ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމްގެ އަމިއްލަ ގެކޮޅުގެ އޭސީ ހަދަން ދިއުމަށް ކުރި އަމުރަކަށް ތަބާ ނުވި ސިފައިންގެ ދެ މީހަކަށް ފިޔަވަޅު އަޅައިފި އެވެ.
"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި ޖެނަރަލް ޝިޔާމްގެ ދިރިއުޅުއްވާ އަމިއްލަ ގެކޮޅު މ. މިއަލަނިގޭގެ ކޮޓަރިކޮޅުގެ އޭސީ ހަދަން އެންގީ ސިފައިންގެ ތިން މީހަކަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ވަނީ ފިޔަވަޅު އަޅައި މަސައްކަތް އެކަހެރިކޮށްފައެވެ.
ޝިޔާމުގެ އަމިއްލަ ގެކޮޅުގެ އޭސީ ހަދަން ދިއުމަށް އެ ސިފައިން ދެކޮޅު ހެދީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި އަމިއްލަ މަންފާއެއް ހޯދުމަށްޓަކާ ބޭނުން ކުރުމަކީ ކަރަޕްޝަނުގެ އަމަލެއް ކަމަށް ބުނެ އެވެ. އަދި ޝިޔާމްގެ ގެކޮޅު ގ. މިއަލަނިގެއަކީ ދައުލަތުގެ ގެއަކަށް ނުވާތީ އާއި އެ ގޭގައި ހުރި މުދަލަކީ ދައުލަތުގެ އެއްޗަކަށް ނުވާތީވެ، ސިފައިންނަށް ކުރި އެ އަމުރަކީ ޣައިރު ގާނޫނީ އަމުރެއް ކަމަށް އެ ސިފައިން ބުނި ކަމަށްވެ އެވެ.
އެނގިފައިވާ ގޮތުގައި އެކަމަށް ދެކޮޅު ހެދި ސިފައިންނަށް އިސް އޮފިސަރުން މެދުވެރިކޮށް، ނަސޭހަތްތެރިވެފައިވެއެވެ. އެ ސިފައިންނަށް ނަސޭހަތްތެރިވި އޮފިސަރުން، މަސައްކަތް ކުރީ އެ އަމުރަކީ ޣައިރު ގާނޫނީ އަމުރެއް ނޫން ކަމަށް ސިފައިންނަށް ވިސްނައިދިނުމަށެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ އަމިއްލަ ފައިދާއަށް ސަރުކާރުގެ ތަކެތި ބޭނުން ކުރުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
އަމިއްލަ ފައިދާއަށް ޝިޔާމްގެ ގެކޮޅުގެ އޭސީ ހެދުމަށް ސިފައިންނަށް އަމުރުކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އެ އަމުރަށް ދެކޮޅު ހެދި ސިފައިންނާމެދު ފިޔަވަޅު އަޅާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ސިފައިންނާމެދު އެޅި އެ ފިޔަވަޅު ބާތިލުކޮށް ދިނުމަށް އެމްއެންޑީއެފްގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރަމުންދާ ކަން ވެސް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.