ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 18:37
ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ
ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ
ޓްވިޓަރ
ފަލަސުރުހީ
މަޖިލީހަށް އެންޓި ޑިފެކްޝަން ގާނޫނު ހުށަހެޅުމަކީ މަޖިލީހުގެ މެންބަރުން ލައްވާ އެމީހުންގެ އަދަވަޅުކޮނުން ފަދަ ކަމެއް: އީސަ
ރައްޔިތުންގެ މަޖިލިސް ވަނީ ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށުގައި
އެންޓި-ޑިފެކްޝަން ގާނޫނު އަސަރު ކުރަނީ އެ ގާނޫނު ފާސްކުރާ މެންބަރުންނަށް
މިފަދަ ގާނޫނެއް ފާސްނުކޮށް އެކަމާ ދެކޮޅަށް މެންބަރުން ނުކުންނަން ޖެހޭ

ރައްޔިތުންގެ މަޖިލީހަށް އެންޓި ޑިފެކްޝަން ގާނޫނު ހުށަހެޅުމަކީ މަޖިލީހުގެ މެންބަރުން  ލައްވާ އެމީހުންގެ އަދަވަޅުކޮނުން ފަދަ ކަމެއް ކަމަށް  ކުރީގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ (އީސަ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، މިއަދު ފެނިގެންދަނީ ގާނޫނު ހަދާ މަޖިލީހުގެ ބާރު ކަނޑުވާލި މަންޒަރު ކަމަށާއި ގާނޫނު ހަދާ މަޖިލީހަކީ ގާނޫނު އަސާސީގައި ބުނެފައިވާގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ގާބިލްކަން ހުރި ތަނެއްގެ ގޮތުގައި މިއަދު ނުފެންނަ ކަމަށެވެ. މިއަދު ރައްޔިތުންގެ މަޖިލީހަކީ ސިފައިންނާއި ފުލުހުންގެ ބާރުގެ ދަށުގައި ބާއްވައިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނިޔާވެރިކަމުގައި ގާނޫނީ ސިފަ ޖެއްސުމަށްޓަކައި ހިސޯރުކޮށްގެން އުޅޭ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

" އެންޓި-ޑިފެކްޝަން ގާނޫނު ފާސްކޮށްފި ކަމުގައިވާ ނަމަ އެގާނޫނު ފާސް ކުރާ މެންބަރުންގެ ނިމުން މާ ހިތިވާނެ. އެބޭފުޅުން ރޯންޖެހޭ ރުއިން އަދާކުރަންޖެހޭ އަގު މާބޮޑުވާނެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުން ކަލެކްޓިވްލީ ނިކުމެ، މި ގާނޫނު ފާސްނުކުރާނެ ކަމަށް ބުނަންޖެހޭ." އީސަ ވިދާޅުވި އެވެ

އީސަ އިތުރަށް ވިދާޅުވީ، މި ގާނޫނު ފާސްކޮށްފި ކަމުގައިވާ ނަމަ މެންބަރުން ދިރިތިއްބާ ވަޅުލުމަކާ އެއްވެސް ތަފާތެއް ނެތް ކަމަށާއި މިފަދަ ގާނޫނެއްގެ ތެރެއިން މެންބަރުން އުމުރު ދުވަހަށް އަޅުވެތި ވެގެންދާނެ ކަމަށެވެ.

މިގާނޫނާއި އެކު މަޖިލީސް މެންބަރުންނަކީ އެއްވެސް ބައެއް ނޫން ކަމަށް އަމިއްލައަށް ނިންމެނީ ކަމަށް އީސަ ވިދާޅުވި އެވެ. މިކަމާ މެންބަރުން ވެސް ވިސްނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެފަދަ މެންބަރުން ރައްޔިތުންނާއެކު ނިކުންނާނެ ކަމަށް އީސަ ވިދާޅުވިއެވެ.

އެންޓި-ޑިފެކްޝަން ގާނޫނުގައިވާގޮތުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެމްބަރަކަށް ކަނޑައަޅާފައިވާ ހާލަތްތަކުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، އެކަން އިލެކްޝަންސް ކޮމިޝަންއިން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ އެވެ.

މިބިލުގައިވާ ގޮތުން މިބިލް ގާނޫނަކަށް ބަދަލުވެ، މި ގާނޫނުގެ މަގްސަދު ހާސިލް ކުރުމަށްޓަކައި އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި، އުސޫލުތައް ހިމެނޭ ގަވާއިދެއް އެކުލަވާލަންޖެހެ އެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ބ)ގައި ބުނެފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުގައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް