ކ. މާލެ
|
7 މާރޗް 2018 | ބުދަ 14:08
އަފީފް، ޑެޕިއުޓީ ސްޕީކަރ ކަމުގެ ހުވާކުރައްވަނީ
އަފީފް، ޑެޕިއުޓީ ސްޕީކަރ ކަމުގެ ހުވާކުރައްވަނީ
ސީޝެލްސް ނިއުސް އޭޖެންސީ
ސީޝެލްސް
ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބުރައީސްއަކަށް ރައީސް އަފީފުގެ ދަރިކަލެއް
އަޙުމަދު އަފީފު އެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ އެސެމްބްލީގެ ޚާއްސަ ޖަލްސާއެއްގައި

ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީސް (ނޭޝަނަލް އެސެމްބްލީ) ގެ ޑެޕިއުޓީ ސްޕީކަރގެ މަޤާމަށް، ދިވެހިރާއްޖެއަށް ނިސްބަތްވެވަޑައިގަންނަވާ އަޙުމަދު އަފީފް އިންތިޚާބުކޮށްފިއެވެ.

އަޙުމަދު އަފީފަކީ، 1959 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން، 1963 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހާއި ހަމައަށް، ހުވަދޫ، ފުވައްމުލައް އަދި އައްޑޫ ހިމެނޭގޮތަށް ރާއްޖޭގެ ދެކުނުގައި ވަކި ދައުލަތެއްގެ ގޮތުގައި ހިންގި އެކުވެރި ސުވާދީބު ޖުމްހޫރިއްޔާގެ ރައީސް، ޢަބްދުﷲ އަފީފު ދީދީ (އެއްޅަ ދީދީގެ އަލިދީދީގެ އަފީފު) ގެ ދަރިކަލެކެވެ.

ނޭޝަނަލް އެސެމްބްލީގެ އެންމެ އިސް ދެ މަޤާމަށް އައު ބޭފުޅުން އިންތިޚާބުކޮށްފައި މިވަނީ އެ މަޖިލީހުގެ ސްޕީކަރ، ޕެޓްރިކް ޕިއްލޭ މި އަހަރުގެ ޖަނަވަރީ މަހު، މަޤާމުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ. މިކަމަށްޓަކާ ބޭއްވި ނޭޝަނަލް އެސެމްބްލީގެ ޚާއްސަ ޖަލްސާގައި އެސެމްބްލީގެ ރައީސްކަމަށް އިންތިޚާބުކޮށްފައި ވަނީ އެ އެސެމްބްލީގެ ކުރީގެ ޑެޕިއުޓީ ސްޕީކަރ ނިކޮލަސް ޕްރިއާއެވެ. އަދި ޑެޕިއުޓީ ސްޕީކަރގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ އަޙުމަދު އަފީފެވެ.

އެކުވެރި ސުވާދީބު ޖުމްހޫރިއްޔާގެ ދުވަސްވަރު ރާއްޖޭގެ ދެކުނުގެ ތިން އަތޮޅަށް، ޚާއްސަކޮށް އައްޑޫއަށް ތަރައްޤީގެ މިންގަނޑުން ގިނަ ކުރިއެރުންތަކެއް އައި ނަމަވެސް، ރާއްޖޭގެ މައި ސަރުކާރުން އެ ދައުލަތް ސިފަކުރީ ބަޢާވާތެއްގެ ގޮތުގައެވެ. 1963 ވަނަ އަހަރު އެކުވެރި ސުވާދީބު ޖުމްހޫރިއްޔާ އުވުމާއި އެކު، އިނގެރޭސިންގެ ހިމާޔަތުގައި އަފީފާއި އަފީފުގެ އާއިލާ ސީޝެލްސްއަށް ގެންދެވުނެވެ. އެހިސާބުން ފެށިގެން، 1993 ވަނަ އަހަރު އަވަހާރަވުމާއި ހަމައަށް އަފީފް ދިރިއުޅުއްވީ ސީޝެލްސްގައެވެ.

އަފީފުގެ ދިރިއުޅުއްވުން ސީޝެލްސްގައި ބިނާ ކުރެއްވިއިރު، އެމަނިކުފާނުގެ އެކިއެކި ބޭފުޅުން ފާހަގަކުރެވެނީ ސީޝެލްސްގެ ޤަދަރުވެރި، މުހިއްމު މަޤާމުތައް ފުރުއްވަމުން ގެންދަވާ ބޭފުޅުންގެ ގޮތުގައެވެ.

ރައީސް އިބްރާހިމް ނާސިރުގެ އަރިސް ބައެއް ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި އިނގެރޭސިންގެ ހިމާޔަތުން ރާއްޖެ އެކުގައި ވަކިވުމަށް އިބްރާހިމް ނާސިރު ނިންމެވި މައިގަނޑު އެއް ސަބަބަކީ އިނގެރޭސިން އަފީފަށް ހިމާޔަތްދީ، އެމަނިކުފާނު ސީޝެލްސްއަށް ގެންދިއުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް