ހުކުރުދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި މުޒާހަރާގެ ތެރެއިން އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ) ހައްޔަރުކޮށްފި އެވެ.
ނައީމާއްތަ ހައްޔަރުކުރިކަން ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ. ނަމަވެސް އެމްޑީޕީ ޔޫތްވިންގެ ރައީސް މީކާއިލް ނަސީމް ހުކުރު ދުވަހުގެ ފަތިހު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހައްޔަރުން ދޫކޮށްލިތާ އިރުކޮޅެއް ނުވަނީ އަނެއްކާވެސް ހުކުރު ދުވަހުގެ ރޭގައި އޮތް މުޒާހަރާއިން ނައީމާއްތަ ހައްޔަރުކޮށްފައިވާ ކަމަށާއި ނައީމާއްތަ ކޮންމެ ދުވަހަކު ހައްޔަރުކޮށްގެން ފުލުހުންނަށް ލިބޭ އުފަލަކީ ކޮބައިކަމެއް ނޭނގޭ ކަމަށެވެ.
70-year-old Naeemaththa, who was just released today after her fourteenth arrest since 2012, has been arrested again, tonight. I don’t know what pleasure police officers get out of arresting her daily. #FreeNaeemaaththa pic.twitter.com/xmLC5S6Hoa
— Mickail Naseem (@MickailNaseem) March 9, 2018
ނައީމާއްތަ އަނެއްކާވެސް ހައްޔަރަށް ގެންގޮސްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާއިން ހައްޔަރު ކުރުމަށްފަހު، 24 ގަޑިއިރުވުމުގެ ކުރިން ދޫކޮށްލާފައިވަނިކޮށެވެ. މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުގެ ބަދަލުގައި ފުލުހުން އަމަލު ކުރަނީ އެ ގޮތަށެވެ.
ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މުޒާހަރާކުރަމުންދާތާ 37 ދުވަސް ވަނީ ވެފައެވެ.