ކ. މާލެ
|
9 މާރޗް 2018 | ހުކުރު 10:34
މުޒާހަރާއެއްގެ ތެރެއިން މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރި ވަނީ
މުޒާހަރާއެއްގެ ތެރެއިން މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރި ވަނީ
މުހައްމަދު ޝަރުހާން
ދިވެހި ފުލުހުން
ފުލުހުން މަސައްކަތް ކުރަނީ މުޖުތަމަޢުގައި ބިރުވެރިކަން އުފައްދަން: އެމްޑީޕީ
ހަމަނުޖެހުން އުފައްދަން އުޅޭ ވާހަކައިގައި ހެއްކެއް ނެތް
މެންބަރުންނާއި މަޤާމުގައި ތިބި ފަރާތްތައް ހައްޔަރުކުރާތީ ކަންބޮޑުވޭ
ފުލުހުން ދަނީ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ މައްޗަށް ދޮގު ތުހުމަތުތައް ކުރަމުން

ފުލުހުން މަސައްކަތްކުރަމުންދަނީ މުޖުތަމަޢުގައި ބިރުވެރިކަން އުފައްދައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދުމަށް ކަމަށް އެ ޕާޓީ އިން ބުނެފިއެވެ.

މާލޭގައި ހަމަނުޖެހުން އުފައްދައި، ތަންތަން ރޯކޮށް، އަމަން ނަގާލައި، ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދިނުމަށް ބަޔަކު ރާވަމުންދާ ކަމަށް ފުލުހުން ބުނުމާ، ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެފަދަ ކަންކަން ރާވާ ކަމަށް ބުނެ އެއްވެސް ހެއްކެއް ނެތި، އެ ޕާޓީގެ ޤައުމީ މަޖިލިހުގެ މެންބަރުންނާއި އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ހައްޔަރުކުރަމުންގެންދާތީ އެކަން އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ބުރާސްފަތިދުވަހުގެރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލުމަށް، ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ދޮގު މަޢުލޫމާތު ފަތުރާފައިވާ ކަމަށެވެ. ފުލުހުން އެގޮތަށް އަމަލުކުރީ އެމްޑީޕީއާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދައި މުޖުތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށް ތުޙުމަތުކޮށް، އެމްޑީޕީން ވަނީ ދޮގު މައުލޫމާތު ނުފެތުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އިލްތިމާސް ކޮށްފައެވެ.

އެމްޑީޕީން ބުނީ، ވަކި ބަޔަކަށް ސިޔާސީ މަންފާ ޙާސިލްކޮށްދިނުމަށް ފުލުހުންގެ މުޅި މުއައްސަސާގެ މުސްތަޤިއްލުކަން ގެއްލި، ދިވެހި ފުލުހުންގެ އަގު މިއަދު ވައްޓާލާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރު ހިންގާ ފަރާތްތަކުން އެދޭހާ ކަންކަން ކޮށްދިނުމަށް ހެއްކާއި ގަރީނާ ނެތި، ރައްޔިތުންނާއި ސިޔާސީ ޕާޓީތަކަކުގެ މައްޗަށް ދޮގު ތުހުމަތުތައް ކުރަމުންގެންދާކަން ފާހަގަކޮށް، އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ފުލުހުންގެ މުއައްސަސާއަށް އޮތް އިތުބާރު ގެއްލި، އަމަން އަމާން ކަމަށާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅިފައިވާކަން އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އެމްޑީޕީއަކީ ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ނުހަނު ބާރު އަޅާ ޕާޓީއެއް ކަމަށާއި، ދިވެހިރާއްޖޭގެ ބިކަވަމުންދާ ސިޔާސީ ނިޒާމު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީގެ މެންބަރުންނާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް، އެމްޑީޕީގެ ބަޔާނުގައި ވަނީ އާންމު ރައްޔިތުންނަށް ޤާނޫނު އަސާސީން ލިބިދީފައިވާ ޞުލްޙަވެރިކަމާ އެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތައް ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ދިވެހި ފުލުހުނަށް ގޮވާލާފައެވެ. އަދި ޙާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރުމަށާއި، ފުލުހުންގެ މުއައްސަސާ އިން ހަމަހަމަކަމާ އެކު އާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް