ފުލުހުން މިއަދު މަސައްކަތް ކުރަމުންދަނީ ގޭންގެއްގެ އުސޫލުން ކަމަށާއި އެމީހުންގެ އެއްވެސް ޑިސިޕްލީނެއް މިހާރު ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ ވިދަޅުވިއެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ފުލުހުންގެ އަމަލުތައް ހުރީ ވަރަށް ދަށު ދަރަޖައިގައި ކަމަށާއި އެއްވެސް ވަރަކަށް ޑިސިޕްލިން ފުލުހުން ނުފެންނަ ކަމަށެވެ. ފުލުހުން ވާންޖެހޭނީ، އާންމުންނަށް ނަމޫނާ ދައްކާ، އާންމުންނާ ރީތި ބަހުން މުއާމަލާތްތައް ކުރަން އެނގޭ ބަޔަކަށް ކަމަށާއި އެހެން ނަމަވެސް އެއްވެސް ވަރަކަށް ފުލުހުންގެ ކިބައިން އެމަންޒަރު ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް ތަނަކުން މީހަކު ފެންނަ އިރަށް ވައްދަން ނުޖެހޭނެ ކަމަށާއި އެ މުއައްސަސާގައި މަސައްކަތް ކުރަންޖެހޭނީ ވަކި އުސޫލުތަކެއް ހިފަހައްޓާ ޑިސިޕްލީން މީހުން ކަމަށެވެ.
ފުލުހުންގެ ޓްރެއިންގތަކުގައި ވެސް އެފަރާތްތަކަށް ރަގަޅު އުސޫލުތައް ކިޔާދޭން ޖެހޭ އިރު މިހާރު ފުލުހުންގެ ފަރާތުން ފެންނަ މަންޒަރުތަކުން އެފަރާތްތަކުން ހަދާ ޓްރެއިންގްގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް މިއަދު ކޮމާންޑް ކުރަނީ ކާކުކަން ވެސް ނޭނގޭ ކަމަށެވެ. ގަޔަށް ސެންޓް ޖަހާ އުސޫލުން މަގުމަތިން މީހުން ހިނގާފައިދާއިރު ޕެޕާ ސްޕްރޭ ބުރުވަމުންދާ މަންޒަރަކީ ކަންބޮޑުވާ މަންޒަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނިގެން މި ދަނީ ސަރުކާރަށް ނިސްބަތްވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާނު ހުސައިން މަނިކު ޕްރެސްއެއް ބާއްވާ އިއުލާނު ކުރާ ކަންކަން ފުލުހުން ތަންފީޒު ކުރުމުގެ ގޮތުން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ އެކަންކަން އިއުލާނު ކުރަމުންދާ މަންޒަރު ކަމަށެވެ.
"އަދުރޭއާއި ނިހާނުގެ ސިކުނޑިން މިގައުމު ހިންގަންޖެހޭ ހިސާބަށް ދިއުމަކީ އަޅުގަނޑަށް ހީވަނީ ތަސައްވަރު ކުރެވޭނެ ގޮދަނޑި ދަށުން ވެސް ފައިސާ ފެންނާނެކަން," ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުން ވަނީ ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ އެއްވުން ބޭއްވުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވާނެ ކަމަށް އަންގާފައެވެ. ފުލުހުން މިކަން ހާމަކުރުމުގެ ކުރިން އަބްދުއްރަހީމް ވިދާޅުވެފައި ވަނީ އެ ޕާޓީ އާއި ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން އިންތިޒާމުކޮށްގެން މަގުމައްޗަށް ނުކުމެ، ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ހަރަކާތްތައް ނުބާއްވާ ކަމަށެވެ. އަދި 10:30ގެ ފަހުން ޕީޕީއެމްގެ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދާނޭ ކަން ވެސް އިއުލާނު ކުރިއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، ގައުމުގެ ހާލަތު އޮތް ގޮތުން މިގައުމު މިއަދު ހިންގަމުންދަނީ ތަންދޮރު ދަންނަ ސިކުނޑި ހަމަޖެހޭ މީހުން ކަމަށް ބެލެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި މުޅި ނިޒާމު އެއްކޮށް ފުޑު ފުނޑުވެ ރޫޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި މި މަންޒަރު ބަލަން ރައްޔިތުން ނުތިބެ، ނުކުންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.