ކ. މާލެ
|
9 މާރޗް 2018 | ހުކުރު 09:37
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް
އަހުމަދު މުހުސިނު
ފަލަސުރުހީ
ރައީސް ޔާމީން މިވަނީ ދައުލަތް ލަދުގަންނަ ދަރަޖައަކަށް ވައްޓަވާލައްވާފައި: ހަސަން ލަތީފް
ކުއްލި ހާލަތު އިއުލާން ކުރުމުގެ ނަތީޖާއަކީ ކޮބައިކަން ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާ
ކުއްލި ހާލަތު އިއުލާން ކުރެއްވީ ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު ހިފާ ހައްޔަރު ކުރުުމަށް ޤާނޫނީ ހަމައެއް ނެތުމުން
ރައީސް ޔާމީންގެ އަމަލުތަކުގެ ސަބަބުން ބޭރު ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގު ވެއްޓިއްޖެ

ރައީސް އަބްދުﷲ ޔާމީން ދިވެހި ދައުލަތް، ލަދުގަންނަ ދަރަޖައަކަށް ވައްޓަވާލައްވާފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ، އޭގެ ނަތީޖާއަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެން ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައި ވަނީ ރައީސް ޔާމީން އަމިއްލަފުޅަށް ބޭނުންފުޅުވާ ބައެއް ކަންކަން ހާސިލް ކުރެއްވުމަށްޓަކައި، ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު ހިފާ ހައްޔަރު ކުރުމަށް ޤާނޫނީ ހަމައެއް ނެތުމުން ކަމަށް ހަސަން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން މުޅި ދުނިޔެ އެގައުމަކާ މެދު ދެކޭ ގޮތް ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، އެއީ ރައީސް ޔާމީނަށް އެނގިވަޑައިނުގެން ކުރެއްވި ކަމެއް ނޫން ކަމަށް ހަސަން ވިދާޅުވިއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު އޭގެ ނަތީޖާ ބަދަލުވެގެން ދަނީ، ރައީސް ޔާމީންގެ އަމަލުތަކުގެ ސަބަބުން ބޭރު ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ އަގު ވެއްޓި، ދައުލަތެއް ނެތް ކަމުގެ ސިފަ ޖެހިގެން ދިއުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ، ދައުލަތަކަށް ވުމުގައި ހުންނަން ޖެހޭ މައިގަނޑު ސިފަތަކެއްވާ ކަމަށާއި، އެފަދަ އެއްވެސް ސިފައެއް މިހާރު ފެންނަމުން ނުދާ ކަމަށެވެ. އަދި ހުރިހާ ނުރަނގަޅު ގޯސްތަކެއް ރައީސް ޔާމީން ހައްދަވަމުން ގެންދަވާ ކަމަށާއި، މިއީ ސަރުކާރެކޭ ބުނަން އުނދަގޫ ހިސާބަށް ސަރުކާރުގެ އަމަލުތައް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނާ ދެކޮޅަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ލިބެމުންދާ ކަމަށާއި، އެންމެ ބޮޑު ކާމިޔާބަކީ ރައީސް ޔާމީން އެކަނިވެރިވުން ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ރައީސް ޔާމީނަށް މިވެރިކަން ދިފާއުކޮށްދޭނެ ބަޔަކު މިހާރު ނެތް ކަމަށާއި، ރައީސް ޔާމީނަށް ތާއީދެއް ނެތް ކަމަށެވެ. އަދި ތާއީދު ނެތް ކަމުގައިވާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުހުންނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ހައްދަވަނީ ގޯސްކަން ސަރުކާރަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގަބޫލް ކުރައްވާ ކަމަށާއި، އެހެންނަމަވެސް ކޮންމެވެސް ކަހަލަ މަޖުބޫރު ކަމަކާ ގުޅިގެން ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ވާހަކަ ދައްކަން މެމްބަރުންނަށް ޖެހިވަޑައިގަންނަވާތީ އެގޮތަށް އެކަން ކުރައްވަނީ ކަމަށް ގަބޫލް ކުރައްވާ ކަމަށް ހަސަން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް