ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 23:00
އިކޮނޮމިކް މިނިސްޓްރީ
އިކޮނޮމިކް މިނިސްޓްރީ
ގޫގުލް
ކަނބަލުންގެ ލޯނު
ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި
މަރޗް 15 ކުރިން ލޯނަށް އެދި ހުށަހެޅޭނެ
50،000ރ. އިން ދެ ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭނެ
އަށް އަހަރު ދުވަހުގެ ގޮތުގައި ލޯނު ދައްކާ ހަލާސް ކުރަންޖެހޭ

ކަނބަލުންނަށް ހާއްސަ ލޯން ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މި ލޯން ޕްރޮގްރާމުގައި ގިނަ ފަރާތްތަކުން ބައިވެރިކުރުމަށް އެދެމުންދާ ކަމަށާއި އެފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަނބަލުންގެ ހާއްސަ ލޯނު ޕްރޮގްރާމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 15 އަށް އިތުރުކުރެވިފައިވާ ކަމަށެވެ.

ކަނބަލުންނަށް ދޫކުރާ ލޯން ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އަދަދަކީ 50،000ރ. އާއި ދެ ލައްކަ ރުފިޔާއާ ދެމެދުގެ އަދަދުތަކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ، ލޯނަށް އެދި މިހާތަނަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން 50،000ރ. އާއި އެއް ލައްކަ ރުފިޔާއާ ދެމެދުގެ ލޯނަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން ލޯނުގެ އަދަދު ބަދަލު ކުރުމަށް ބޭނުންވާ ނަމަ އެފުރުސަތު ހުޅުވިފައިވާ ކަމަށެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 02:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ކަނބަލުންގެ ލޯން ސްކީމުގެ އިންޓްރެސްޓް ރޭޓުގެ ގޮތުގައި ނުވަ ޕަސެންޓް ހަމަޖައްސާފައިވާ އިރު ގިނަ ވެގެން އަށް އަހަރުގެ ތެރޭގައި ލޯނު ދައްކައި ހަލާސްކުރަންޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ކަނބަލުންގެ ލޯނު ސްކީމުގެ ޖުމްލަ އަދަދަކީ 20 މިލިއަން ރުފިޔާއެވެ.

 ކަނބަލުންގެ ލޯނު ސްކީމަށް ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ކަނބަލުންގެ ލޯން ސްކީމުގެ އިތުރަށް ގެޓްސެޓް ލޯން، އެސްއެމްއީ ލޯން ވެސް އިކޮނޮމިކް މިނިސްޓްރީން އަންނަނީ ދޫކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން ވަނީ މި އަހަރުގެ ލޯން ޕްރޮގްރާމަށް 190 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް