ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 17:17
ރައީސް ޔާމީން: އަންހެނުންގެ ހައްޤުތަކަށް ސަރުކާރުން އިސްކަމެއްދޭ ކަމަށް ވިދާޅުވި
ރައީސް ޔާމީން: އަންހެނުންގެ ހައްޤުތަކަށް ސަރުކާރުން އިސްކަމެއްދޭ ކަމަށް ވިދާޅުވި
ރާއްޖެއެމްވީ
ރައީސް ޔާމީން
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމަކީ އަންހެނުންގެ ޙައްޤުތައް ހޯދައިދިނުން: ރައީސް ޔާމީން
އަންހެނުންގެ ދުވަހުގެ ދުވަހުގެ ތަހުނިޔާ ފޮނުވަން
އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުތަކަކަށް ވަނީ ބަދަލު ގެނެވިފައި
ޢާންމުކޮށް ކޮށް ނޫޅޭ ބާވަތުގެ މަސައްކަތްތަކުން މިއަދު ޒުވާން އަންހެން ކުދިން ފެންނަމުންދޭ

ސަރުކާރުން މިއަދު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ އެއް ކަމަކީ، އަންހެނުންގެ ޙައްޤުތައް ހޯދައިދީ، އެކި ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހާގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން އިތުރަށް ހޯދައިދިނުމަށް މި ސަރުކާރުން ބައެއް ޤާނޫނުތަކަށް ބަދަލުގެނެސް، އެ ޤާނޫނުތަކަށް މިހާރު ޢަމަލުކުރަން ގެންދާ ކަން ފާހަގަކުރައްވާފައެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުން މިއަދު ބަލައިގަނެފައި ވާކަމީ ވެސް ރާއްޖެ މިރޮނގުން ހޯދާފައިވާ ވަރަށް ބޮޑު ކާމިޔާބީއެއް ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، އެކި ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަކީ ވެސް، ސަރުކާރުން މިއަދު ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމެއް ކަން އެމަނިކުފާނު ވިދާޅުވިއެވެ. މިކަމުގެ އެންމެ މުހިންމު ބޭނުންފުޅަކީ، ރާއްޖޭގެ ތަޢުލީމީ އަންހެން ބޭފުޅުންގެ ބައިވެރިވެވަޑައިގަތުން ޤައުމީ ތަރައްޤީގައި އިތުރުކުރެއްވުން ކަމަށާއި، އަދި އެބޭފުޅުންނަކީ ވެސް ޤައުމުގެ ކުރިއެރުމުގައި މުހިއްމު ބައެއް ކަމުގެ ޔަޤީންކަން އެރުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންގެ ގޮތުގައި އަންހެން ބޭފުޅުން ހަމަޖައްސަވަމުން ގެންދަވަނީ ވެސް އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ކުރަމުން ގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރެއިން ރަނގަޅު ޖީލެއް ބިނާކޮށް، އެއްވެސް ތަފާތު ކުރުމެއް ނެތި މިއަދުގެ ކިޔަވާ ކުދިންނަށް ތަރުބަވީ ތަޢުލީމުގެ ތެރެއިން ރަނގަޅު ފުރުޞަތުތައް ފަހިކޮށްދިނުމަކީ ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި ވިއެވެ.

މިއަދުގެ ޚިޠާބުގައި، ރާއްޖޭގެ އަންހެން ކުދިންނަށް ތަޢުލީމީ ރޮނގުންނާއި މަސައްކަތްތެރިކަމުގެ ރޮނގުން ތަފާތު ފުރުޞަތުތައް ހުޅުވާލުމަށް ސަރުކާރުން މިއަދު ފައްޓާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ ބާވަތުގެ (ނޮން-ސްޓީރިއޯ ޓައިޕް) މަސައްކަތްތަކުން މިއަދު ޒުވާން އަންހެންކުދިން ފެންނަމުންދާކަން އެއީ، ޤައުމުގެ ކުރިމަގު އުޖާލާވަމުން އަންނަ ކަމުގެ ހެއްކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޙިޠާބު ނިންމަވާލައްވަމުން އަންހެނުންގެ ތަރައްޤީއަށާއި ކުރިއެރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ރާއްޖޭގެ އަންހެން ބޭފުޅުންނަށް ދެއްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 މާރޗް 2018 | ބުރާސްފަތި 12:40
ހޫން
ހޫން