ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުމަށް ގޮވާލާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެރޭ 9:30 ހާއިރު ފެށި މި ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކުރާ ރައްޔިތުން ބައިވެރިވިއެވެ. އަޑުގަދަކުރާ ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ހޮނިހިރު ދުވަހުގެރޭ ވާހަކަ ދައްކަފައި ވަނީ ކުރީގެ ބައެއް ކައުންސިލަރުންނާއި ދާއިރާތަކުގެ މެމްބަރުންނެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގައިވާ ޖައުފަރެއެވެ.
މާރްޗް މަހުގެ 16 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު އެއްވުމުގައި އަތޮޅުތެރޭގެ ރައްޔިތުން ބައިވެރިވާނެ ކަން މުޒާހަރާގެ ބައިވެރިންގެ ވާހަކަގައިގައި ފާހަގަކުރިއެވެ. އަދި 16 ވަނަ ދުވަހުގެ ކުރިންވެސް އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތެރެއިން މީހުން މާލެ އައުމަށް ގޮވާލިއެވެ.
އެހެން ރޭތަކަކޭ އެއްގޮތަށް 10 ޖެހުމާއެކު ފުލުހުން ވަނީ އެމްޑީޕީ ހަރުގެ އެތެރެއަށް ވަދެ ސައުންޑް ސިސްޓަމް ބޭނުން ނުކުރުމަށް އަންގާފައެވެ. ފުލުހުންގެ އެގޮތަށް އެއްގުމަށް ސައުންޑް ސިސްޓަމް ބޭނުން ކުރުން ހުއްޓާލުމުން، ފުލުހުން ވަނީ ހަރުގެ ސަރަހައްދުގައި ތިބި އާންމު ރައްޔިތުން ފަހަތަށް ޖައްސާފައެވެ.