ކ. މާލެ
|
7 މާރޗް 2018 | ބުދަ 16:41
ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ އަންހެން ކަނބަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ އަންހެން ކަނބަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އަންހެނުންގެ ދުވަސް
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ހިނގާލުމެއް ބާއްވަނީ
މި ހިނގާލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 06:45 ގައި
އަޑުގަދަ ކުރާ ބޭނުންކުރުމުގެ ބަދަލުގައި އަންހެނުންގެ ދުވަހުގެ ޝުއޫރު ފާޅުކުރުމަށް ވަނީ ނިންމާފައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަންހެން ކަނބަލުން އިސްނަގައިގެން އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މާދަމާ ހެނދުނު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އަންހެން ކަނބަލުންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވީ ހިނގާލުން ބާއްވަން ނިންމި މައިގަނޑު މަގްސަދަކީ އަމަލީ ގޮތުން އަންހެން ކަނބަލުން ކުރާ މަސައްކަތްތަކުގައި ކުރިއަށް ދިއުމަށްޓަކައި އަދި ބަސް ބުނުމަށްޓަކައި ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

މި ހިނގާލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު މ. ކުނޫޒް ސަރަހައްދުންނެވެ.

"ފަހަރުގައި ހިތަށްއަރާފާނެ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތަކަށްވުމުން މިއީ ސިޔާސީ ހަރަކާތެކޭ. މިއީ ހަމަ ހަޤީޤަތުގައިވެސް އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތެއް.  އަޅުގަނޑުމެންނަކީ ސިޔާސީ ގޮތުން ވެސް އަދި އިޖްތިމާއީ ގޮތުން ވެސް އެކި ދާއިރާތަކުން އަންހެނުން ކުރިއަށް ނެރުމަށް މަސައްކަ ތްވެސް ކުރާ ބައެއް" އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުޤައްރިރު ޝިދާތާ ޝަރީފް ވިދާޅުވިއެވެ.

މި ހިނގާލުން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވަނީ އަޑުގަދަ ކުރާ ބޭނުންކުރުމުގެ ބަދަލުގައި އަންހެނުންގެ ދުވަހުގެ ޝުއޫރު ފާޅުކުރުމުގެ ގޮތުން ބޯޑުތަކެއް ނުވަތަ ލިޔުންތަކެއް ބޭނުން ކުރުމަށެވެ.

"ހަމަ މި ހިނގާލުން ނިންމާލާފައި އަޅުގަނޑުމެންނާއެކު ސައިގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރަން. ހުރިހާ އަންހެން ކަނބަލުންނާއެކު ބައިވެރިވެ ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް އަދި ހިތްހަމަޖެހުމެއް" ރައީސް މައުމޫން ފެކްޝަންގެ ކުރީގެ ނައިބު ރައީސާ އައިމިނަތު ނާދިރާ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީހުގެ ފޮރިން ރިލޭޝަންސް ކޯޑިނޭޓަރ ނިޝާނާ ހަސަން ވިދާޅުވީ މި ހިނގާލުމުގައި ޒުވާނުން ބައިވެރިވުމަކީ ވަރަށް ބޮޑަށް އެދިލައްވާ ކަމެއް ކަމަށާއި ޒުވާނުންނަކީ މި ޤައުމުގައި މިސާލު ދައްކަން ތިބޭ ބައެއް ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދު ވިދާޅުވީ މި ހަރަކާތުގައި ދެ ޖިންސުގެ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށާއި ވިހާވެސް ގިނަ ފަރާތްތަކުން މި ހަރަކާތުގައި ބައިވެރިވުމަށް އެދިލައްވާ ކަމަށެވެ.

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް