ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު ފެށުމަށް ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ތާވަލުކޮށްފި އެވެ.
ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ލިޔެކިޔުންތައް ޖެނުއަރީ 10 ވަނަ ދުވަހު އޭނާއާ ވަނީ ހަވާލުކޮށްފަ އެވެ.
މި ދައުވާގެ ޝަރީއަތް ފެށުމަށް ޖެނުއަރީ 30 ވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކުރި އެވެ. އެހެން ނަމަވެސް، ވަކި ސަބަބެއް ހާމަކުރުމެއް ނެތި ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
ރިޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒުގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިއަދު މެންދުރު 1:30 ގައި ފަށާއިރު، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ މިމަހުގެ ދެވަނަ ދުވަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
މި ދައުވާއަކީ، ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި ތިން ވަނަ ދައުވާއެވެ. މީގެ ކުރިން، އޭނާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅިކަމުގެ ދައުވާ ކުރިއެވެ. އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. ދައުލަތުން ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މީގެ އިތުރުން، ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު 11 މެންބަރެއްގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ ވަނީ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.