ރާއްޖޭގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތެއް ނެތް ކަމަށް ޤާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ހުކުރު ދުވަހުގެ ރޭ ގެނެސްދިން "ކުއްލި ނުރައްކަލުގެ މުއްދަތު ހަމަނުވޭތަ؟" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނިޝާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ފޮނުއްވި ސިޓީފުޅުގައިވެސް އެދިވަޑައިގަތީ 30 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރެއްވުމަށް ކަމަށާއި އެހެންކަމުން މިހާރު އެ 30 ދުވަހުގެ މުއްދަތު ހަމަވެ ރާއްޖޭގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތެއް ނޯންނާނެ ކަމަށެވެ. އެ މުއްދަތު ހަމަވެފައި ވަނީ މާޗް 7 ވަނަ ދުވަހުގެ ރޭ 7:50 އަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރެއްވި ދުވަހުން ފެށިގެން މި މަހުގެ ހަތް ވަނަ ދުވަހާއި ހަމައަށް ކުއްލި ނުރައްކަލުގެ ހާލަތު ވަނީ ނިމިފައި. އެހެންވީމަ މިހާރު މި ހިނގާ މުއްދަތަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިނގާ މުއްދަތެއް ނޫން. މިހާރު ރާއްޖެ މިއޮތީ ނޯމަލް ކޮންޑިޝަންގައި. ކުއްލި ނުރައްކަލުގެ ހާލަތުގައި އިއުލާންކޮށްފައިވާ ޤަރާރުގެ މުއްދަތު ވަނީ ނިމިފައި" ނިޝާން ވިދާޅުވިއެވެ.
މީގެ އިތުރުން މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއްޖެޓީވީގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާއަށް ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށްވުރެން ދިގު މުއްދަތަކަށް އިތުރު ކުރުމުގެ ޤާނޫނީ ބާރެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ސާފު ބަހުން ރައީސް އޮފީހުންވެސް ފޮނުވާފައިވާ ލިޔުންތަކުން ރައީސް އޮފީހުގެ ވެބްސައިޓްގައި ހުރި ލިޔުންތަކުންވެސް ސާފުވޭ ރައީސުލް ޖުމްހޫރިއްޔާވެސް ބޭނުންފުޅު ވަނީ 30 ދުވަހަށް ކަން ދިގު ދަންމަން. އެއަށްވުރެ އިތުރަށް ދިގުދެންމުމުގެ ބާރެއް އެމަނިކުފާނަށް ޤާނޫނީ ގޮތުން ލިބިވަޑައެއް ނުގަންނަވާ މަޖިލީހަށް ހުށަނާޅުއްވައެއް އަދި މަޖިލީހަށް އެ މައްސަލަ ހުށަހަޅުއްވާފައެއްވެސް ނުވޭ" ފިޔާޒު ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށްވުރެ ދިގު ނުކުރެވޭނެކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވާ ފާސްކުރުމާއި ސުޕްރީމް ކޯޓުން ދީފައިވާ އިޝްތިޝާރީ ލަފާއާ އަދި ރައީސް އަމަލުކުރައްވާ ފޮނުއްވާފައިވާ ސިޓީތަކަށް ބަލާލިކަމުގައިވީނަމަވެސް މާނަކުރެވިގެންދަނީ ކުއްލި ނުރައްކަލުގެ ހާލަތު އޮންނާނީ 30 ދުވަހުގެ މުއްދަތަށް ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވިގެން ގޮސްފައި އޮތުމުން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެ މިހާރު އެ ތިބީ ރަހީނުކޮށްފައި ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ.