ސްރީލަންކާގެ ހަރުކަށި ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ކެންޑީގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ގެއިން ބޭރަށް ނުނިކުމެވި ތިބި ދިވެހިން "ގޭ ބަންދުން" ސަލާމަތްވެއްޖެއެވެ.
ކެންޑީގައި ދިރިއުޅޭ ދިވެހިންގެ އަދަދު 140 އަށް އަރައެވެ. ބުޑިސްޓުންނާއި މުސްލިމުންނާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން ކެންޑީ މަގުތަކަށް ދިވެހިން ނުނިކުމެވި ގެތަކުގައި ތާށިވެފައި ވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
މިހާރު ވެސް ކާފިއު އިއުލާންކޮށްފައިވާ ކެންޑީގައި ދިރިއުޅޭ ދިވެއްސަކު ރާއްޖެއެމްވީއަށް ހޮނިހިރު ދުވަހު ބުނީ މަގުތައް ކޮންމެ ވެސް ވަރަކަށް އަމާންވެފައިވާ ކަމަށެވެ. އަދި ބައެއް ފިހާރަތައް ވެސް ހުޅުވާފައިވާ ކަމަށާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެއްޗެހި ގަތުމަށް ދިވެހިން ގެއިން ބޭރަށް ނުކުތުމަށް ނުރައްކަލެއް ނެތް ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުއެއްގައި ސްރީ ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ކެންޑީގައި ދިރިއުޅޭ ދިވެހިން މަގުތަކަށް ނުކުތުން ރައްކާތެރި ނޫން ކަމަށެވެ. ބަޑީގެ އަޑާއި މިސްކިތްތަކުގައި ހުޅުޖެހި މަންޒަރު ކެންޑީގައި ދިރިއުޅޭ ދިވެހިންނަށް ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް މުންދު ވިދާޅުވެފައިވެއެވެ.
ކެންޑީގައި ފެށި ހަމަނުޖެހުންތައް، އެހެން ސަރަހައްދުތަކަށް ފެތުރުމުގެ ކުރިން އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އަދި 10 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބި ހަރުކަށި ބުޑިސްޓުން ވަނީ ހައްޔަރުކޮށްފައެވެ. ސްރީލަންކާގެ ފުލުހުން ބުނީ ބުޑިސްޓުންނާއި މުސްލިމުންގެ ހަމަނުޖެހުންތަކުގައި 45 ހަމަލާއެއް ދީފައިވާ ކަމަށާއި އެ ހާދިސާތައް ތަހުގީގު ކުރަމުންދާ ކަމަށެވެ.