ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 15:36
ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަން ގޮވާލައި މާޗް 1، 2018 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމަށް ހުރަސް އެޅުމަށް ފުލުހުން ޝީލްޑާއެކު
ސުޕްރީމް ކޯޓްގެ އަމުރު ތަންފީޒުކުރަން ގޮވާލައި މާޗް 1، 2018 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމަށް ހުރަސް އެޅުމަށް ފުލުހުން ޝީލްޑާއެކު
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ހާލަތު އުވިއްޖެ؟ ހައްގުތައް އިޔާދަކޮށް، ހައްޔަރީން ދޫކޮށްލަންޖެހޭ!
 
އޭޖީ އޮފީހުގެ ބައެއް ވަކީލުން ވެސް ގަބޫލު ކުރައްވަނީ ކުއްލި ހާލަތު ހަމަވެފައިވާ ކަމަށް
 
މާޗް 7 ވަނަ ދުވަހުގެ ރޭ 7:50 ގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ހަމަވެފައި
 
ރައީސް ޔާމީން ހުށަހެޅުއްވީ ވެސް، މަޖިލީހުން ފާސްކުރީ ވެސް ކުއްލި ހާލަތު ޖުމުލަ 30 ދުވަހަށް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސް އަބްދުﷲ ޔާމީނަށް ގެއްލިގެން ދިއުމާއެކު، ގާނޫނު އަސާސީއާ ހިލާފަށް ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި، ސިޔާސީ މަގުސަދުގައި ދައުވާކޮށް ހުކުމް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ޖުމުލަ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 1، 2018 ވަނަ ދުވަހު ނެރުނު ތާރީޚީ އަމުރު ތަންފީޒުނުކޮށް ފެބްރުއަރީ 5 ގައި ސަރުކާރުން އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނީ ސައްހަކަމާމެދު އެތައް ސުވާލެއް ވަނީ އުފެދިފަ އެވެ.  

 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެވޭނެ ސަބަބުތައް ގާނޫނު އަސާސީގެ 253 މާއްދާގައި ވަރަށް ސަރީހަ އިބާރާތުން ބަޔާންކޮށްފައި އޮތްވައި، ވެރިކަމުގެ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި ދައުލަތުގެ އަނެއް ދެ ބާރު އަސްކަރިއްޔާމެދުވެރުކޮށް ހިސޯރުކުރުމަށް ފަހު ރައީސް އަބްދުﷲ ޔާމީންގެ އިއުލާނުކުރެއްވި ކުއްލި ހާލަތަކީ އުފެދުމުގައި ވެސް ބާތިލް ގަރާރެއް ކަމަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ގަބޫލުކުރައްވަ އެވެ. އަދި ރައްޔިތުން އެ މައްޗަށް އަމަލުކުރުން މަޖުބޫރު އެއްޗެއް މަޖިލީހުން ފާސްކުރަންޖެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ވަގުތެއްގައި ކަމަށް ގާނޫނު އަސާސީ އާއި މަޖިލީހުގެ ބަޔާންކޮށްފައި އޮތަސް، ގަރާރު ފާސްކުރަން 43 މެމްބަރުން ސަރުކާރަށް ހަމައެއް ނުކުރެވުނެވެ. ޕީޕީއެމް އާއި އެމްޑީއޭގެ 38 މެމްބަރުންގެ ވޯޓާއެކު ފާސްކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ސައްހަ ކުރުމަށް ހޯދީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަ އެވެ. ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތާމެދު މިހާރު ވަނީ ވަރަށް ބޮޑު ސުވާލެއް އުފެދިފަ އެވެ. ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ 7:50 ގައި އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރާއެކު، އެ މުއްދަތު ގުނާނީ ރައީސް ޔާމީން އިއުލާނުކުރި 15 ދުވަހާއެކު އެކުގައިތޯ، ނުވަތަ އެ 15 ދުވަސް ނުހިމެނޭ ގޮތަށް އިތުރު 30 ދުވަހުގެ ގޮތުގައިތޯ ސުވާލު އުފެދެ އެވެ.

ހުކުރު ދުވަހު ލ. ގަމުގައި ކުރި މުޒާހަރާ ކޮންޓްރޯލްކުރަން ސިފައިން ހަރަކާތްތެރިވަނީ 

ގާނޫނު އަސާސީގައި ބުނަނީ ކީކޭ؟

ގާނޫނު އަސާސީގެ 253 ވަނަ މާއްދާގައި ބުނެފައި ވަނީ ގުދްރަތީ ކާރިސާއެއް، ނުވަތަ ނުރައްކާތެރި ބަލިމަޑުކަމެއް، ނުވަތަ ހަނގުރާމައެއް، ނުވަތަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ނުވަތަ ބޭރުގެ ހަމަލައެއް ކުރިމަތިވެދާނެކަމުގެ ބިރުހީވެއްޖެނަމަ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި، ނުވަތަ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ނުވަތަ ސަރަހައްދުތަކެއްގައި ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މިގޮތަށް ބަޔާންކޮށްފައި އޮތުމުން، 30 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކުރެވޭނެކަން އެނގެ އެވެ. މިކަމަށް އިތުރު ބާރެއް ލިބިދެނީ ގާނޫނު އަސާސީގެ 257 ވަނަ މާއްދާއިންނެވެ. އެ މާއްދާގެ ށ. ގެ 2 ގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރެވޭ ކޮންމެ ފަހަރަކު ތިރީސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގަރާރުގެ މުއްދަތު އިތުރުކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހަށް ހުށަހެޅީ ވެސް، މުއްދަތު އިތުރުކުރުމަށް ފާސްކުރީ ވެސް އެންމެ ފަހަރަކު އެވެ.

 

ރައީސްގެ ސިޓީފުޅާއި މަޖިލީހުގެ ނިންމުން

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ފެބްރުއަރީ 5، 2018 ވަނަ ދުވަހުގެ ރޭ 7:50 ގަ އެވެ. ފަނަރަ ދުވަހަށް އިއުލާނުކުރި މި ގަރާރުގެ މުއްދަތު އިތުރުކުރަން ހުށަހެޅުއްވިިއިރު، ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅާއި ގަރާރުގައި ވެސް ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު "30 ދުވަހަށް" އިތުރު ކުރުމަށެވެ. ކޮމިޓީން ވެސް އަދި މަޖިލީހުން ފާސްކުރީ ވެސް އެގޮތަށެވެ. "30 ދުވަހަށް" މިހެން ބަޔާންކޮށްފައި އޮތުމުން، އޮޅުމެއް ނާރާހާ ސަފުކޮށް އެނގެން އޮތް ކަމަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ފުރަތަމަ 15 ދުވަހުގެ މުއްދަތު ޖުމުލަ 30 ދުވަހަށް އިތުރުކުރި ކަމެވެ. އެ ނޫން ގޮތަކަށް ގާނޫނު އަސާސީން ބާރެއް ވެސް ނުލިބެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ފެބްރުއަރީ 20 ވަނަ ދުވަހު ތިން ވޯޓެއް ނެގި އެވެ. ފުރަތަމަ ވޯޓަކީ ރައީސް ހުށަހެޅުއްވި ފުރަތަމަ ގަރާރަށް އިސްލާހު ގެނައުމެވެ. ދެ ވަނަ ވޯޓަކީ ފެބްރުއަރީ 5 ގައި ރައީސް ޔާމީން އިއުލާނުކުރެއްވި ގަރާރު، (އެ ގަރާރަށް ފަހުން ގެނައި ދެ އިސްލާހު ވެސް ހިމެނޭ ގޮތަށް) ފާސްކުރުމުގެ ވޯޓެވެ. އަދި އިސްތިޝާރީ ލަފައަށް އެހުމުގެ ވޯޓެވެ. ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ހުރިހާ ލިޔުމަކުން ވެސް އެނގެން އޮތް ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަކީ 30 ދުވަހެވެ.

 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ފަހުން އަސްކަރިއްޔާއިން މަޖިލިސް ވަނީ ހިސޯރުކޮށްފައި، ގާނޫނުއަސާސީއާ ހިލާފަށް ގޮނޑި ގެއްލުވާލި 12 މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތުމަށް ސިފައިން ފުރުސަތެއް ނުދޭ 

މުއްދަތު ހަމަވެއްޖެތަ؟

ގާނޫނު އަސާސީގެ 253 ވަނަ މާއްދާ އާއި 257 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފާސްކުރުމުގައިވާ ގޮތުން ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ 30 ދުވަސް މި މަހުގެ 7 ވަނަ ދުވަހުގެ ރޭ 7:50 އަށް ވަނީ ހަމަވެފަ އެވެ. އިތުރު ގަރާރެއް އިއުލާނު ނުކޮށް، އަދި މަޖިލީހުން ފާސްނުކޮށް ކުއްލި ހާލަތު ދިގު ދެންމޭނެ ގާނޫނީ ހަމައެއް ނެތެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރީ ފެބްރުއަރީ 5 އިން ފެށިގެން ޖުމުލަ 30 ދުވަހަށްކަން ސަރުކާރުން ވެސް ގަބޫލުކުރާކަން، ރައީސް އޮފީހުގެ ވެބްސައިޓުން އެނގިގެންދެ އެވެ. ފެބްރުއަރީ 19 ވަނަ ދުވަހު ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރި ލިޔުމުގައި (ރިފަރެންސް: 2018-64) ގައި ފުރަތަމަ ބުނެފައި ވަނީ "ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުން މަޖިލީހުން ފާސްކުރައްވައިފިނަމަ، މިހާރު އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ޖުމްލަ 45 ދުވަހަށް ދެމިގެންދާނެ" ކަމަށެވެ. ނަމަވެސް މިހާރު މި އިބާރާތް ވަނީ ބަދަލުކޮށްފަ އެވެ. މިހާރު މި ލިޔުމުގައި ބުނެފައި ވަނީ " ކުއްލި ނުރައްކަލުގެ ޙާލަތު، 30 (ތިރީސް) ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުންއެދި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފަ" ކަމަށެވެ. މި ބަދަލު މިގޮތަށް ގެނައުމުން ވެސް އެނގެނީ ރައީސް އަބްދުﷲ ޔާމީންގެ ވެސް މަގުސަދަކީ ގަރާރުގެ މުއްދަތު  30 ދުވަހަށް އިތުރުކުރެއްވުން ކަމެވެ.  

އޮޅުން އެރުން

ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅާއި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ ނިންމުމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނިންމުމުގައި ވެސް ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރުމުގެ ވާހަކަ އެވެ.  ނަމަވެސް ކުއްލި ހާލަތުގެ ގަރާރުގެ ވޯޓްގެ ސައްހަކަން ކަނޑައެޅުމަށް އިސްތިޝާރީ ލަފައެއް ހޯދުމަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ؛ "ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފައިވާ ގަރާރު، އެ ގަރާރު އިޞްލާޙުކުރުމަށް އިޢުލާންކޮށްފައިވާ ދެ ގަރާރު ހިމެނޭ ގޮތުން މި އިއްޒަތްތެރި މަޖިލީހަށް (ރައްޔިތުންގެ މަޖިލީހަށް) ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ށ)ގެ 2 އިން ލިބިދީފައިވާ ބާރުގެ ދަށުން މިހާރު އޮތް މުއްދަތުގެ އިތުރަށް 30 ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުން އެދި، 18 ފެބުރުވަރީ 2018 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައި ވީ ހިނދު،" މި ގޮތަށެވެ. ސުޕްރީމް ކޯޓްގެ ވަގުތީ އަމުރުގައި ވެސް، އަދި އިސްތިޝާރީ ލަފާގައި ވެސް ވަނީ އާރިފު ހިމަނާފައިވާ މި އިބާރާތުގައިވާ ގޮތަށެވެ. ނަމަވެސް މިއީ ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ސިޓީގައި ބުނެފައިވާ ގޮތާ ހިލާފަށް ހިމަނާފައިވާ އިބާރާތެއްކަން އެނގެން އެބަ އޮތެވެ. އަދި މިއީ އޮޅުމެއްކަން އެނގިގެނީ އަލީ އާރިފްގެ އިސްލާހުގައި ވެސް ރައީސް ޔާމީންގެ ސިޓީއާ ހަވާލާ ދީފައިވުމެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އޮފީހުގެ ގާނޫނީ ވަކީލުންނަށް ވެސް މަޖިލީހުގެ ނިންމުން ތަރުޖަމާކުރެވެނީ، ޖުމުލަ 30 ދުވަހުގެ މުއްދަތަށް ކުއްލި ހާލަތު އިއުލާނު ކުރި ކަމަށެވެ. އެ ނޫން ގޮތަކަށް އިއުލާނު ނުކުރެވޭނެ ކަމަށާއި ނަމަވެސް 45 ދުވަހަށް އިއުލާނުކުރިކަމަށް މާނަކުރީ ސަރުކާރުން ކަމަށެވެ.

 

ރައީސް ޔާމީނާއި މަސީހް:ސިޔާސީ މަގުސަދަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްގުތައް ދަނީ ނިގުޅައި ގަންނަމުން 

މިފަދަ އޮޅުމެއް އެރިނަމަވެސް، އަދި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ފަލާގައި އިތުރު 30 ދުވަހަށް މި އިބާރާތް ބުނެފައި އޮތަސް، ކުއްލި ހާލަތުގެ މުއްދަތު 45 ދުވަހަށް ދިގު ދެންމޭނެ ބާރެއް ނެތެވެ. އަދި މަޖިލީހުން ނިންމި ގަރާރުގެ ނިންމުން ނަފީކުރެވޭނެ އެއްގޮތެއް ވެސް ނެތެވެ.  އެހެންވެ، މި ހުރިހާ ކަމަކަށް ބަލާއިރު، ރައީސް އަބްދުﷲ ޔާމީން ވެސް ހުށަހަޅުއްވާފައިވަނި ކުއްލި ނުރައްކަލުގެ ހާލަތު ޖުމުލަ 30 ދުވަހަށް އިތުރުކުރަންކަން އެނގެ އެވެ. އަދި މަޖިލީހުން ފާސްކުރީ ވެސް އެގޮތަށް ކަމާއި ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުން 30 ދުވަހަށް ވުރެ ދިގު މުއްދަތަށް ކުއްލި ހާލަތުގެ ގަރާރެއް ފާސް ނުކުރެވޭނެކަން ވެސް އެނގެ އެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތު އުވިގެން ގޮސްފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އިއުލާނު ނުކުރެއްވި ނަމަވެސް ފެބްރުއަރީ 7 ވަނަ ދުވަހުގެ ރޭ 7:50 އިން ފެށިގެން ކުއްލި ހާލަތު އުވިފައިވާކަން އެނގެ އެވެ. ކުއްލި ހާލަތުގެ ދަށުން ހިފެހެެއްޓި ހުރިހާ ހައްގެއް މިހާރު އަލުން ވަނީ އިޔާދަވެފަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މީހުން ހައްޔަރުކޮށްފައި ބަހައްޓަންޖެހޭ ގާނޫނީ އެއްވެސް ހަމައެއް ނެތެވެ.

މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދާއިރު، ބާތިލު ކުއްލި ހާލަތެއް ހިފެހެއްޓުމަށް ތަންފީޒީ އިދާރާތަކުން މަސައްކަތްކުރަންޖެހޭ ސަބަބެއް ނެތެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލާއި އެޓާނީ ޖެނެރަލް އަދި ތަންފީޒީ އިދާރާތަކުގެ އިތުރުން ރައީސް އަބްދުﷲ ޔާމީން މިކަމަށް ނުކުޅެދިފައިވާ މި ހާލަތުގައި ރައްޔިތުންގެ ހައްގުތައް ނެގެއްޓުމަށް، ސުޕްރީމް ކޯޓްގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ ޒިންމާ ބޮޑެވެ. އެކަން އެ ބޭފުޅުން ކުރައްވަންޖެހެ އެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
25%
0%
50%
0%
25%
ކޮމެންޓް