ބޭހުގެ ލޭބަލްގެ މައުލޫމާތު ފުރިހަމަ ނުވާ ބޭސްތައް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.
އެ އޮތޯރިޓީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެއޮތޯރިޓީން ކުރަމުންދާ އިންސްޕެކްޝަންސްތަކުގައި ލޫސްޕެކް(ވަކި ވަކިން ރަބަރު ޕެކެޓްތަކުގައި) ބޭސް ބޭނުންކޮށްގެން ފުރިހަމައަށް ލޭބަލް ނުކޮށް ފާމަސީތަކުގައި އަދި އަލްޓަރނޭޓިވް/ދިވެހިބޭސް ވިއްކާ ތަންތަނުގައި ވިއްކަން ބަހައްޓައި އަދި ވިއްކަމުންދާކަން ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތަށް ބަހައްޓާނަމަ ގަވައިދާއި އެއްގޮތަށް ފުރިހަމައަށް ލޭބަލްކޮށްގެން އެއަރޓައިމް ކޮންޓެިނަރގައި ބޭސް ބެހެއްޓުމަށް ދަންނަވާކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިއުލާނުގައި ބުނެފައި ވެއެވެ.
ލޫސްޕެކް(ވަކި ވަކިން ރަބަރު ޕެކެޓްތަކުގައި) ބޭސް ވިއްކާނަމަ ލޭބަލް ހަރުކޮށް މައުލޫމާތު ފުރިހަމަކޮށްގެން މެނުވީ ނުވިއްކުމަށް އިއުލާންކުރާކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ވިއްކާ ބޭހުގައި ހުންނަންޖެހޭ ކޮލިޓީ:
- ބޭހުގެ ނަން(ބްރޭންޑް ނަން)
- ބޭހުގެ ޖެނެރިކް ނަން( އެކްޓިވް އިންގްރީޑިއަންޓް)
- ބޭހުގެ ބަރުމިން
- ބޭސް އުފައްދާ ކުންފުނި އަދި ގައުމު
- ބޭސް ބޭނުންކުރަންޖެހޭ ވަގުތުތައް
- ބޭސް ބޭނުންކުރަންޖެހޭ މުއްދަތު
- ބޭޙުގެ މުއްދަތު ހަމަވާ ތާރީޚު
- ބެޗް ނަންބަރު