ކ. މާލެ
|
7 މާރޗް 2018 | ބުދަ 16:38
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައެއް މެންބަރުން
ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި ބައެއް މެންބަރުން
ޓްވިޓަރ
އެންޓި ޑިފެކްޝަން ބިލް
އެންޓި ޑިފެކްޝަން ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ޕީޕީއެމްގެ ގިނަ މެންބަރުން ދެކޮޅު!
ބިލް އަނބުރާ ގެންދަން ބަންޑާރަނައިބު ބޭނުމެއް ނުވޭ
ބިލަށް ފުރިހަމައަށް ތާއީދުކުރާ ތިން މެންބަރުން ވެސް ހަމަނުވޭ
މިހާރު އޮތް ގޮތަށް ބިލް ފާސްކުރަން މެންބަރުން ބޭނުން ނުވާކަން ފާޅުގައި ހާމަކުރި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީއިން ވަކިވެއްޖެނަމަ، މެންބަރުކަމުގެ ގޮނޑި ގެއްލޭގޮތަށް ހުށަހަޅާފައިވާ އެންޓި ޑިފެކްޝަން ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން، ވެރިކަން ކުރާ ޕީޕީއެމްގެ ގިނަ މެންބަރުން ދެކޮޅުކަން ހާމަކޮށްފި އެވެ.

އެންޓި ޑިފެކްޝަން ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ޕީޕީއެމް- އެމްޑީއޭ ކޯލިޝަނުގެ މެންބަރުންގެ މެދުގައި ބިލާ މެދު ހުރި ކަންބޮޑުވުންތައް ބަންޑާރަނައިބުއާ ހިއްސާ ކުރުމަށް ބުދަ ދުވަހު މުލިއާގޭގައި ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.

ގާތްގަނޑަކަށް ދެގަޑިއިރަށް ދިގުދެމިގެންދިޔަ އެ ބައްދަލުވުމަށް ފަހު، ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެންބަރަކު ވިދާޅުވީ އެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރަން ތާއީދުކުރާ ތިން މެންބަރުން ވެސް ހަމަނުވާ ކަމަށެވެ. ބަންޑާރަނައިބު މުހައްމަދު އަނިލް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި، މެންބަރުން ފާޅުގައި ބިލަށް ދެކޮޅު ހެއްދެވިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން ބިލުގައި ހުރި ކަންބޮޑުވާ ގިނަ ކަންތައްތަކެއް އަނިލްއާ ހިއްސާކުރެއްވިއިރު، މައުލޫމާތު ދެއްވި މެންބަރު ވިދާޅުވީ ބިލް އަނބުރާ ގެންދަން އަނިލް ބޭނުންފުޅެއް ނުވެއެވެ. ނަމަވެސް، ކޮމެޓީ މަރުހަލާގައި "ބައެއް" ބަދަލުތައް ގެނެވިދާނެ ކަމަށް އަނިލް ވިދާޅުވި ކަމަށް، މެންބަރު ވިދާޅުވިއެވެ.

"ގިނަ މެންބަރުންނަކަށް ގަބޫލެއް ނުކުރެވޭ ގާނޫނު އަސާސީ އިސްލާހުނުކޮށް، މިފަދަ ބިލެއް ހުށަހަޅައިގެން ގާނޫނަކަށް ހަދައި އޭގެ މައްޗަށް އަމަލުކުރަން ފެށިދާނެ ކަމަށް. ގާނޫނު އަސާސީގައި ވަރަަށް ސާފުކޮށް އެބަހުރި ގޮނޑި ގެއްލޭނެ ހާލަތުތައް، އެހެން ހުއްޓައި އެއާ ތައާރުޒުވާފަދަ ގޮތަކަށް ގާނޫނެއް ހެދި ދާނެ ކަމަށް ގަބޫލެއް ނުކުރަން،" މެންބަރު ވިދާޅުވިއެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިއުން ބުދަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. އަންނަ ހަފްތާގައި އެ ބިލަށް ބަހުސް ކުރަން ފަށަން ހަމަޖެހިފައިވާއިރު، ބަހުސް މަރުހަލާއަށް ފަހު ބިލް ދިރާސާކުރަން ކޮމެޓީއަށް ފޮނުވާނެއެވެ.

އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާ އެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއާތުތައް ބަޔާން ކުރާ ގާނޫނެކެވެ. 

ބިލުގައިވާ ގޮތުގައި، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވާ މެންބަރަކު އެ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓިއަކާ ގުޅިއްޖެނަމަ އޭނާގެ މައްޗަށް ވެސް ހިނގާނީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވާ މެންބަރުންގެ މައްޗަށް ހިނގާ އުސޫލެވެ. އެގޮތުން، އޭނާ ގުޅޭ ޕާޓީއިން ވަކިވުން ނުވަތަ ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަނޑައަޅައިދިނުމަށް ބަންޑާރަނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި، ޚިޔާލު ތަފާތުވުން ބޮޑުވި ސިޔާސީ ޕާޓީގެ ގާނޫނުގެ މާއްދާ އުވާލަން ވެސް ވަނީ ހުށަހަޅާފައެވެ. އެ މާއްދާއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އެވެ.

އެ މާއްދާގައިވަނީ، ގާނޫނުއަސާސީއާއި ގާނޫގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. ސުޕްރީމް ކޯޓުގައި، ޝަރީއަތް ކުރިއަށްދިޔައިރު، މި މާއްދާ ބާތިލް ކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުނެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލްކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތުތައް ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ. ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާނޫނު އަސާސީގެ މި މާއްދާއަށް އިސްލާހު ގެނެއުމެއް ނެތި، މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ގާނޫނެއް ހަދައިފިނަމަ އެކަން ގާނޫނު އަސާސީއާ ތައާރުޒުވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 މާރޗް 2018 | ބުދަ 11:42
ވގ
ނިމެނީ ނިމެނީ ކައްޕި ފިލާނެ އަވަހަށް އޮޑިން ފުއްމާލާ .....