ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 09:09
ރައީސް މުހައްމަދު ނަޝިދު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ހޯސްޓް، އާމިރު ސަލީމަށް އިންޓަވިއު ދެއްވަނީ
ރައީސް މުހައްމަދު ނަޝިދު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ހޯސްޓް، އާމިރު ސަލީމަށް އިންޓަވިއު ދެއްވަނީ
ރާއްޖެއެމްވީ
ރައީސް މުހައްމަދު ނަޝީދު
ރައީސް ޔާމީން ސަރުކާރު ވަނީ ހައްދުން ނެއްޓިފައި، ބަޑިވެސް ޖަހާނެ: ރައީސް ނަޝީދު
ސިފައިންއި ފުލުހުންގެ ތެރެއިން ގިނަ މީހުން ރައީސް ޔާމީނާ އިދިކޮޅު
މި އޮޑިއެއް ސަލާމަތެއް ނުވާނެ މި ކައްޕި ބަހައްޓައިގެންނެއް، އޮޑިން ބޭރުކުރާންވީ ނޫންތޯ
ދިވެހި ދައުލަތް ދަރަނީގެ ޗޭނަކުން ދަނީ ބަނދެވެމުން، ސަލަމާތްވެވޭނެ މަގެއްވެސް ފެންނަން ނެތް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހައްދުން ނައްޓާފައިވާ ކަމަށާއި ވެރިކަން ދިފާއުކުރުމަށްޓަކައި އެ މަނިކުފާނު "ބަޑިވެސް ޖައްސަވާނެ" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގެ ބުރާސްފަތި ދުވަހުގެ ހާއްސަ މެހްމާނެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެ ހިސޯރުކުރުމުގެ އިތުރުން ސިފައިންނާއި ފުލުހުންގެ އިސްވެރިން ހައްޔަރުކުރާ ހަމައަށް ގެންދިއުމަކީ ހައްދުން ނެއްޓުން ކަމަށެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފް ހައްޔަރުކޮށްފައިވާ ކަމަށާއި، ޒަކަރިއްޔާ މަންސޫރުވެސް ބަންދުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަމަވެސް ޒަކަރިއްޔާ މަންސޫރު ހައްޔަރު ނުކުރާ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.

 

ސިފައިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް، މަޖިލީހުގެ މެމްބަރުން ވެއްދެވުމަށް ހުރަސް އަޅަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން، އެމްއެންޑީއެފްގެ ޖެނެރަލުންގެ ތެރެއިން އޮންމެ އިސްކޮށް ތިއްބެވި ހަތް ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ސަރުކާރުގެ ސިޔާސަތާ ދެކޮޅު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ސިފައިންގެ ތެރެއިން ގިނަ މީހުން ރައީސް ޔާމީނާ އިދިކޮޅު. ފުލުހުންގެ ތެރެއިން ގިނަ މީހުން ރައީސް ޔާމީނާ އިދިކޮޅު. މީގެ ދެން އޮތީހަމަ ވަގުތު ކޮޅެއް. އަޅުގަނޑުމެންނަށް މި ރީތިކޮށް ގޮސް ފެންނާނެ، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް ފެންނާނެ، މިގޮތަކަށް މި ކަމެއް ނުހިފޭއްޓޭނެ، މި އޮތީ މި ހައްދުން ނައްޓާފައި، ފަރަށް އަރަން،" ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމޭނެ ކަމަށް ފާހަގަކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ކައްޕަ ބުނާ ގޮތް ފަޅުވެރިން ހަދަންޖެހޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅެވެފައިވާ ވާހަކައަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނާއެކު އޮޑި ސަލާމަތް ނުކުރެވޭނެ ކަމަށެވެ. ރައީސް ޔާމީން އޮޑިން ބޭރުކުރަންޖެހޭ ކަމަށާއި، ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އަދިވެސް އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި އޮޑިއެއް ސަލާމަތެއް ނުވާނެ މި ކައްޕި ބަހައްޓައިގެންނެއް... އޮޑިން ބޭރުކުރާންވީ ނޫންތޯ. ޝައްކެއްވެސް ނެތެއް ނޫންތޯ، ކައްޕި އޮޑިން ބޭރުކުރަންވެފައޭ އެހުރީ... ކައްޕި ބަދަލުކުރެވޭނެ، ކައްޕި ބަދަލުކުރެވޭނެ، އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން ވެރިކަމުން ބޭލުމަށް އަދިވެސް އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ތަނަކީ ރައްޔިތުންގެ މަޖިލިސް،"ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

 

ރައީސް އަބްދުﷲ ޔާމީން 

އެ މަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ އިޤްތިސާދީ ސިޔާސަތާއެކު ޤައުމު ބޮޑު އަނދަވަޅަކަށް ވެއްޓެންދާކަމަށެވެ. އަދި ދަރަނީގެ ޗޭނަކުން ބަނދެވެންދާ ކަމަށާާއި، ސަލަމާތްވެވޭނެ މަގެއްވެސް ފެންނަން ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގެ އިޤްތިސާދީ ސިޔާސަތުގެ ދަށުން ނަގަމުން ގެންދާ ބައެއް ދަރަނިތައް އެމަނިކުފާނު ވަނީ މިސާލެއްގެ ގޮތުގައި ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ދައުލަތެއްގެ ސިފަ ބަދަލުކޮށް، ޑިމޮކްރަސީގެ ހުރިހާ ސިފަތަކެއް ގެއްލުވާލަމުން އަންނަކަމަށެވެ. އެގޮތުން ޑިމޮކްރަސީގައި އޮންނަ ދެފުށް ފެންނަ އުސޫލު ގެއްލުވާލާފައިވާ ކަމަށާއި ޤާނޫނު އަސާސީއަށާއި، ޤާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނެވިކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ޤާނޫނު އަސާސީއަށާއި، ޤާނޫނުތަކަށް ބަދަލު ގެނައުމަށްފަހު ޓެންޑަރ ކުރުމެއް ނެތި ޗައިނާގެ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ރައީސް ޔާމީންގެ ސަރުކަރުން ދީފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

 

ރައީސް ޔާމީނާއި ޗައިނާގެ ރައީސްއާއެކު

އެ ކޮންޓްރެކްޓުތަކުގެ އަގު ވަރަށް ބޮޑަށް އުފުލާފައިވާ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ބްރިޖްގެ އެސްޓިމޭޓެއް ދެ ކުންފުންޏަކުން ހެދިކަމަށެވެ. އަދި އެއް ކުންފުނިން އަގުގެ ގޮތުގައި ބުނެފައިވަނީ 74 މިލިއަން ޑޮލަރުކަމަށާއި، އަނެއް ކުންފުނިން ހަށައަޅާފައިވާ އަގަކީ 76 މިލިއަން ޑޮލަރުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް ރައީސް ޔާމީން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ބްރިޖް ހަދަމުންގެންދަނީ 300 މިލިއަން ޑޮލަރަށްކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބްރިޖް ހެދުމަށް ފައިސާ ނަގަނީ ބޮޑު އިންޓްރެސްޓް ރޭޓުގައި ކަމަށެވެ. ނުވަތަ ކްރެޑިޓަށް ކަމަށެވެ. އެހެންކަމުން އެ ފައިސާ ދެއްކޭނެ އެއްގޮތްވެސް ނެތްކަމަށާއި، އާހިރުގައި އެ ފައިސާ ދެއްކޭނެ ގޮތެއް ނެތި ޖެހޭނީ މުޅި ޤައުމު ވިއްކާލުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ފައިސާ ނުދެވުނީމައި، އިކިއުޓީ، ހިއްސާ ދެހެރޭ. ހިއްސާ ދިނުމުގެ ތެރޭގައި ގޯތި ގެއްލެނީ. ގޯތީގެ ރަޖިސްޓްރީ ބާއްވައިފައި ބޮޑު އަގުގައި ފައިސާ ނަގާފައި، ފައިސާ ނުދެއްކުނީމައި ގޯތި ގެއްލޭކަން އެއީ އަޅުގަނޑުމެން ހުރިހާ ދިވެހިންނަށްވެސް ސާފުވާނެކަމެއް. ދިވެހިރާއްޖޭގެ ރަޖިސްޓްރީ ބާއްވަވައިގެން ޔާމީން ފައިސާ ނަންގަވަނީ. އެ ނުދެއްކުނީމާ އަޅުގަނޑުމެންގެ ރާއްޖޭގެ ރަޖިސްޓްރީ ގެއްލެނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
9 މާރޗް 2018 | ހުކުރު 04:56
ގާދިރު
ތިވަރުގެ ރައްޔިތުންދެކެއަދިރައްޔިތުންލޯބިވަވެރިއަކުހަމަނެތޭ ނުވެސް ހުންނާނެޔޭ
8 މާރޗް 2018 | ބުރާސްފަތި 10:19
ކާލިމު
ސަބާހޭ ނަޝީދު