ކ. މާލެ
|
9 މާރޗް 2018 | ހުކުރު 15:08
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ ބަދަލު
މިތިބީ ނަސްރު ލިބުމާ ދާދި ކައިރީގައި: ފާރިސް
އަނިޔާވެރިކަމާއި، ފަސާދައާ ދެކޮޅަށް ކުރާ މަސައްކަތުގައި ފަސްޖެހުމެއް ނެތް: ފާރިސް

ދިވެހި ރައްޔިތުން މިއަދު ތިބީ ނަސްރު ލިބުމާ ދާދި ކައިރީގައި ކަމަށާއި، އަނިޔާވެރިކަމާއި، ފަސާދައާ ދެކޮޅަށް ހިންގާ ހަރަކާތުގައި ކިތަންމެ ގެއްލުންތަކަކާ ކުރިމަތިލާންޖެހުނު ކަމުގައި ވީނަމަވެސް، މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފުރަތަމަ ފަހަރަށް ހުށަހެޅިތާ 1 އަހަރު ފުރުމާ ގުޅިގެން، ޖަލުބަންދުގައި ހުންނަވައި ފާއިސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖެ ހަމަމަގުން ކައްސާލައި، ދިމުޤްރާޠީ ހަމަތައް ނެތިގެން ދިއުމުގެ އަސްލަކީ ރައްޔިތުންގެ މަޖިލިސް ފާލުން ނެއްޓި، ޤާނޫނުއަސާސީގެ ހަމަތަކަށް އިޙްތިރާމުކުރުމެއް ނެތި ހިންގަން ފެށުން ކަމުގައި ގުޅިފައިވާ ޕާޓީތަކަށް ފެނުނު ކަމަށެވެ. އަދި އިސްލާޙީ މަސައްކަތްތަކުގެ ފެށުމެއްގެ ގޮތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައިވެރިންނާ އެކު ފެށުނު މަސައްކަތުގެ ބިންގަލެއް ކަމުގައި ވެގެންދިޔައީ ރައްޔިތުންގެ މަޖިލިސް ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ.

26 މެންބަރުންގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހުށަހެޅުމަކީ ރާއްޖޭގެ ޤާނޫނުއަސާސީއާއި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިމާޔަތްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސޮއިކުރި ފުރަތަމަ އަހުދުނާމާއެވެ. ޤާނޫނުއަސާސީއާ ޚިލާފަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފެއިލްކޮށްލި ކަމުގައިވީނަމަވެސް، ދެވަނަ ފަހަރަށް އެ މައްސަލަ ހުށަހެޅުނީ 45 މެންބަރުންގެ ސޮޔާއެކުގައެވެ. އެއީ، ޤާނޫނުއަސާސީގެ ހަމަތައް ނެގެހެއްޓުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެމި ތިއްބަވާނޭކަމުގެ ހެއްކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިފާޢު ކުރެއްވުމުގެ ނަމުގައި ސަރުކާރުން ޤާނޫނާ ޚިލާފަށް ހިންގި ޢަމަލުތަކުގެ ތެރޭގައި ފާރިސް އާއި ރައްޔިތުންގެ މަޖިލީހުގެ އެހެންވެސް އެތައް މެންބަރުންނެއް ހައްޔަރުވެ، ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާކަމަށް ކަނޑައަޅައި، މެންބަރުންގެ މާލީ މަސްލަޙަތުތަކަށް ނުފޫޒު ފޯރުވައި، އެތައް މެންބަރުންނަކަށް އެތައް އަނިޔާއެއް މިހާތަނަށް މިސަރުކާރުން ދީފައިވާކަން ފާރިސްގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މި ބަޔާނުގައި ފާރިސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އިސްލާޙްކުރުމަށް ރައްޔިތުންގެ މެންބަރުން ފެށި އިސްލާޙީ މަސައްކަތްތަކާ އެކު އެތައް ކަމެއްގެ ޙަޤީޤަތް ރައްޔިތުންނަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ކޯޓުތަކަށް ސަރުކާރުން ފޯރުވަމުން ގެންދިޔަ ނުފޫޒާއި، މިނިވަން މުއައްސަސާތައް ބަނދެވިފައިވާ މިންވަރާއި، އަދި ޢާންމު ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތްކަން ސަރުކާރުގެ ޢަމަލުތަކުން ހާމަވަމުން ދިޔަ ކަމަށެވެ.

ފާރިސް ވިދާޅުވީ މިއަދު ސިޔާސީ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބެމުންދާ ކާމިޔާބީއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެދުވަހު އެޅުއްވި ހިތްވަރުގަދަ ފިޔަވަޅު ދިވެހިރައްޔިތުން ބަލައިގަނެ، އެ މެންބަރުންނާއެކު ސާބިތުކަމާއެކު ތެދުވުމުގެ ސަބަބުން ލިބިފައިވާ ކާމިޔާބެއް ކަމަށެވެ. އެހެންކަމުން، މިމަސައްކަތުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ ރައްޔިތުން ވަމުންދާ ޤުރުބާނީ ފާހަގަކޮށް، ފާރިސް ވަނީ އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބަޔާނުގައި ފާރިސް ވަނީ ޤާނޫނުއަސާސީގެ ހަމަތަކާއި، ދިވެހި ފަރުދުންގެ ޙައްޤުތަކަށް އިޙްތިރާމުކުރުމަށާއި، އަދި ކޮށްފައިވާ ހުވަޔާ އެއްގޮތަށް ޢަމަލުކުރުމުގައި ހިތްވަރު ދެއްކުމަށް ދައުލަތުގެ މަޤާމުތަކުގައި ތިބި ހުރިހާ ފަރާތްތަކާއި، ދައުލަތުގެ އެންމެހައި މުވައްޒަފުންނަށް ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް