ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 22:03
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފުލުހުން ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފުލުހުން ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން
އަޝްވާ ފަހީމް
ކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް 41 ގައުމަކުން ގޮވާލައިފި
ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު އުވާލުމަށް ގޮވާލާފައިވޭ
ސުޕްރީމް ކޯޓާއި ޖުޑީޝިއަރީގެ ހުރިހާ ބަޔެއް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައިވޭ
ސަރުކާރުން ވަނީ ގާނޫނާ ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައި

ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް 41 ގައުމަކުން ގޮވާލައިފިއެވެ. 

ސްވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިޔަށްދާ އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި 41 ގައުމެއް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަހަންމިއްޔަތުކަން ދިނުމަށް ގޮވާލާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު އުވާލުމަށް ގޮވާލާ ކަމަށެވެ. ހަމައެހެންމެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހިފެހެއްޓިފައިވާ ގާނޫނޫ އަސާސީގެ ހުރިހާ މާއްދާއެއް ވީއްލުމަށާއި ސުޕްރީމް ކޯޓާއި ޖުޑީޝިއަރީގެ ހުރިހާ ބަޔެއް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ. ހަމައެހެންމެ ގާނޫނޫ އަސާސީއާ އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރުމަށާއި މިނިވަންކަމާއެކު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މަސައްކަތެއް ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި ވާ ގޮތަށް 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެމްބަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ދެވެން ޖެހޭ ކަމަށް ވެސް މި ބަޔާނުގައިވެއެވެ. ހަމައެހެންމެ ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ހައްޔަރީން ދޫކޮށްލުމަށް ވެސް މިބަޔާނުގައިވެއެވެ. 

މި މައްސަލައިގައި އެ ކައުންސިލާއި މަޝްވަރާ ނުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ވެސް މި ބަޔާނުގައި ވަނީ ފާޑުކިޔާފައެވެ. އެ ކައުންސިލްގެ ގޮވާލުންތަކަށް ފުރަގަސްދީ އިންސާނީ ހައްގުތައް ނިގުޅައިގަނެ ގާނޫނު އަސާސީއިން ލިއްބައިދޭ ހައްގުތައް ހަނިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވެސް މިބަޔާނުގައިވެއެވެ. 

އދ ގެ ހިއުމަން ރައިޓްސް ކައުންސިލްއިން 2012 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައި ވެސް 34 ގައުމެއް ގުޅިގެން ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެެފައިވެއެވެ. 

ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ ފެބްރުއަރީ މަހުގެ ފަސްވަަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ. އެންމެ ފުރަތަމަ 15 ދުވަަސް އިއުލާނުކުރިއިރު އޭގެ މުއްދަތު ހަމަވުމާއެކު ސަރުކާރުން ވަނީ  38 މެމްބަރުން ވޯޓާއެކު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައެވެ. ގާނޫނީ ބޭފުޅުން ވިދާޅުވަނީ 38 މެމްބަރުންގެ ވޯޓުން އެފަދަ ނިންމުމެއް ފާސްކުރުމަށް ގާނޫނު އަސާސީ ތަން ނުދޭ ކަމަށެވެ. އެހެން ނަމަވެސް ސްޕްރީމްކޯޓުގައި ނިންމައިފައިވަނީ މަޖިލީހުގެ އެނިންމުން ރަގަޅު ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް