަވެސް، ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވަނީ، ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީއިން ވަކިވެއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށް މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް ނެރުނު އަމުރުގައި ކަނޑައެޅި އެވެ.

ފެބްރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ތަންފީޒުކުރުމަށް ސަރުކާރުން ދެކޮޅު ހެދިއިރު، ސުޕްރީމް ކޯޓުގެ އެތެރޭގައި ތިއްބަވަނިކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ދެ ފަނޑިޔާރުން ހައްޔަރުކޮށް، ސުޕްރީމް ކޯޓުގެ ބާރުތައް ހިފަހެއްޓިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އަމުރުތައް ނެރުއްވަވަމުން ގެންދަވަނިކޮށް، ބަންޑާރަނައިބު ވަނީ މަޖިލިސް މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން އަމުރުގައިވާ ބައި ބާތިލްކުރުމަށް ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ބަންޑާރަނައިބު އެދުނެވެ.

ބަންޑާރަނައިބު އެދުނު ފަދައިން، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ވަނީ، ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް އަންގައި ފެބްރުއަރީ 18 ވަނަ ދުވަހު އަމުރު ނެރެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް