ކ. މާލެ
|
7 މާރޗް 2018 | ބުދަ 23:30
ޤާއުމީ އެއާލައިން، މޯލްޑިވިއަންގެ ބައެއް ސްޓާފުންނާއެކު އެ ކުންފުނީގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
ޤާއުމީ އެއާލައިން، މޯލްޑިވިއަންގެ ބައެއް ސްޓާފުންނާއެކު އެ ކުންފުނީގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
ރިޒްނާ ޒަރީރު
ކުއްލި ނުރައްކަލުގެ ހާލަތު
ދަތުރުކުރާނެ މީހުން ނުލިބުމުގެ ސަބަބުން މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓުމަކަށް!
ދަތުރުކުރާނެ މީހުން ނުލިބެނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ސަބަބުން
ގިނަ ބުކިންތަކެއް ކެންސަލްކޮށްފައިވޭ، ޗައިނާއިން އަންނަ ފަތުރުވެރިން އަދަދު ވަރަށް ބޮޑަށް ދަށަށްގޮސްފައިވޭ
މޯލްޑިވިއަންއިން ބުނެފައިވަނީ ދަތުރުތައް ހުއްޓާނުލާކަމަށް

ދަތުރުކުރާނެ މީހުން ނުލިބުމުގެ ސަބަބުން، ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ. 

 

ޤައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކާ ހަވާލާދީ އެލްއެކްސް ޓްރެވަލާ ވެބްސައިޓްގައި ބުނެފައި ވަނީ މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް ނިންމާފައިވަނީ ދަތުރުވެރިން ނުލިބުމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެ ވެބްސައިޓްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން ރާއްޖެއަށް ދަތުރު ނުކުރުމަށް ޓްރެވަލް އެޑްވައިޒަރީތައް ނެރެފައިވާތީ އެވެ. 

 

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލާއި ހަވާލާދީ ވެބްސައިޓްގަިއ ބުނެފައިވާގޮތުން ދަތުރުކުރާނެ މީހުން ނެތި ފްލަައިޓް ބޭއްވުމަކީ ކުންފުންޏަށް ގެއްލުންވާނެ ކަމެކެވެ. އެހެންކަމުން ޗައިނާއަށް ކުރާ ދަތުރުތައް ކެންސަލްކުރުމަށް ނިންމައި، އެކަން މެމޯއަކުން މުވައްޒިފުންނަށް އަންގާފައިވާ ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައިވެއެވެ. 

 

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން ނަޝާތު އަލީ ވިދާޅުވީ ހުރިހާ ފްލައިޓްތައް ކެންސަލް ނުކުރާ ކަމަށެވެ. އެގޮތުން މާދަމާ ވެސް ޗައިނާއަށް ބައެއް ފްލައިޓްތައް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ނަމަވެސް ކޮންމެ އަހަރަކުވެސް މިދުވަސްވަރާއި ދިމާކޮށް ޗައިނާއަށް ކުރާ ދަތުރުތައް މަދުވާ ކަމަށް ނަޝާތު ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ކޮންމެ އަހަރަކުވެސް މިދުވަސްވަރު ދިމާވާކަމެކެވެ. 

 

އެ ވެބްސައިޓުގައިވެސް ބުނެފައިވާގޮތުގައި ރާއްޖެއާއި އެންމެ ގާތް ގުޅުމެއް އޮންނަ ޗައިނާއިން ޓްރެވަލް އެޑްވައިޒަރީއެއް ނެރުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ މީހުންގެ އަދަދު ވަނީ އެތައް ގުނައެއް ދަށަށްގޮސްފަ އެވެ. ޗައިނާއަކީ ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.

 

އެ ވެބްސައިޓުގައިވެސް ބުނެފައިވާ ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު، ގިނަ ރިސޯޓު އަދި ގެސްޓް ހައުސްތަކުގެ ބުކިންތައް އަންނަނީ ކެންސަލް ކުރުމުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމަށެވެ. 

 

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި ގުޅިގެން ޗައިނާ ހިމެނޭގޮތަށް ޔޫރަޕްގެ ގިނަ ޤައުމުތަކުން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީތައް ނެރެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް