ކ. މާލެ
|
7 މާރޗް 2018 | ބުދަ 13:34
ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް އަބްދުﷲ ޖިހާދު (މ)
ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހުގެ ރަސްމިއްޔާތުގައި ނާއިބު ރައީސް އަބްދުﷲ ޖިހާދު (މ)
ރައީސް އޮފީސް
ނާއިބު ރައީސް ޖިހާދު
ނަޒާހަތްތެރިކަން އިތުރުކޮށް، ޑިމޮކްރަސީއަށް ތަބާވުން ވާޖިބަކަށް ވާންޖެހޭ: ނާއިބު ރައީސް
ޖިހާދުތައް ކުރެއްވި ބަޠަލުންގެ ޒިކުރާ އާ ކުރަންޖެހޭ ކަމަށް ވިދާޅުވި
ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ވިސްނަންޖެހޭ ކަމަށް ވިދާޅުވި
ގޮންޖެހުމަކީ ހަލަބޮލި ދިރިއުޅުން ކަމަށް ވިދާޅުވި

ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް އަހުލުވެރިވެ، އެ ނިޒާމަށް ތަބާވެ، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރަން ދަސްކޮށްދިނުމަކީ ވާޖިބަކަށް ވާންޖެހޭނެ ކަމަށް ނާއިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ސަރުކާރުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޤައުމިއްޔަތުގެ ފެށުމާއި ނިމުން ގުޅިފައި ވަނީ ޤައުމާއި، ޤައުމެއްގެ ގޮތުގައި އުފެދިގެން މިހާތަނަށް ގެނެސްދިން އަސާސްތަކާ ކަމަށެވެ. އެ އަސާސްތަކަކީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިންގެ އަމިއްލަ ދިވެހި ބަހާއި، ދިވެހިންގެ އަމިއްލަ ތާރީހާއި ސަޤާފަތް އަދި ދިވެހި ޤައުމުގެ އިސްތިގުލާލާއި މިނިވަންކަން ދެމި އޮތުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމިއްޔަތު ރައްޔިތުންގެ މެދުގައި އަށަގެންނެވުމަށްޓަކައި، މާޒީވެ ދިޔަ ތާނގައި ޤައުމީ ޖިހާދުތައް ކުރައްވާފައިވާ ބަޠަލުންގެ ޒިކުރާ، ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދިނުން އިތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި ޖަމާޢަތުގެ ރޫޙު ދިރުވައި އެކުވެރިކަން ބަދަހިކުރުމާއި، ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ނަމޫނާ ރައްޔިތަކަށް ވުމަށް ގޮވާލުމާއި، ހީވާގި މަސައްކަތްތެރިންނާއި އުފެއްދުންތެރިންގެ ވާހަކަތަކާއި، އިޖުތިމާޢީ ކަންކަމުގެ ހެޔޮ ވާހަކަ އާއި، އަދި މާޒީވެދިޔަ ތާނގައި ޤައުމީ ޖިހާދުތައް ކުރައްވާފައިވާ ބަޠަލުންގެ ޒިކުރާ، ޚަބަރުފަތުރާ ވަސީލަތްތަކުން ގެނެސްދިނުން އިތުރުކުރަންޖެހޭނެ. ހަމައެހެންމެ، ޖަމާޢަތުގެ ރޫޙު ދިރުވައި އެކުވެރިކަން ބަދަހިކުރުމާއި، ރައްޔިތުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް އަހުލުވެރިވެ، އެ ނިޒާމަށް ތަބާވެ، އިންސާނީ ޙައްޤުތަކަށް އިޙުތިރާމު ކުރަން ދަސްކޮށްދިނުމަކީވެސް މިއަދު އަޅުގަނޑުމެންގެ ވާޖިބަކަށްވާންޖެހޭނެ،" ނާއިބު ރައީސް ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހި ޤައުމިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ދޭތެރޭގައި ވެސް ވިސްނާލަންޖެހޭ ކަމުގައި ޖިހާދު ވިދާޅުވިއެވެ. އެގޮތުން ހަލަބޮލި ދިރިއުޅުމެއްގެ ތެރެއިން ދިވެހިންގެ އިޖުތިމާޢީ ފޭރާން ބަލިކަށިވުމަކީ ދިވެހި ޤައުމިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ދުވަސް ގުޅިފައި ވަނީ ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަޤްޞަދުގައި މިދިޔަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވި ތަރިކަ މަޝްރޫޢާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް