ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ސުވާލުކޮށްފި ކަމަށާއި އަދި އެމަނިކުފާނު ތަހުގީގަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.
ރައީސް މައުމޫންގެ ގާނޫނޫ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މުޙައްމަދު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނާ ހިލާފަށް ބަންދުކުރައްވާފައި ހުންނަވާތާ 33 ދުވަސް ފަހުން ރައީސް މައުމޫނާއި ސުވާލުކޮށްފައިވާ ކަމަށާއި އަދި ކޮށްފައިވާ ހުރިހާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރައްވާފައިވާ ކަމަށެވެ. ހަމައެހެންމެ ގާނޫނާ ހިލާފަށް ހިންގަވާ ތަހުގީގަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް ފައިސަލްގެ ޓްވީޓްގައި ވެއެވެ.
After being kept in arbitrary detention for 33 days, my client Raees @maumoonagayoom was questioned for the first time on the alleged charges
— faisal_cappi (@cappi5) March 10, 2018
Denied all the allegations and said that he would not cooperate with an illegal investigation@maanhameed@HuShameem@yumna_maumoon
ރައީސް މަޢުމޫންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ނެރެ، މައްސަލަތައް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގެ އިތުރުން، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތު ހިމެނެއެވެ.
ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައިނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް ފުލުހުންގެ އިދާރާއިން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. ރައީސް މައުމޫންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ ހެކި ނައްތާލުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރުމަށް ފަހުއެވެ. ނަމަވެސް އޭގެ ކުރިން ފުލުހުން ބޭއްވި ތަފާތު އެކި ޕްރެސް ކޮންފަރެންސްތަކުގައި ބުނެފައި ވަނީ ރައީސް މައުމޫނާ ދެކޮޅަށް ހެކި ފެނިފައިވާ ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.